2012 ފެބްރުއަރީ 7 ވަނަ ދުވަހު ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ބަގާވާތަކުން ވައްޓާލުމަށްފަހު އިންތިޚާބަކާ ނުލައި ސަރުކާރާ ހަވާލުވެވަޑައިގަތުމަށްފަހު ޑރ.މުޙައްމަދު ވަޙީދު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލައްވައި އެ ޤާނޫނު އަސާސީގައި ބުނާ ތާރީޚުގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ޢަމަލީގޮތުން ހުރަސް އަޅުއްވާފައިވާކަމަށް މި ޕަޓީން ދެކެމެވެ. ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޤާނޫނު އަސާސީއާއި ޚިލާފަށް ބަލިކަށި ޤަރީނާގެ މައްޗަށް ބިނާކޮށް ބާޠިލް ކުރުމަށްފަހު އޮކްޓޯބަރ 19 ވަނަ ދުވަހު ބޭއްވުމަށް އިންތިޒާމްކުރި އިންތިޚާބު ހުއްޓުވާލީ ފުލުހުން ހުރަސް އަޅައި އިންތިޚާބު ބޭއްވުމަށް އެއްބާރުލުން ނުދިނުމުންނެވެ. ފުލުހުންނާއި ދައުލަތުގެ މުވައްސަސާތައް މެދުވެރިކޮށް ޑރ.ވަޙީދު އިންތިޚާބު ހުއްޓުވުމަކީ ދިވެހިރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނެވެ.
ދިވެހި ރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް އުފެއްދުމަށް އެންމެ ބޭނުންވަނީ އިންތިޚާބު ވީއެންމެ އަވަހަކަށް ބޭއްވުމަށްކަމަށް ވާތީ ދައުލަތުގެ ހުރިހާ މުވައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާއެކު ރިޔާސީ އިންތިޚާބު ނޮވެމްބަރ 9 ވަނަ ދުވަހު ބޭއްވޭނެ އެންމެހައި އިންތިޒާމުތައް އެއްވެސް ދެކޮޅުވެރިކަމެއް ނެތި ހަމަޖެއްސުމަށް ޑރ.މުޙައްމަދު ވަޙީދަށް ގޮވާލަމެވެ.
ނޮވެމްބަރ 11 ވަނަ ދުވަހު އިންތިޚާބުކުރެވިފައިވާ ރައީސުލްޖުމްހޫރިއްޔާއަކު ނެތް ހިނދެއްގައި ޢަމަލުކުރަންވީގޮތް ނިންމަވައި ދެއްވުމަށް އެދި ޑރ.މުޙައްމަދު ވަޙީދު ރައްޔިތުންގެ މަޖިލިހަށް ސިޓީއަކުން އެދިލެއްވުމުން އެކަމާމެދު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މެދުގައި ބަހުސް ކުރެވި 39 ވޯޓުގެ އަޣްލަބިއްޔަތުން ޤަރާރުވަނީ ފާސްވެފައެވެ. އެ ޤަރާރުގައި ބަޔާންވެގެންވަނީ ނޮވެމްބަރ 11 ވަނަ ދުވަހު އިންތިޚާބު ކުރެވިފައިވާ ރައީސުލްޖުމްހޫރިއްޔާއަކު ނެތްނަމަ ވެރިކަމުގެ ބާރުތައް ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ޙަވާލުކުރުމަށެވެ. އަދި 21 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ބާއްވައި ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމެވެ.
ރައްޔިތުންގެ މަޖިލިހުގެ އަޣްލަބިއްޔަތުން ޑރ. ވަޙީދު ޢަމަލުކުރަންވީ ގޮތް ނިންމަވައި ފާސްކޮށްފައިވަނިކޮށްވެސް އެކަމާމެދު އެމަނިކުފާނު ކަންކުރައްވާނެ ގޮތް ރައްޔިތުންނާއި ޙިއްސާ ނުކުރައްވައި އަދި އިންތިޚާބު ބޭއްވުމަށްޓަކައި ސަރުކާރުންނާއި ދައުލަތުގެ މުވައްސަސާތަކުން ބާރުއަޅުއްވާފައި ނުވާހިނދު ރައްޔިތުންގެ ހިތްތަކުގައި އިންތިޚާބާއި ގުޅޭގޮތުން ޝައްކު އުފެދޭ ގޮތަށް ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓުންނާއި ބައްދަލުކުރެވުމަކީ ބައިނަލްއަޤްވާމީ ފަރާތްތަކަށް ދެއްކުންތެރިކަމެއްގެ ގޮތުގައި ކުރައްވާ ކަމެއްގެ ކަމަށް ދެކެމެވެ. އަދި އިޚްލާސްތެރިކަމާއެކު އިންތިޚާބެއް ބޭއްވުމަށް ޤަޞްދުކުރައްވައި އިންތިޚާބެއް ނޮވެމްބަރ 9 ވަނަ ދުވަހު ނުބޭއްވިއްޖެ ޙާލަތެއް އަތުވެއްޖެނަމަ ޑރ.ވަޙީދު މަޤާމުގައި ނުހުންނަވާނެ ކަމަށް އިއުލާން ކުރައްވަންވާނެ ކަމަށްވެސް މި ޕަޓީން ދެކެމެވެ. އަދި އިސްތިއުފާ ދެއްވައި މަޤާމުން ދުރުވެވަޑައިގަންނަވަން ޤަޞްދުކުރައްވާނަމަ ސިޔާސީ މަޤާމުތަކަށް މިހާރުވެސް ބޭފުޅުން އައްޔަން ކުރައްވަމުން ގެންދެވުމުގެ މާނައެއް ނޯންނާނެއެވެ.
މިހާރު ދިވެހިރާއްޖެއަށް ދިމާވެފައިވާ ސިޔާސީ މައްސަލައިގައި އެންމެ އަޑީގައި ތިއްބެވީ ސިޔާސީ ވެރިންގެ ނުފޫޒުގައި މަސައްކަތް ކުރައްވާ ބައެއް ފަނޑިޔާރުން ކަމަށް ވީހިނދު، އަދި ބައިނަލް އަޤްވާމީ ފަރާތްތަކާއި ދިވެހިރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކުންވެސް ކޯޓުތަކުގެ ނަޒާހަތްތެރިކަން ގެއްލި ރައްޔިތުންގެ އިތުބާރު ގެއްލިފއަވާކަމާމެދު މެދުކެނދުމެއްނެތި ކަންބޮޑުވުން ފާޅުކުރަމުން އަންނަ ވަގުތެއްގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ޤާނޫނު އަސާސީގައި ކޯޓުތަކުގެ ބެލެނިވެރިއެއްކަމުގައިވެފައި އެ ކޮމިޝަނަށް ހޮވިފައިވާ ރައްޔިތުންގެ މަޖިލިހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛް އަހްމަދު ހަމްޒާ އާއި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. މުޙައްމަދު ލަޠީފް އެ ކޮމިޝަނަށް ހުވާ ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޤަސްދުގައި ލަސްކުރައްވަމުން އަންނަކަމީ މި ޕާޓީން ނުހަނު ކަންބޮޑުވާ ކަމެކެވެ. އަދި މިހާރުން މިހާރަށް އެ ދެ ބޭފުޅުން ޖޭއެސްސީއަށް ހުވާކުރުމުގެ ކަންކަން ނިންމެވުމަށް ޑރ.މުޙައްމަދު ވަޙީދަށް ގޮވާލަމެވެ.
5 ނޮވެމްބަރ 2013
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް