އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރެވޭގޮތަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލައަކާ ގުޅިގެން އަޅުގަނޑު ހޯދާ ނުފެނިގެންކަމަށްބުނެ، އަޅުގަނޑުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންގޮސް ނިންމާނެކަމަށް ބުނެ ކްރިމިނަލް ކޯޓުން ކުރި އިޢްލާނާ ގުޅޭގޮތުން ދަންނަވަމެވެ.

noosbayan

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ) ނިޔާކުރާ ގޮތުން، އަޅުގަނޑުގެ ހާޒިރުގައި ޝަރީޢަތް ކުރެވުމަކީ އަޅުގަނޑަށް ލިބިގެންވާ އަސާސީ ޙައްޤެކެވެ. އަދި، 2008 ވަނަ އަހަރު ޤާނޫނުއަސާސީ ތަޞްދީޤު ކުރެވުނު ފަހުން، އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއްގައި ޣައިރު ހާޒިރުގައި ޝަރީޢަތްކޮށް ޙުކުމެއް ކޮށްފައެއްވެސް ނުވެއެވެ. ޤާނޫނުއަސާސީން ލިބިދޭ އަސާސީ ޙައްޤުތައް ހަނިކުރާނަމަ ކުރަންވާނީ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށްގެންކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ. ކްރިމިނަލް ކޯޓުން އަޅުގަނޑުގެ އަސާސީ ޙައްޤަކަށް އަރައިގަތްއިރު، މިދެންނެވި 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކަށް ރިޢާޔަތް ކޮށްފައެއްވެސް ނުވެއެވެ.
ވީމާ، ކްރިމިނަލް ކޯޓުން އަޅުގަނޑުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދަވާނެކަމަށް ބުނެ ކުރި އިޢްލާނަކީ، ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު އިޢްލާނެކެވެ. ޣައިރު ހާޒިރުގައި ޝަރީޢަތް ހިންގުމަކީ މާކުރީގެ ނިޒާމެކެވެ. ކްރިމިނަލް ކޯޓަކީ، ފަހުގެ ޒަމާނީ ނިޒާމުތަކާއި ޤާނޫނީ ދާއިރާގެ ތަރައްޤީތަކަށް ހޭލެވިފައި އޮތް ކޯޓަކަށް ނުވާތީ، އެކޯޓުން އަޅުގަނޑުގެ ޣައިރު ހާޒިރުގައި ޝަރީޢަތް ކުރިއަށް ގެންދަވަން ބޭނުންވުމަކީ އަޅުގަނޑު ހައިރާންވާ ކަމެއް ނޫނެވެ. އަދި އެއީ، އަޅުގަނޑު މިކުރާ މަސައްކަތް މިގޮތުގައި ކުރަންޖެހޭކަން އިތުރަށް ކަށަވަރު ކޮށްދޭ ކަމެކެވެ. އަޅުގަނޑު މިއަދު މިކުރާ މަސައްކަތުގެ މައިގަނޑު އަސާސަކީވެސް ޝަރްޢީ ނިޒާމު ހަރުދަނާކޮށް، ޒަމާނީކޮށް، ޢަދުލް އިންޞާފު ޤާއިމުކުރުމުގެ ދާއިރާ އިންޞާފުވެރިކުރުވުމެވެ.
ނަމަވެސް، އަޅުގަނޑު ހައިރާންވާ ކަމަކީ، ކްރިމިނަލް ކޯޓުން ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ވެގެންދާއިރު ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ފ)ގެ ދަށުން ޤާނޫނު އަސާސީގެ ހަމަތަކާއި، އެންމެހާ ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓުން މަތިކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލް އެއްވެސް އެއްޗެއް ވިދާޅުނުވާތީއެވެ.

އަޅުގަނޑުގެ މައްޗަށް ޣައިރު ހާޒިރުގައި ޝަރީޢަތް ކުރާނެކަމަށް ބުނެ އަޅުގަނޑަށް ބިރު ދައްކާ ހަދާ މައްސަލަ އަޅުގަނޑު މިހާރު ވާނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައެވެ. ހައިކޯޓަށް އަޅުގަނޑު ހުށަހެޅި މައްސަލައިގައި އަޅުގަނޑު މިއެދެނީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ) އާއި، ރައްޔިތުންގެ މަޖިލީޙުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާއާ ޚިލާފަށް ކްރިމިނަލް ކޯޓުން ކުރައްވާ މަސައްކަތްތައް ނިމުމަކަށް ގެނައުމުގެ އަމުރެއް ހައިކޯޓުން ނެރެދެއްވުމަށެވެ.
މީގެ އިތުރުން، އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރެވޭކަމަށް ބުނާ ކުޑަކަމުދާތަކެތީގެ ސާމްޕަލް ދިނުމަށް އިންކާރުކުރިކަމަށް ބުނާ މައްސަލައިގައި ދައްވާ ކުރެއްވުމުގެ ކުރިން ޕްރޮސިކިއުޓަރ ޖެނެރަލް ބައްލަވަންޖެހޭ ކަންކަން ރަނގަޅަށް ބެއްލެވިފައިނުވާކަމަށް އަޅުގަނޑަށް ފެންނާތީ، އެމައްސަލަ އަލުން މުރާޖަޢާ ކޮށްދެއްވުން އެދި މިހާރު ވާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައިވެސް ދަންނަވާފައެވެ.
‘މަސްތުވާތަކެއްޗަށް ޓެސްޓުކުރުމަށްޓަކައި ކުޑަކަމުދާ އެއްޗެހި ނެގުމާއި، އެތަކެތި އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި އެތަކެތި ޓެސްޓުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު’ ގެ 7 ވަނަ މާއްދާގައި އޮންނަނީ، ކުޑަކަމުދާތަކެތި ދިނުމަށް އަންގަންވާނީ އެކަމަށް ކަނޑައެޅިފައިވާ ފޯމަކުން ކަމަށެވެ. އަޅުގަނޑަކަށް އެފޯމެއް ނުދައްކައެވެ. ވީމާ، ޤާނޫނީ ގޮތުން ކުޑަކަމުދާތަކެތި ދިނުމަކަށް އަޅުގަނޑަކަށް ނާންގައެވެ. އެ އިޖުރާއީ ނުކުތާ އަޅުގަނޑު މިހާރު ވާނީ ލިޔުމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފައެވެ. ކުށެއްގެ ރުކުން ފުރިހަމަވާކަމަށް ބެލުމުގައި ޤާނޫނަކުން ކަނޑައަޅައިފައިވާ އިޖުރާއާތެއް އޮތްނަމަ، އެއިޖުރާއާތު އެގޮތުގައި ފުރިހަމަ ވެފައިވާކަން ކަށަވަރު ކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާއެކެވެ. އެ އިޖުރާއާތު ފުރިހަމަވެފައި ނެތްނަމަ، އެކަމުގެ މައްޗަށް ޖިނާއީ ދަޢްވާއެއް ނުކުރެވޭނެއެވެ. އަޅުގަނޑު ޕްރޮސިކިއުޓަރ ޖެނެރަލްގެ ކިބައިން އެދިފައިވާނީ، އެގޮތަށް ދިމާވާ އެހެން މައްސަލަތަކުގައިވެސް ޢަމަލު ކުރައްވާ އުޞޫލުން، އަޅުގަނޑުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގައިވެސް ޢަމަލު ކޮށްދެއްވުމަށެވެ.

02 ނޮވެމްބަރ 2013

ހާމިދު އަބުދުލް ޤަފޫރު
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރ