އިދާރީ ދާއިރާތައް ކަނޑައެޅުމުގައި ޑީއާރުޕީ އިން ދީފައިވާ އެއްބާރުލުމަށް ރައީސް ޝުކުރު އަދާކުރައްވައިފި

16 ސެޕްޓެމްބަރ 2010

hep-450-x-361

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ އިދާރީ ދާއިރާތައް ކަނޑައެޅުއްވުމުގައި، ވާދަވެރި ޑީ.އާރު.ޕީ އިން ދެއްވާފައިވާ އެއްބާރުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޝުކުރު އަދާކުރައްވައިފިއެވެ.
މީހުން ދިރިއުޅޭ ރަށްރަށުގެ އިދާރީ ދާއިރާތައް ކަނޑައެޅުއްވުމާ ބެހޭގޮތުން ސަރުކާރާއި ޑީ.އާރު.ޕީ.ގެ މަންދޫބުންގެ މެދުގައި ބޭއްވުނު ވާހަކަތައް ނިންމަވާލައްވައި، އެއްބަސްވެވުނު ކަންކަމާމެދު ދެފަރާތުގެ މަންދޫބުން ސޮއިކުރެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިވާހަކަތަކަށް ދެއްވި ދަޢުވަތު ޤަބޫލު ކުރައްވައި، ވަރަށް އެދެވޭ އިޖާބައެއް ދެއްވާފައިވާތީ، ޑީ.އާރު.ޕީ.ގެ ލީޑަރ އަޙްމަދު ތަސްމީން ޢަލީއާއި، އެޕާޓީން ވާހަކަތަކުގައި ބައިވެރިވެވަޑައިގެންނެވި މަންދޫބުންނާއި، ޑީ.އާރު.ޕީ.ގެ އެންމެހާ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. އަދި މިވާހަކަތައް ހިނގައި ނިމިދިޔައީ، ސަރުކާރާއި ވާދަވެރި ސިޔާސީ ޕާޓީތަކާ ދެމެދު އެއްބާރުލުން އޮންނަންވާ ގޮތުގެ ރީތި ނަމޫނާއެއްގެ ގޮތުގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ އިދާރީ ދާއިރާތައް ކަނޑައެޅުއްވުމުގައި، ސަރުކާރާއި ވާދަވެރި އެންމެބޮޑު ސިޔާސީ ޕާޓީއާ ދެމެދު ވެވުނު އެއްބަސްވުމުގައި، އިދާރީގޮތުން ރަށްރަށް ގުޅުވާލުމަށްޓަކައި ރައްޔިތުން ދެކޭގޮތް ބެލުމަށް މި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހާއި، އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހާ ދެމެދުގެ ތާރީޚެއްގައި ވޯޓް ނެގުން ބޭއްވުމަށާއި، މިކަންކަމުގައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް، އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުށަހެޅުއްވުމަށާއި، އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު އިދާރީ ދާއިރާތައް އިޢްލާނު ކުރެއްވުމާއެކު، 31 ޑިސެމްބަރ 2010ގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެވުން ހިމެނެއެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ އިދާރީ ދާއިރާތައް ކަނޑައެޅުއްވުމަށް ސަރުކާރާއި ޑީ.އާރު.ޕީ.އާ ދެމެދު މިސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ފެށުނު ވާހަކަތަކުގައި، ޑީ.އާރު.ޕީ.ގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، އެޕާޓީގެ ޑެޕިއުޓީ ލީޑަރ އިބްރާހީމް ޝަރީފާއި، ޑީ.އާރު.ޕީ.ގެ ކައުންސިލް މެންބަރުން ކަމުގައިވާ އަލްއުސްތާޛު މުޙަންމަދު މުޖްތާޒާއި، ރޮޒައިނާ އާދަމާއި، އަޙްމަދު މަހްލޫފެވެ. ސަރުކާރުގެ ފަރާތުން މިވާހަކަތަކުގައި ބައިވެރިވެވަޑައިގަތީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް މުޙަންމަދު ޝިހާބާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަޙްމަދު ޝަފީޤާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަނާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަރީފް ނަފީސެވެ.