ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދުގެ އާއިލާއަށް ހަމަލާދިން މައްސަލަ ކުށްވެރިކުރުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޙުސައިން ވަޙީދުގެ އަނބިކަނބަލުންނާއި، ދަރިފުޅަށް ރޭ (5 ނޮވެމްބަރ 2013) ހަމަލާދީފައިވާ މައްސަލަ އެމް.ޑީ.ޕީ އިން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

ސިޔާސީ ގޮތުން ދިވެހިރާއްޖެ ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި، ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގެ އެންމެ އިސްދައުރެއް އަދާކުރާ ބަޔަކަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ވީއިރު، އެމެންބަރުންނަށާއި އެމެންބަރުންގެ އާއިލާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އިންޒާރުތަކާއި ޙަމަލާތައް އަންނަމުން ދިޔުމަކީ މިޕާޓީއިން ނުހަނު ކަންބޮޑުވާކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޙުސައިން ވަޙީދުގެ އަނބިކަނބަލުންނާއި، ދަރިފުޅަށް ދިން ޙަމަލާއަކީ ރަހުމްކުޑަކޮށް ހިންގައިފައިވާ އަމަލެކެވެ. އަދި މިއީ ޤައުމުގެ އަމަންއަމާންކަމާއި ރައްޔިތުންނަށް ދޭންޖެހޭ ރައްކާތެރިކަން ދިނުމަށް ސަލާމަތީ ބާރުތަކުން ނުކުޅެދިފައިވާކަން ހާމަކޮށްދޭކަމެކެވެ.

އެހެންކަމުން، މިމައްސަލަ ވީހާވެސް އަވަހަށް ތަޙުޤީޤުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރިވިސްއަށް އެމްޑީޕީއިން ގޮވާލަމެވެ. އަދި ކަމާއި ބެހޭ އެންމެހާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށާއި، އާއިލާއަށް ދެވެން އޮތް އެންމެ ފުރިހަމައަށް ރައްކާތެރިކަން ދިނުމަށްވެސް ގޮވާލަމެވެ. އަދި ރޭގެ ހަމަލާގައި އަނިޔާ ލިބުނު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޙުސައިން ވަޙީދުގެ އަނބިކަނބަލުންނާއި، ދަރިފުޅަށް އަވަސް ޝިފާއަކަށް އެދެމެވެ.

6 ނޮވެމްބަރ 2013

ބަޔާން ނެރުނީ: އެމްޑީޕީގެ ސެކްރެޓޭރިއަޓް