ނޫސްބަޔާންނެރެ މީހުން ބިރުގަންނަވަން އުޅުމަކުން އަދި މިކަން ނުނިމޭނެކަން ދަންނާށެވެ!

16 ސެޕްޓެމްބަރ 2010

ލިޔުނީ: ފުނަމާ

presidentialpalaceofmaldives-450-x-302

ކޮންމެ މީހަކުވެސް ނުވަތަ ބަޔަކުވެސް ކަމެއް ކުރަންވާނީ އެކަން ލިބިގަންނަން ނުވަތަ، ދެކޭންތިބޭ ބަޔެއްގެ ފާޑުކިޔުމާއި ތާރީފު ނުވަތަ މަލާމާތްވެސް ލިބޭނެކަން އެނގިތިބެގެންނެވެ. ތިމާކުރާ ކޮންމެ ކަމަކީ ނުވަތަ ތިމާ ބުނާ ކޮންމެ ބަހަކީ އެކަން ރައްދުވާ ފަރާތުން ނުވަތަ، އަޑުއަހާފަރާތުން ތިމާއެދޭހާ ގޮތަކަށް ބަލައިގަންނާނޭ ކަމެއް ކަމުގައި ދުށުމަކީ ކަންކުރިފަރާތް ތަސައްރަފު ނުފުދޭކަން އަންގައިދޭ ހެއްކެކެވެ.
މިސާލަކަށް ދާދިއެހައްދުވަހަކު ކޮންމެވެސް މުއައްސަސާއަކާއި ވަގުތީގޮތުން ހަވާލުވެ ހުރިމީހަކު “ތިމަންނާ މިހާރުމިހިރީ ދާއިމީވެފައޭ” ބުނުމުން އޭނާހީކުރީ އެދެން އެބުނިގޮތަށް ހަމަޖެހުނީ ކަމަށެވެ. އެކަމަކު އެހެނެއް އެހެންމީހުން ޤަބޫލެއް ނުކުރިއެވެ. ނުވަތަ އެއަޑުއަހަންވީ ފަރާތަކުން އެއަޑެއް ނޭހިއެވެ. އެންމެފަހުން ކަންނިމުނީވެސް ބަސްބުނިމީހާ ބޮލާފޮށާ އެޅިގެންނެވެ. ދުނިޔެއަށް ތިމާޔަށް އާދެވި ހަށިދަމާލެވި އަތްމަތި ތަނަވަސްވުމުން ” ދެންތިމާއަށް ބޭނުންގޮތަކަށް އުޅެވިދާނެޔޭ ” ބުނެ އުޅުނަކަސް އެއީ ހަޤީޤަތެއްނޫންކަން އިސްލާމެއްނަމަ ޤަބޫލުކުރާނެއެވެ.
ދައުލަތުގެ ތިންބާރަކީ އެއްބާރު އަނެއްބާރަށް އަރައިނުގަނެ ދައުލަތް އަމާންއޮމާން ގޮތުގައި ހިންގުމުގައި ތެދުވެރިވާން ޤާނޫނުން ލާޒިމްކޮށްފައިވާ ބާރުތަކެކެވެ. ޤައުމަށް ލާބަހުރިގޮތްތަކަށް ޤާނޫނު ހެދުމުގެ ބާރު ޤާނޫނުހަދާ މަޖިލިހަށް ދީފައިވާއިރު އަދުލު އިންސާފު ޤާއިމް ކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ޖޫޑިޝަރީއަށެވެ. ހަމައެހެންމެ ޤާނޫނީ ވެރިކަން އިންތިޒާމްކޮށް އެކަން ޔަޤީންކުރުމުގެ ބާރާއި ދައުލަތާއި ސަރުކާރު ހިންގުމުގެ ބާރު ދީފައިވަނީ އެގްޒެކްޓިވް ބާރަށެވެ. މިތިންފަރާތުން އެންމެ ފުރިހަމަ ގޮތުގައި މިކަންކަމަށް އިހްމާލުނުވެ ކަންކޮށްގެން އަދިއެކަން އެކުރަނީ ޤައުމުގެ ވެރީންކަމުގައިވާ ރައްޔިތުން ބަލައިގަންނަ އަދި، އިތުބާރުހުރިގޮތަކަށް ކަމުގައި ނުވާނަމަ ރައްޔަތުންގެ ނުރުހުމާއި ފާޑުކިޔުންވެސް އެފަރާތްތަކަށް ރައްދުވާނެއެވެ. އެކަން ހުއްޓުވުމަށް އިއުލާނުތަކެއްކޮށް ނޫސްބަޔާންނެރުމަކީ އިތުރަށް އެފަރާތްތަކާއިމެދު ނުރުހުން އިތުރުވުމަށް ފަހިވެގެންދާނެ ކަމެކެވެ. މިސާލަކަށް ވެރިކަން ހިންގާފަރާތުން ރައްޔިތުންގެ ޙައްޤުތަކަށް ބަލާލުމެއްނެތި ރައްޔަތުންގެ ހެވާއިލާބައަށް މަގުތައްކޮށައިނުދެވޭނަމަ މީހުން މަގުމައްޗަށްވެސް ނުކުންނާނެއެވެ. ހަޅޭއްވެސް ލަވާނެއެވެ. އެކަން ހަޖަމުނުކުރެވިގެން “މަށާދިމާލަށް އެއްޗެކޭ ބުނެފިމީހަކުގެ” ދުވަސްދުއްވާލާނަމޭ ބުންޏަކަސް އަދިމިހާރުމިއުޅޭ މީހުންނަކު ބިރެއްނުގަންނާނެއެވެ. މަޖިލިހުގެ މެންބަރުން ތިމަންނާމެންނީ ތިމަންމެންގެ މައްޗަށް ޤާނޫނު ނުހިނގާ މީހުންކަމުގައި އަމިއްލަޔަށް ލިޔެގެން ނިތްކުރީގައި ހިއްޕައިގެން އުޅުނަކަސް އެކަން ޤަބޫލުކުރާނެ ބަޔަކު ނުތިބޭނެކަން ދަންނާންވާނެއެވެ. ހަމައެހެންމެ ދުވާލުގެ އިރުފަދައިން ފެންނަން ހުންނަ ކަންކަން އެހެންގޮތަކަށް ފުރޮޅާލައި މިސާލަކަށް ވަގުޑޮލަރު ގެންގުޅުމަކީ މަނާކަމެއްނޫނޭ ބުނެ ހުކުންކުރާ ފަނޑިޔާރަކާ މެދު މީހުންގެ ހިތްތައް ސާފުނުވާނެކަން އެމީހުންވެސް ޤަބޫލުކުރަން ޖެހޭނެއެވެ. ވަކިމީހެއްގެ މައްސަލަ ނުބެލިގެން ޤައުމު ކަންބޮޑުވާ ހިސާބަށް ދިއުމުން އެކަމުގެ ޝަކުވާ ނުކުރާނެޔޭ ހީކުރުމަކީ މޮޔަކަމެކެވެ.
އަދުލު އިންސާފު ޤާއިމް ކުރުމަކީ މުޖްތަމައެއްނަމަ އެތަނުގައި އޮންނަންޖެހޭ ހުރިހާ ހަމަޖެހުމެއް އޭގެ މައްޗަށް ބިނާވެފައިއޮންނާނެ މުހިންމު އެއްކަމެވެ. އިސްލާމް ދީން މީސްތަކުން ޤަބޫލު ކުރަނީވެސް އެދީނުގެ ޝަރީއަތުގެ ފުރިހަމަކަމުންނެވެ. މުޅި ދީނުގެ އެންމެހާ ކަންކަން ފުރިހަމަ ވެފައިވަނީ ޝަރުޢީ ހަމަތަކުގެ މަތީންނެވެ. ބޮޑެތި ބޮޑެތި އަނިޔާވެރީން މިދީނުގެ ޝަރީއަތުގެ އިންސާފުވެރިކަން ދެކި ޤަބޫލުކުރެވިގެން އިސްލާމްދީން ޤަބޫލުކޮށްފައި ހުރިކަން ތާރީޚުން އެނގެން އެބައޮތެވެ. ޢަލީގެ ފާނުންގެ އައްޑަނަކޮޅުގެ ޝަރީޢަތްތައް މިސާލަކަށް ފުދޭނެއެވެ. ކަންމިހެން އޮތްއިރު އިސްލާމީ ޝަރީއަތް ހިންގާން ބޮލުރުވައިގެން ތިބޭ ބަޔެއްގެ ބޭއިންސާފުވެރިކަން ހާމަވާނަމަ ހިތުގައި އިސްލާމްކަން ބަލިކަށި މީސްތަކުން ދީނުން މަގުފުރެދި ދިއުމަށް އެމީހުންގެ ސަބަބުން ބާރުއެޅިގެން ދާނޭކަންވެސް ޤަބޫލުކުރާންޖެހޭނެއެވެ. ޙާކިމުންނާ ބެހޭގޮތުން ” ތިންގާޒީންގެ ތެރެއިން ދެގާޒީން ނަރަކަޔަށޭ” އޮންނަ ދީނީ ބަސްފުޅަކީވެސް ވިސްނާލައިފިނަމަ މިކަމަކީ ކިހާވަރެއްގެ ކަމެއްކަން އަންގައިދޭ ކަމެކެވެ. މީގެއިތުރުން އެފަދަ ފަނޑިޔާރުންގެ ނިންމުންތަކަކީ ހަމަފާޅުގައި އަދުލުއިންސާފާއި ފުށުއަރާ ކަންކަން ކަމުގައި ވާނަމަ މީސްތަކުންވެސް އެކަމާ ފާޑުކިޔައި އަދިކީއްތަ އެހެންކަންކަންވެސް ކުރާނެއެވެ.
ކޮންމެ މީހަކަށްވެސް ވާޖިބުވެގެންވަނީ އެމީހަކު ކުރާކަމެއް ނުވަތަ، ހަވާލުވެފައިވާ ޒިންމާއެއް އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު އަދާކުރުމެވެ. އޭރުން ގައިމުވެސް ﷲގެ ރުއްސެވުން ތިމާޔަށް ލިބިގެންދާނެ ކަމުގެ ޔަޤީންކަން އެމީހަކަށް އޮންނާނެއެވެ. އެކަމަކު މިވަރުންވެސް އެކަން ބަލައިގަންނަ ބައެއްފަރާތްތަކުން ކަންކުރިފަރާތްތަކާމެދު ބައެއްފަހަރަށް ޝައްކުގެ ނަޒަރުން ބަލައި ފާޑުކިޔާފާނެކަންވެސް ދަންނާންވާނެއެވެ. ކަންމިހެންއޮންނައިރު ތިމާއަކީ ނުވަތަ ތިމާމެންނަކީ ވަކިޚާއްސަ ބާރެއް ލިބިގެންވާ މީހެއް ނުވަތަ ބައެއްކަމުގައި ހީކޮށްގެން ” ތިމަންނާމެން ކުރާކަމަކާ ބެހިގެން އަނގައިން ބުނިމީހަކު ނުވަތަ ބަޔަކު ނައްތާލާނެކަމުގެ” އިންޒާރު ދިނުމަކީ އެއިންޒާރުދިން މީހެއްގެ ނުވަތަ ބަޔެއްގެ އިންސާފެއް އަމުދުން ނެތްކަން އަންގައިދޭ ހެއްކެކެވެ. އަދި އެފަދަމީހަކު ނުވަތަ ބަޔަކު ދައްކާވާހަކަ ދެން ޤަބޫލުކުރުންވާނީ ދަތިކަމަކަށެވެ.
ދައުލަތާއި ސަރުކާރުގެ ވެރިޔަކަސް ޤާނޫނުހަދާ މަޖިލިހުގެ މެންބަރެއް ކަމުގައިވިޔަސް ނުވަތަ އަދުލު އިންސާފު ޤާއިމްކުރުމާ ޙަވާލުވެހުރި ފަނޑިޔާރަކަސް ކުރާ ކަންކަމާމެދު އެކަމެއް ރަނގަޅިއްޔާ މީހުން ތާރީފުކުރާފަދައިން ދޯދިޔާ އަދި ތާކުންތާކު ނުޖެހޭ ކަންކަން ކުރާނަމަ މީސްތަކުންގެ ފާޑުކިޔުމާ މަލާމާތާ ނުރުހުންވެސް ލިބިގެން ދާނެކަންކަން ކަމުގައި ޤަބޫލުކޮށް އެކަން ހަޖަމް ކުރަން ޖެހޭނެއެވެ. އެހެންނޫނީ ރަނގަޅުވާނީ އަވަހަށް އިސްތިއުފާ ދީފައި ގެއަށް ދިޔައިއްޔާއެވެ.
ވެރިކަމުގައި ހުންނަ މީހަކު ވައްޓާލަން ފުޅައްމަތީންއަރައި ބަންނަން ގޮވާއިރު ޤާނުނުހަދާ މަޖިލީހުގެ މެންބަރުންގެ އަބުރަށް ފައިންއަރައި ގޮވާނަގާނަމަ ދައުލަތުގެ އަނެއް ބާރުގައި ހިމެނޭ މީހުންގެ ވާހަކަވެސް މީހުން ނުދައްކައެއް ނުތިބޭނެތާއެވެ. މިކަންކަން ހުއްޓުވައި ޤައުމުގައި އަދުލު އިންސާފު ޤާއިމް ކުރަން އޮތްބާރުން އެހެންމީހުންގެ ޙައްޤުތަކަށް ބެލުމެއްނެތި ކަންކޮށްފައި ތިމަންނާމެންނާ ބެހޭ މީހުންނާމެދު ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީ ހެދިޔަކަސް މީހުން އެކަން ޤަބޫލުކުރާނެކަމަށް ދެކޭނަމަ އެކުރެވެނީ ކުރާނެ އެންމެ މޮޔަކަންތަކެވެ. ރަނގަޅުވާނީ މީސްތަކުންގެ ދޫތަކުން ސަލާމަތްވާނެގޮތައް ކަންކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރުމެވެ. ގެއްލިފައިވާ އިމޭޖް ރަނގަޅުކުރުމަށް މަސައްކަތް ކުރުމެވެ. ނޫސްބަޔާންނެރެ މީހުން ބިރުގަންނަވާން އުޅުމަކުން މިކަން ނުނިމޭނެކަން ހަނދާންކުރާންވާނެއެވެ.