އިދާރީގޮތުން ރާއްޖެ ބަހަންޖެހެނީ 3 ނުވަތަ 4 ސަރަހައްދަށެވެ!!!

19 ސެޕްޓެމްބަރ 2010

ލިޔުނީ: ހަސަން މާހިރު/ހުޅުދޫ

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ އިދާރީ ދާއިރާތައް ކަނޑަ އެޅުއްވުމުގައި، ސަރުކާރާއި ވާދަވެރި އެންމެބޮޑު ސިޔާސީ ޕާޓީއާއި ދެމެދު އެއްބަސް ވުމަކަށް އާދެވުނުކަމުގައި ވިޔަސް، އަޅުގަނޑު ކަންބޮޑުވާ މައްސަލައަކީ، ރާއްޖޭގެ ސަރަހައްދުތައް ޕްރޮވިންސް އުސޫލުން ބަހާފައި އޮތް އަދަދު ގިނަކަމެވެ. ގަބޫލު ކުރަންޖެހޭ، ވަރަށްބޮޑު ހަގީގަތެއް އެބައޮތެވެ. ރާއްޖޭގައި ހިންގުނު ވެރިކަމުގެ ޙަޔާތުގެ މައްޗަށް ތަހުލީލީ ނަޒަރަކުން ވިސްނާއިރު، ރާއްޖެއަށް އަންނަންޖެހޭ، ކުރިއެރުންތަކަށް އެއިރުވެސް، އަދި މިހާރުވެސް، ޒަމާނާއި އެކަށޭނަގޮތުން އެޅިފައި އޮތް އެންމެ ބޮޑު ހުރަހަކީ ލާމަރުކަޒީ އުސޫލުތަކުގެ މައްޗަށް ދައުލަތް ހިންގިފައި ނެތުމެވެ. އެހެންމެ ރާއްޖޭގެ އަތޮޅުތައް ތަރައްގީކުރުމުގެ ހަގީގީ ޤާނޫނީ ބާރު ވާރުވެރިންނާއި، އަތޮޅުވެރިންނަށް ވެސް ލިބިދީފައި ނެތުމެވެ. މިހަގީގަށް މާޒީގެ ސަފްޙާތަކުން އެބަ ސާބިތުކޮށް ދެއެވެ. ޝާހީރަސްކަމުގެ ޒަމާނުގައި ރާއްޖޭގެ އަތޮޅުތައް ތަމްސީލްކުރީ ވާރުވެރިންނެވެ. އޭގެފަހުން އަތޮޅުތައް ތަމްސީލްކުރީ އަތޮޅުވެރިންނެވެ. ނަމަވެސް އެޒަމާނުގައި ވެސް މައިސަރުކާރުގެ ބަހެއްނެތި ނުވަތަ މައިސަރުކާރުގެ އިރުޝާދާއި ނުލާ އަތޮޅުތައް ތަރައްގީ ކުރުމުގެ އެއްވެސް ޤާނޫނީ ބާރެއް ވާރުވެރިންނާއި، އަތޮޅުވެރިންނަށް ޤާނޫނީ ގޮތުން ލިބިދީފައި އޮތްހެއްޔެވެ؟ ނެތެވެ. ވީހިނދު، މިއަދު އެޒަމާން ބަދަލުވެ އަތޮޅުތައް ތަމްސީލުކުރަން ތިއްބެވީ ސްޓޭޓް މިނިސްޓަރުންނެވެ. ހަގީގަތުގައި ސްޓޭޓް މިނިސްޓަރުންނަށް ވެސް ޤާނޫނީ ގޮތުން މައިސަރުކާރާއި ނުލާ އަތޮޅުތައް ތަރައްގީ ކުރުމުގެ އެއްވެސް އިޚްތިޔާރެއް ޤާނޫނީ ގޮތުން ލިބިދީފައި އޮތްތަނެއް ޤާނޫނު އަސާސީގެ 230 މާއްދާއާއި 233 މާއްދާއާއި އަދި 234 މާއްދާއިން ވެސް އަޅުގަނޑަށް ނުފެނެއެވެ. އަޅުގަނޑަށް ފެންނަނީ ޤާނޫނީ ގޮތުން އަތޮޅުތަކަށް ލިބިދީފައި އޮތް ޤާނޫނީ ބާރު މާލީގޮތުންނާއި ޙުކޫމަތުގެ މައްޗަށް ބާރު ކުޑަކުރެވިފައި އޮތް މަންޒަރެވެ. ވީހިނދު، އަދުގެ ސަރުކާރުން ރާއްޖެ 7 ސަރަހައްދުގެ މައްޗަށް އެކުލެވޭ އުސޫލުން ދައުލަތް ހިންގުމަކީ، ލާމަރުކަޒީ އުސޫލުގެ ހަގީގީ މަގުސަދު ހާސިލުވާނެ ގޮތެއްތޯއެވެ؟ ނުވާނެއެވެ. ސަބަބަކީ، ސަރުކާރުން ސަރަހައްދުތައް ބަހާފައި އޮތް އަދަދު ގިނަކަމާއި މައިސަރުކާރާއި ނުލާ އަތޮޅުތައް ތަރައްގީ ކުރުމުގެ ޤާނޫނީ ބާރު ސްޓޭޓް މިނިސްޓަރުންނަށް ޤާނޫނީ ގޮތުން ލިބިދީފައި ނެތުމެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއުސޫލު ހަމައެކަނި ކާމިޔާބު ކުރެވޭނީ ފިޑެރަލް ނިޒާމެއްގެ މައްޗަށް ދައުލަތުގެ ޤާނޫނީ ބާރުތައް އެކަށައެޅިގެންނެވެ.
ހަގީގަތުގައި އިދާރީގޮތުން ރާއްޖެ ބަހަންޖެހެނީ، 3 ނުވަތަ 4 ސަރަހައްދަށެވެ. މިސާލަކަށް ހުވަދޫ އަތޮޅާއި އައްޑޫ އަތޮޅާއި ފުއައް މުލަކަކީ، އެއް ސަރަހައްދު ކަމުގައި ވާނަމަ، އެސަރަހައްދަކީ ގުދުރަތީ ވަސީލަތް އޮތް ސަރަހައްދަކަށް ވާނެއެވެ. އެހެންކަމުން މައިސަރުކާރަށް މާލީގޮތުން ބަރޯސާނުވެ ލޯކަލް ގަވަރމެންޓަށް އެސަރަހައްދު ތަރައްގީ ކުރެވިދާނެއެވެ. ހަމައެކަނި މައިސަރުކާރުން ޙާރިޖީ ސިޔާސަތު ބަލަހައްޓާ އުސޫލުންނެވެ. މިހާރު ސަރުކާރުން ރާއްޖޭގެ ސަރަހައްދުތައް ބައިކޮށްފަ އޮތްގޮތުން މިމަގުސަދު ހާސިލު ނުވާނެއެވެ. ސަބަބަކީ 7 ސަރަހައްދަށް ރާއްޖެ ބަހާލުމުން ސަރަހައްދުތައް ކުޑަވެ މީސްކޮޅުމަދުވެ ސަރަހައްދުން ލިބޭ ގުދުރަތީ ވަސީލަތް މަދުވުމުގެ ސަބަބުން އަތޮޅަށް ލިބޭ އާމްދަނީ މަދުވާނެއެވެ. ވީއިރު، އެސަރަހައްދުން ލިބޭ އާމްދަނީން އެސަރަހައްދެއް ތަރައްގީ ކުރާނީ ކިހިނެއްހެއްޔެވެ؟ އެހެންކަމުން ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނީ ބާރު ޤާނޫނީ ގޮތުން ރާއްޖޭގެ އަތޮޅުތަކަށް ލިބިދީފައި އޮތްނަމަވެސް، ތަރައްގީގެ މައިދާނުގައި ޚަރަދު ކުރުމުގެ ޤާނޫނީ ބާރު ސްޓޭޓް މިނިސްޓަރުންނަށް ލިބިދީފައި ނެތުމާއި، ސަރަހައްދުތައް ކުޑަވުމުގެ ސަބަބުން ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އަތޮޅުތައް ތަރައްގީ ކުރުމަކީ މުސްތަޙީލު ކަމެކެވެ. ހަގީގަތުގައި ބައިކުރެވޭ ސަރަހައްދު ބޮޑުވުމަކީ، ދައުލަތް ހިންގުމަށްއޮތް ނުރައްކަލެއް ނޫނެވެ. އެފަދަ ވިސްނުމަކީ، ފިނިހަނގުރާމައިގެ ވިސްނުމުގެ ބައެކެވެ. ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖުތަމަޢުގެ ތެރޭގައިއޮތް ގައުމަކަށް ވީހިނދު، ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލް ނެތިދާނެކަމުގެ ބިރެއްނެތެވެ. އަޅުގަނޑުގެ ނަޒަރުގައި އެފަދަ ނުރައްކާތެރި ވިސްނުން ބައެއްގެ ތެރެއަށް ވާރުތަވުމަށް މަގުފަހިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބައެއްގެ މައްޗަށް ދައުލަތުގެ ވާޖިބު އަދާކުރުމުގައި ސަރުކާރެއްގެ އިހުމާލުވުމާއި، ރައްޔިތުންގެ ހައްގުތަކުގެ މައްޗަށް އިންސާފު ނެތުން މާބޮޑެވެ.