ދިވެހިރާއްޖޭގެ އަދުގެ މާލީ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރުން!

noosbayan

ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް ސަރުކާރާއި ގައުމުގެ މަރުކަޒީބޭންކުން އިހުމާލުވުމުގެ ސަބަބުން ރާއްޖޭގެ އިގަތިސާދީ ހާލަތާއި ދިވެހި ރުފިޔާގެ އަގު މިވަނީ ނުހަނު ނާޒުކު ފައްތަރެއްގެ މަތީގައެވެ. މިކަމުގެ ޒިންމާ އުފުލަންޖެހޭ އިސް ދެފަރާތަކީ ރާއްޖޭގެ މާލީ ވަޒީރާއި މަރުކަޒީ ބޭންކުގެ ގަވަރނަރެވެ. ޖުމްލަ ގޮތެއްގައި ބަލާނަމަ މި ޒިންމާ އިސްވެ އުފުލަންޖެހޭ ފަރާތަކީ ރާއްޖޭގެ ވަލީޔުލް އަމްރެވެ. ނޮވެމްބަރ 11 ގައި އައު ސަރުކާރެއް އަންނަ ހިނދު މާލީ ހާލަތު އޮތްނެތްގޮތް ރައްޔި ތުންނަށް އެގިފައި އޮތުމަކީ ކޮންމެހެން ލާޒިމް ކަމެއްގެ ގޮތުގައި އެމް ޑީ ޕީ އިން ދެކޭ ހިނދު ރާއްޖޭގެ މާލީ ހާލަތު ޖުމްލަ ގޮތެއްގައި އޮތް ގޮތް ބަލައި ޚުލާސާ އޮޑިޓެއް ކުރުމަށް އޮޑިޓަރ ޖެނެރަލް އަށް މިގޮވާލަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށެވެ.

2012 އަދި 2013 ވަނަ އަހަރަށް ބލާއިރު ދައުލަތުގެ އާމްދަނީ ވަނީ 2010 ވަނަ އަހަރު އެޅުނު ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ނުހަނު ބޮޑުތަނުން އިތުރުވެފައެވެ. ކަންމިހެންއޮތް ނަމަވެސް މި ދެއަހަރުގެ ދައުލަތުގެ ޑޮމެސްޓިކް ޑެޓް (ރާއްޖޭގެބާޒާރުން ނެގިފައިވާ ދަރަނި)ރައްޔި ތުންގެ މަޖުލީހުން ކަނޑައަޅާފައިވާ މިންގަޑު ފަހަނައަޅައި ގޮސްފައެވެ. ދައުލަތުގެ ޚަރަދުތައް ލިބޭ އާމްދަނީއާއި އެއްހަމައެއްގައި ހިފެހެއްޓުމުގެ ބަދަލުގައި ދައުލަތުގައި ނެތް މިންވަރުން ވަނީ ޚަރަދު ކުރެވިފައެވެ. މިކަންމިގޮތަށްހިގާފައިވަނީ މާލީ ވުޒާރާއިން މާލިއްޔަތު ގާނޫނާއި ޚިލާފު ވުމުގެ އިތުރުން މަރުކަޒީ ބޭންކުން، އެބޭންކަށް ކަނޑައަޅާފައިވާ ގާނޫނީ ޒިއްމާއަދާކުރުމުގައި އިހުމާލުވެފައިވާތީއެވެ. މާލިއްޔަތު ގާނޫނާއި ދައުލަތުގެ ހަރަދަށްޒިންމާވާންޖެހޭމިންވަރުގެ ގާނޫނުން ސަރުކާރުގެ މައްޗަށް ލާޒިމްކުރާ ކަންކަމަށް ފިނޭންސް މިނިސްޓްރީ އިހުމާލު ވެފައި ވާއިރު ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމާއި ސަރުކާރަށް އިގްތިސާދީ ލަފާދިނުމަކީ އެމް އެމް އޭ ގެ ގާނުނީ ޒިއްމާކަމުގައި ކަނޑައެޅިފައިވީ ހިނދު ވެސް އެމް އެމް އޭ އިން ވަނީ އެކަންކަމަށް ވޭތުވެދިޔަ 2 އަހަރު އިހްމާލްވެފައެވެ.

ދައުލަތަށް 2013 އަހަރު ލިބޭނެ ކަމަށް ލަފާކުރި އާމް ދަނީގެ ތެރެއިން އަލަށް ތައާރަފްކުރުމަށް ހުށަހެޅި ކަންކަން ފުރިހަމަ ނުވާނެ ކަން ކަނޑައެޅިގެން އެގުނު ހިނދު ވެސް މިނިސްޓްރީ އޮފް ފިނޭންސުން ޚަ ރަދު ކުޑަކުރުމަށް އެއްވެސް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ޚަރަދުކުރަމުން ގެންގޮސްފައިވަނީ ފައިސާ ޗާޕުކޮށްގެން، އެޚަރަދުތައް ކުރުމަށް އެމް އެމް އޭ އިން އެއްބާރުލުން ދީފައިވާތީއެވެ. އަދި ދާދި ފަހުން ފެންމަތިވި މައްސަލަކަމުގައިވާ ރާއްޖެއަށް ބޭނުންވާ ތެޔޮ އެތެރެނުކުރެވިދާނެ ކަމުގެ ބިރުހީވެގެން އެމް އެމް އޭ އާއި ފިނޭންސް މިނިސްޓްރީއާއި އެސްޓޯއިން ރައްޔި ތުންގެ މަޖުލީހުގެ މާލިއްޔަތު ކޮމެޓީއަށް އެފަރާތްތަކުން ދިން މައުލޫމާތަށް ބަލާއިރު މިއަދާއި ހަމައަށް އައިއިރު ސަރުކާރުވަނީ އެމް އެމް އޭއަށް 1.5 ބިލިއަން ރުފިޔާ، އެސްޓީއޯއަށް 1.5 ބިލިއަން ރުފިޔާ ދެރެމުގެ އިތުރުން ބިލިޔަނަކާއި ގާތްކުރާ އަދަދަކަށް ދައުލަތަށް ކްރެޑިޓް ދޫކުރާ އެހެނިހެންފަރާތްތަކަށް ދަރާފައެވެ. އަދި އެއަދަދުތައް 2013 ވަނަ އަހަރުގެ ޚަރަދުގެ ގޮތުގައި ހިމެނިފައި ނުވާ ކަމާއި މި ދަރަނިތައް އަދާކުރާނެ ގޮތުގެ އެއްވެސް ހިސާބެއް 2014 ވަނަ އަހަރުގެ ހިސާބުގެތެރެއަށް ވައްދައިފައުނުވާކަން ފާހަގަ ކުރެވެއެވެ. 2012 ވަނަ އަހަރާ އަޅާ ކިޔާއިރު ރާއްޖޭގެ ބާޒާރުން ހޯދާފައިވާ ދަރަނިވަނީ މިހިގާ 2013 ވަނައަހަރާއި ހަމައަށް އައިއިރު 30 އިންސައްތަ އިތުރުވެފައެވެ. އަދި މިފަދަ ދަތި ހާލަތަކަށް ގައުމު އަސްފައިވީއިރުވެސް ނޮވެމްބަރ 11 ގައި ސިޔާސީ ވަޒީފާތަކުން ވަކިވާ ފަރާތްތަކަށް އެ ދުވަހުން ފެށިގެން 3 މަސް ދުވަހުގެ މުސާރަ އިތުރަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާ ކުރާކަމީ ލަދުވެތިކަމެކެވެ.

2009 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ފައިސާ ޗާޕުކުރުން ހުއްޓާލައި އެމް އެމް އޭ އާއި މިނިސްޓްރީ އޮފް ފިނޭންސާއި ދެމެދު ވެވުނު އޭޖެންސީ އެއްބަސްވުމުގެ ދަށުން ފައިސާ ޗާޕުކުރުން ހުއްޓާލެވިފައިވާކަން އެމް އެމް އޭ ގެ ޝާއިއު ކުރެވިފައިވާ ހިސާބުތަކުން ސާބިތުކަމާއިއެކު ފެންނާން ހުރި އިރުވެސް، 2009 އަހަރުގެ އޯގަސްޓްމަހާއި 2012 ވަނަ އަހަރު ގެ ޖެނުއަރީ އާއި ދެމެ ދު ހިމިނޭނެހެން، ފައިސާ ޗާޕުކުރެވިފައިވާކަމަށް އެމް އެމް އޭގެ ގަވަރނަރު ރައްޔި ތުންގެ މަޖްލީހުގެ މާލިއްޔަތު ކޮމެޓީގައި ދަންނަވާފައިވަނީ މައުލޫމާތުގެ ކޮށިކަމާއިއެކު ގާނޫނާއި ޚިލާފަށް 2012 އަދި 2013ގައި ފައިސާޗާޕު ކުރެއްވި ކުރެއްވުމަކީ އެއީ ރަގަޅު ކަމެއް ކަމުގައި ސާބިތު ކުރެއްވުމުގެ ގޮތުންނެވެ.

ފިނޭންސް މިނިސްޓަރާއި ގަވަރުނަރުގެ ބަހުން ސާފު ކޮށް ސާބިތުވާން އޮތް އަނެއް ހަގީގަތަކީ 1.5 ބިލިއަންނަށްވުރެ އިތުރު އަދަދެއްގެ ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓި އެކްސްޗޭންޖް ރޭޓް ހަމައިން ނެއްޓިފައިވާކަމެވެ. އަދި މީގެ އިތުރުން ދެއަހަރު ދުވަހުގެ ދިގުމުއްދަތެއްގައި ރުފިޔާ ޗާޕުކުރަމުން ގެންދިއުމުގެ ސަބަބުން މާލީ ނިޒާމާއި ރުފިޔާގެ އަގަށް ވަނީ ބޮޑެތި ލޮޅުން ތަކެއް އައިސްފައެވެ. ނަތީޖާއަކީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ދަށަށްގޮސްފައިވުމެވެ.

ކަންމިހާ ނާޒުކުގޮތެއްގައި އޮތްނަމަވެސް މިކަން ކަން އިސްލާހުކޮށް ރާއްޖޭގެ އިގްތިސާދާ މާލީ ނިޒާމު ހަމަ މަގަށް އެޅުވުމުގެ ގޮތުން ކުރަން ހުރިކަންތައްތަކަށް އެމް ޑީ ޕީގެ ސަރުކާރު ތައްޔާރަށް ތިބިކަމާއި މިކަންކަން ކުރުމަށް ކުރަންޖެހޭ އެންމެހައި ކަން ކަން ރޭވިފައިވާކަމާއި ރާއްޖެ އަބުރާ މާލީގޮތުން ހަމަމަގަށް އޅުވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވަމެވެ.