ސިޔާސީ ވެރިންގެ ވަޒީފާއަކީ ގާނޫނު އަސާސީ ދަމަހައްޓާ، ރައްޔިތުންގެ ވެރިކަން ހޯދައިދިނުން: ރައީސް ނަޝީދު

ސިޔާސީ ވެރިންގެ ވަޒީފާއަކީ ގާނޫނު އަސާސީ ދަމަހައްޓާ، ރައްޔިތުންގެ ވެރިކަން ހޯދައިދިނުންކަމަށްދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އިއްޔެ (3 ނޮވެމްބަރ 2013) ހއ. ދިއްދޫގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމަސައްކަތް ފުރިހަމަ ނުކުރެވޭނަމަ ސިޔާސީ ވެރިންގެ ކިބައިން ރައްޔިތުން ބަދަލު ހިފާނޭކަމަށެވެ.

ދިއްދޫ ރައްޔިތުންނާއި މުޚާތަބު ކުރައްވަމުން 2008 ވަނަ އަހަރު އެރަށު މަސްވެރިންނަށް ހަމަ އަގު ހޯއްދަވައިދެއްވާނޭކަމަށް ވައުދުވީންކަން ފާހަގަކުރައްވާ، އެވައުދާއި އެއްގޮތަށް ހަމަ އަގު ފޯރުކޮށްދެވުނުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އަނެއްކާވެސް އެ އަގު ވެއްޓުމަށްފަހު ރަނގަޅު އާމްދަނީ އެއް އަލުން މަސްވެރިންނަށް ހޯއްދަވައިދެއްވާނޭކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ. އެމްޑީޕީގެ ސަރުކާރުގައި ދިއްދޫ ސްކޫލް އެއްދަންފަޅިއަށް ބަދަލުކޮށް ފަސް މާއްދާއިން ފާސްވާކުދިންގެ އިންސައްތަ ވަރަށް ބޮޑު ތަން ރަނގަޅުވިކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދިއްދޫ ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނަކީ ދިއްދޫ ދަރިންނަށް ހެދުމަކީ އެމްޑީޕީގެ އަމާޒެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަންތައް ހާސިލްކުރުމަށް މަތީ ތައުލީމުގެ ފުރުސަތު ކިޔަވައިކުދިންނަށް ފޯރުކޮށްދޭނެކަމަށް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް އެމްޑީޕީ އިން ނިކުމެ ތިބީ ސިޔާސަތުތަކާއި އެކީ ތަރައްޤީ ހޯދުމަށްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މުޅިން އެހެން ދިއްދޫއެއް ރައްޔިތުންނަށް ހޯއްދަވައި ދެއްވާނޭކަމަށެވެ. ދިރިއުޅުމުގެ ހުރިހާ ދޮރެއް ބަންދުވެގެން ހާސްވެގެން އުޅޭ އެތައް ރައްޔިތުންނެއް އެބަ ތިބި ކަމަށާއި، ނިކަމެތިންގެ ގޮތުގައި ގައުމުގެ ގިނަ މީހުން ތިބެގެން ތަރައްޤީއެއް ނުގެނެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިގޮތުން އިޖުތިމާއީ ރައްކާތެރިކަމުގެ ގޮތުގައި އެމްޑީޕީގެ ސަރުކާރުން ދެއްވި އެހީތަކަށް އެމަނިކުފާނު އަލިއަޅުވައިލެއްވިއެވެ.

މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލުވާލުމަށް ޕީޕީއެމްއިން ކުރަމުންދާ މަސައްކަތަށް ބައްލަވައިލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ކޯޓަށް މައްސަލަ ހުށައަޅައި ފަނޑިޔާރުންނާއި ވާހަކަ ދައްކައިގެން ގޮނޑި ގެއްލުވާލުމަކީ ސިޔާސީ ނިޒާމުގައި އޮންނަ ގޮތް ނޫންކަމުގައެވެ. ގޮނޑިއެއް މަޖިލީހުން ބޭނުންވިޔަސް އަދި ރައީސުލްޖުމްހޫރިއްޔާކަން ބޭނުންފުޅުވިޔަސް ކުރަންޖެހެނީ އެއްކަމެއްކަމަށާއި، އެއީ އިންތިޚާބެއް ބާއްވާ އެއިންތިޚާބު ކާމިޔާބުކޮށްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސިޔާސީ ހަރަކާތް ހިންގަނީ ގާތް މީހުން މަގާމުތަކަށް ލުމުގެ ބަދަލުގައި، އެތެރޭގެ އިންތިޚާބު ބާއްވާއިގެން މީހުން އައްޔަންކޮށްގެންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް އިންތިޚާބު ކާމިޔާބު ނުވާނޭކަން އެނގޭތީ ވަޑައިގަންނަވާނީ ކޯޓަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ސުޕްރީމް ކޯޓުން މިހާރު އޮތީ ތަސްމީންގެ ގޮނޑީގެ ހުކުމްވެސް ނިންމައިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ޖުމްލަ ތަބިއްޔަތު މިސްރާބު ޖަހައިފައިވަނީ އިސްލާހާއި ދިމާލަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެކަން ސުޕްރީމް ކޯޓަށްވެސް އަދި އެހެން ފަރާތަކަށްވެސް ބަދަލު ނުކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގާނޫނު އަސާސީއަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް ލިޔެފައިވާ އެއްޗެއްކަމަށާއި، ފަނޑިޔާރުގެވެސް ބޭނުންވަނީ އެހައްގުތައް ހިމާޔަތްކޮށްދިނުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިއީ ރައްޔިތުންގެ ތަނެއްކަމަށާއި، އެގާނޫނު އަސާސީގެ އެންމެ މުހިންމު ކަމަކީ ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުންކަމަށް ލިޔެފައިވާ ލިޔުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކަށް އޮޅިގެން އުޅުއްވަނީ އެއީ އެބޭފުޅުންނަށް ލިޔެފައިވާ އެއްޗެއްކަމަށް ހީފުޅުކުރައްވައިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިންގެ ހިތްތަކުގައި އެންމެ ބޮޑު ގަދަރެއް ދެވިފައިވަނީ އިސްލާމްދީނަށްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ދިވެހިންގެ ހިތްތައް ކިލަނބުކޮށް ގުޑުވާލަން ވީމާ ސިޔާސީ ފަރާތްތައް ބޭނުންކުރަނީ އިސްލާމްދީންކަމަށެވެ. އެބޭފުޅުން ސިޔާސީ މަގްސަދުގައި ވާހަކަދެއްކެވިޔަސް ކޮންމެ މީހެއްގެ ވެރިކަމުގައިވެސް މިގައުމުގައި އޮންނާނީ އިސްލާމްދީންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެހެން ގޮތްތައް ތަކުރާރުކޮށް ވާހަކަ ދައްކާ މިއަދުގެ ދަރިވަރުންގެ ހިތްތަކުގައި ޝައްކު އުފައްދާ، އަގީދާ ބަލިކަށިކުރަން ފަށައިފިކަމަށާއި، ސިޔާސީ ޕޯޑިއަމްތަކުގައި ދައްކަން ޖެހޭނީ ސިޔާސީ ވާހަކަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެތައް ރާއްޖޭގައި ޒަމާނެއްވަންދެން ފައިތިލަ ސާބިތުވެ ތިބި އިސްލާމްދީނޭ ކިޔައިގެން، އެފަދަ ވާހަކަ ނުދެއްކުމަށް އެދިލެއްވިއެވެ.

ނަސްރުގެ ދުވަހަށް އަލިއަޅުވައިލައްވަމުން ރައީސް ނަޝީދު ވިދާޅުވީ އިއްޔެއަކީ ދިވެހި ސިފައިން، ދިވެހިރާއްޖޭގެ ދުސްތޫރީ ހިންގުމާއި ގާނޫނީ ސަރުކާރު ހިމާޔަތްކުރުމަށް ވަރަށް ބޮޑު މަސައްކަތެއް ކުރެއްވި ދުވަހެއްކަމަށެވެ. ގަދަބާރުން އައިސް ބަޔަކު ވެރިކަމަށް އެރިޔަ ނުދޭން އެސިފައިން މަސައްކަތްކުރިކަމަށާއި، އަނެއްކާވެސް އެމަންޒަރު އެސިފައިން ދައްކަވާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.