2013 ނޮވެންބަރ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓް ޙައްގުވާކަމަށް އިލެކްޝަންސް ކޮމިޝަންއިން ކަނޑައަޅާފައިވާ ފައިނަލް ލިސްޓާއި ގުޅޭގޮތުން އެމްޑީޕީއިން ނެރޭ ބަޔާން

noosbayan

2013 ނޮވެމަބަރ 9 ވަނަ ދުވަހު ބޭވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން މަސްދަރު ގޮތުގައި ބަލާ، އިލެކްޝަން ކޮމިޝަން އިން އެކުލަވާލައްވާފައިވާ ވޯޓު ޚައްޤުވާ މީހުންގެ ފައިނަލް ލިސްޓާއި ގުޅޭގޮތުން މިޕާޓީއަށް އަންނަ ނިވި ކަންތައްތައް ފާހަގަކުރެވެއެވެ.

(1) 7 ސެޕްޓެމްބަރ 2013 ގައި ވޯޓު ޚައްޤުވާ މީހުންގެޢަދަދުކަމަށް އިލެކްޝަން ކޮމިޝަނުން ނެރުއްވާފައިވާ ލިސްޓުގައިވަނީ239593 އެވެ. 9 ނޮވެންބަރ 2013ގައި ވޯޓު ޚައްޤުވާ މީހުންގެ ޢަދަދުކަމަށް އިލެކްޝަން ކޮމިޝަނުން ނެރުއްވާފައިވާ ލިސްޓުގައިވަނީ 239105 އެވެ. ވީމާ، 7 ސެޕްޓެމްބަރ 2013 ގައި ވޯޓު ޚައްޤުވާ މީހުންގެ ޖުމްލަ ޢަދަދަށްވުރެ 488 މީހުން 9 ނޮވެންބަރ 2013 ގައި ވޯޓު ޚައްޤުވާ މީހުންގެ ޖުމްލަ ޢަދަދަށްވުރެ މަދުކަމަށް ފާހަގަކުރެވެއެވެ.

(2) 239،105 ވޯޓުލާމީހުން ބަހާލެވިފައި ވަނީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބެހެއްޓިފައި ހުންނަ ޖުމްލަ 475 ފޮއްޓަށެވެ. އޭގެ ތެރެއިން 17 ފޮއްޓަށް 100 އަށް ވުރެ މަދު އަދަދަކަށް ކޮންމެ ފޮއްޓަކަށް ވޯޓު ހައްގުވާ މީހުން ކަޑައެޅިފައިވެ،251 ފޮއްޓަށް 100 އާއި 500 އާއި ދެމެދު އަދަދަކަށް ކޮންމެ ފޮއްޓަކަށް ވޯޓު ހައްގުވާ މީހުން ކަޑައެޅިފައިވެ، 187 ފޮއްޓަށް 501 އާއި 1000 އާއި ދެމެދު އަދަދަކަށް ކޮންމެ ފޮއްޓަކަށް ވޯޓު ހައްގުވާ މީހުން ކަޑައެޅިފައިވެ، އަދި 20 ފޮއްޓަށް 1001 އާއި 1500 އާއި ދެމެދު އަދަދަކަށް ކޮންމެ ފޮއްޓަކަށް ވޯޓު ހައްގުވާ މީހުން ކަޑައެޅިފައިވެއެވެ. އަދި މި ލިސްޓުން އިތުރަށް ލިބޭ މައުލޫމާތަކީ ދިވެހި ރާއްޖޭގައި މިހާރު 172 ރަށުގައި މީހުން ދިރި އެޅޭ ކަމާއި މީގެ ތެރެއިން 42 ރަށުގައި 500 އަށް ވުރެ ވޯޓުލާ މީހުންގެ އަދަދު މަދުކަމެވެ.

(3) 2013 ސެޕްޓެމްބަރ 7 ވަނަ ދުވަހުގެ ވޯޓަރ ލިސްޓާއި، އިލެކްޝަން ކޮމިޝަންއިން ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އެއީ މަސްދަރުކަމަށް ބަލާ 9 ނޮވެންބަރ 2013 އަށް ތައްޔާރުކުރި ލިސްޓާއި އަލާ ބަލާއިރު، 2304 އައި.ޑީ ކާޑު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި 2792 އައި.ޑީ ކާޑު ވަނީ 7 ސެޕްޓެމްބަރ 2013 ގެ ވޯޓަރ ލިސްޓުން އުނިކުރެވިފަ އެވެ.

(4) 9 ނޮވެންބަރ 2013 ގައި ވޯޓު ޚައްޤުވާ 239105 މީހުންގެ ތެރެއިން 61 މީހުން ވަނީ ތަކުރާރުވެ ދެ އައި.ޑީ ކާޑު ނަންބަރ އެއްކަކަށް ދެވިފައެވެ. އެއީ ވޯޓު ޚައްޤުވާ ޢަދަދުގެ %0.03 އެވެ.

(5) 7 ސެޕްޓެމްބަރ 2013 އިން ފެށިގެން 9 ނޮވެންބަރ 2013 އަށްވަނީ 1336 އިތުރު ކުދިންނަށް 18 އަހަރު ފުރި ވޯޓުލުމުގެ ޚައްޤު ލިބިފައެވެ.

(6) 9 ނޮވެންބަރ 2013 ގައި ވޯޓުލާން ޚައްޤުވާ މީހުންގެ ލިސްޓަށް އިތުރުކުރެވިފައިވާ އައި.ޑީ ކާޑު (2304) އިން 18 އަހަރު 7 ސެޕްޓެމްބަރ 2013 އިން ފެށިގެން 9 ނޮވެންބަރ 2013 ގެ ނިޔަލަށް ފުރުނު 1336 ކުދިން ކެޑީމާ، 968 މީހުން ބުނަން ނޭންގޭގޮތަށް ވޯޓަރ ލިސްޓަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އެއީ ވޯޓު ޚައްޤުވާ ޢަދަދުގެ %0.40 އެވެ.

މަތީގައިވާ ކަންކަންމަކީ ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން މަސްދަރު ގޮތުގައި ބަލައިގެން އެކުލަވާ ލެވުނު ފައިނަލް ލިސްޓުގެ ނަތީޖާ ކަމުގައި ކަމުގައިވީނަމަވެސް، ފާހަގަ ކުރެވުނު ކަންކަމަށްބަލާއިރު އެޢަދަދަކީ މަދު ޢަދަދެއް (%0.40) ކަމަށްވާތީއާއި އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ބަލާއިރުވެސް ކުށްހުރި މިންވަރު މަދުކަމަށްވާތީ މިރާއްޖޭގެ ޤާނޫނުއަސާސީ އިން 11 ނޮވެމްބަރ 2013 ގައި އިންތިޚާބީ އާ ރައީސެއް ހުންނަޖެހޭނޭކަމަށް ބުނާތީ މިޕާޓީ އިން ޤަޞްދުކުރަނީ މިލިސްޓު ޤަބޫލުކޮށް،ލިސްޓްގައި ސޮއި ކޮށް ރިޔާސީ އިންތިޚާބައިގެން ކުރިއަށް ދާށެވެ.

5 ނޮވެމްބަރ 2013

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް