ކައުންސިލްތަކުގެ އިންތިޚާބުގައި ވީހާވެސް ތަޢްލީމީ އަދި ސަރުކާރު ހިންގުމުގެ ތަޖްރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގަތުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

17 ސެޕްޓެމްބަރ 2010

hep

ކުރިއަށް މިއޮތް ކައުންސިލްތަކުގެ އިންތިޚާބުގައި، ވީހާވެސް ތަޢްލީމީ އަދި ސަރުކާރު ހިންގުމުގެ ތަޖްރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގަތުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމާއި، ކައުންސިލްތަކުގެ އިންތިޚާބާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މުޅި ރާއްޖެ ބަދަލުވަމުންދާއިރު، އެބަދަލުގައި ޢަމަލީ ގޮތުން ބައިވެރިވުމުގެ ފުރްޞަތު ފަހިވެފައި އޮތްއިރު، އެ ފުރްޞަތުގެ ބޭނުން ހިފައި، ކަމަށް އެކަށީގެންވާ ބޭފުޅުން، މިއިންތިޚާބުގައި ވާދަކުރެއްވުމަކީ ވަރަށް ބޭނުން ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކައުންސިލަރުންގެ ގޮތުގައި ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއިން އެމަނިކުފާނު މިހާރު ޢައްޔަން ކުރައްވާފައިވާ ކައުންސިލަރުން، އިންތިޚާބަށްފަހު ނުތިއްބަވާނެ ކަމަށާއި، އެބޭފުޅުންވެސް ކައުންސިލަރުންގެ ގޮތުގައި ތިއްބަވަން ބޭނުންފުޅުނަމަ، އެބޭފުޅުން ޖެހިވަޑައިގަންނަވާނީ، އެކަމަށް ކުރިމަތިލައްވައިގެން އިންތިޚާބުވެވަޑައިގަންނަވަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، 2011 ވަނަ އަހަރުގެ ބަޖެޓް ތައްޔާރު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. 2011 ވަނަ އަހަރަށް ލަފާކުރައްވާ ބަޖެޓްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާނީ ޕްރޮގްރާމް ބަޖެޓެއް ކަމަށާއި، މިމަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. ޕްރޮގްރާމް ބަޖެޓްގެ މައިގަނޑު މަޤްޞަދަކީ، 2011 ވަނަ އަހަރު އެއޮފީހަކުން އެ ޙާޞިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީ ކޮބައިތޯ ބަލައި، އެލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ހިންގަންޖެހޭ މަސައްކަތްތައް ކަނޑައެޅުން ކަމުގައި ވިދާޅުވިއެވެ.
މިދިޔަ ހަފްތާގައި ފެށުނު ގުޅީފަޅުގެ މަޝްރޫޢުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި މިއަދު ބައްލަވާލެއްވިއެވެ. މާލޭގެ އެކިއެކި މައްސަލަތައް ޙައްލު ކުރެއްވުން އެއީ ގުޅީފަޅު ހިއްކުމުގެ އެންމެބޮޑު އެއްބޭނުން ކަމަށާއި، މާލޭ ރައްޔިތުންނަށް އަދި މާލޭގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ގުޅީފަޅުގައި މަދުވެގެން ދެހާސް ހައުސިންގ ޔުނިޓް ޢިމާރާތް ކުރެވި ދޫކުރެވޭނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ގުޅީފަޅުގެ އިތުރުން، ހޯރަފުށްޓާއި، އިހަވަންދުއާއި މަތިވެރީގެ ބަނދަރުގެ މަސައްކަތް، މިއަންނަ ހަފްތާގެ ތެރޭގައި ކޮންޓްރެކްޓަރުންނާ ޙަވާލުކޮށް ސޮއިކޮށް ނިމޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.