ޑީއާރޕީގެ ލީޑަރ އަޙްމަދު ތަސްމީން ޢަލީގެ ގޮނޑި ގެއްލުވާލުމަށް ޕީޕީއެމްއިން ސުޕްރީމް ކޯޓަށް ހުށަހެޅުން ކުށްވެރި ކުރަން

noosbayan

ދިވެހިރައްޔިތުންގެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަޙްމަދު ތަސްމީން ޢަލީގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކައުންސިލް މެމްބަރު މުޙައްމަދު ވަޙީދު ނިންމަވައި އިއުލާން ކުރައްވާފައިވާތީ އެކަން ހަރު އަޑުން ކުށްވެރިކޮށް މި ޕާޓީގެ ފަރާތުން ކަންބޮޑުވުން ފާޅުކުރަމެވެ.

ޕީޕީއެމްގެ ފަރާތުން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ގަޑުބަޑުކޮށް ޑިމޮކްރަސީގެ ރޫޙާ ޚިލާފަށް ސުޕްރީމް ކޯޓު މެދުވެރިކޮށް ކެނޑިނޭޅި ކުރައްވަމުން އަންނަ މަސައްކަތް ހުއްޓަވާލެއްވުމަށް ގޮވާލަމެވެ. އަދި ސާބިތު ނުހިފޭ ކަންކަމާއެކު މި ޕަޓީއަށް ރައްޔިތުންގެ މަޖިލިހުގައި ލިބެމުން އަންނަ ތާޢީދު ޤާނޫނީ އިމުގެ ބޭރުން ޝަރުޢީ ނިޒާމު މެދުވެރިކޮށް ނައްތާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމީ ދިވެހިރާއްޖެއަށް ޚުދުމުޚުތާރު ވެރިކަން އަނބުރާ އިއާދަކުރުަމަށް ޕީޕީއެމްއިން ކުރަމުން އަންނަ މަސައްކަތްތަކެއް ކަމުގައިވެސް މި ޕާޓީން ޤަބޫލުކުރަމެވެ. އަދި ޑިމޮކްރަސީގެ ރިވެތި އުސޫލާއި ޤާނޫނު އަސާސީގެ ރޫޙާ ޚިލާފަށް ޙީލަތްތެރި ކަންކަން ރޭއްވެވުމުގައި ދިވެހިރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ އަބަދުމެ އުޅުއްވާކަމީ ދިވެހިރާއްޖޭގައި އުފެދެމުން އަންނަ ގިނަ ޕަާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ލިބޭ ނިކަމެތިކަމެކެވެ. އަދި ޑިމޮކްރަސީގެ ރިވެތި އުސޫލުން ވާަދަވެރިން އިންތިޚާބުގައި ބަލިކުރެއްވުމަށް މަސައްކަތް ކުރެއްވުމުގެ ބަދަލުގައި ނަޒާހަތްތެރިކަން ގެއްލި ރައްޔިތުންގެ ނަފްރަތުލިބި އިތުބާރު ގެއްލިފައިވާ ކޯޓުތައް މެދުވެރިކޮށް ސިޔާސީ ވާދަވެރިކަން ގެއްލުވާލެއްވުމަށް މަސައްކަތްކުރައްވާ ކަމީ ސިޔާސީ މައިދާނުގައި ޕީޕީއެމަށް ނާކާމިޔާބުވުން ކަމުގައި ދެކެމެވެ.

“ އިންތިޚާބުގައި ޑީއާރުޕީގެ ތާޢީދު ލިބި، އެމްޑީޕީ ބަލި ނުކުރެވޭނެކަން ޕީޕީއެމްއަށް ކަށަވަރުވުމުން ރައީސް މައުމޫނުގެ ނުފޫޒު އޮންނަ ކޯޓުތައް މެދުވެރިކޮށް އެމްޑީޕީގެ މެޖޯރިޓީ ގެއްލުވާލަން ޕީޕީއެމްއިން ކުރައްވާ މަސައްކަތްތަކަށް ރައްޔިތުން ޖާގައެއް ނުދޭނަން. މިޕާޓީއަށް ތާޢީދު ކުރައްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ދިފާޢުގައި އެމްޑީޕީން ނިކުންނާނަން. ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެމްޑީޕީން ކުރަމުން އަންނަ މަސައްކަތްތައް ބާރަށް ކުރިއަށް އަޅުގަނޑުމެން ކުރިއަށް ގެންދާނަން” އެމްޑީޕީގެ ޗެއަރޕާރސަންގެ ނައިބު އަލީ ޝިޔާމް ވިދާޅުވިއެވެ.