ޑިމޮކްރަސީގެ އަޞްލުތައް ރާއްޖޭގައި އަށަގެންނެވުމުގައި ކުރާންހުރި މަސައްކަތްތައް ހިތަށް ގެނެސް، ބޮޑު މަންޒަރުގެ އުޖާލާކަން އަޅުގަނޑުމެންގެ ހިތްތަކުގައި އާލާކުރުމަށް ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި

15 ސެޕްޓެމްބަރ 2010

ޑިމޮކްރަސީގެ އަޞްލުތައް ރާއްޖޭގައި އަށަގެންނެވުމުގައި ކުރާންހުރި މަސައްކަތްތައް ހިތަށް ގެނެސް، ބޮޑު މަންޒަރުގެ އުޖާލާކަން އަޅުގަނޑުމެންގެ ހިތްތަކުގައި އާލާކުރުމަށް ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަންކަމަށް އިލްތިމާސް ކުރައްވާފައިވަނީ، މިއަދަކީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.

މިމުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖް މިދަންނަވާލަނީއެވެ.

“ދުނިޔޭގައި މިއަދު ފާހަގަކުރަމުންދާ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި، ޑިމޮކްރަސީގެ އަޞްލުތައް މިރާއްޖޭގައި އަށަގެންނެވުމުގައި، އަޅުގަނޑުމެން ކުރާންހުރި މަސައްކަތްތައް ހިތަށް ގެނެސް، ބޮޑު މަންޒަރުގެ އުޖާލާކަން އަޅުގަނޑުމެންގެ ހިތްތަކުގައި އާލާކުރުމަށް ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. ޑިމޮކްރަސީގެ ފުރިހަމަ ފައިދާއާއި ލާބަ ލިބިގަތުމަށް އަޅުގަނޑުމެން އިސްކަންދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި، ޤައުމީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި، މަދަނީ ޖަމްޢިއްޔާތައް ނުވަތަ ސިވިލް ސޮސައިޓީ ވަރުގަދަ ކުރުމަށް އެޅޭންހުރި ފިޔަވަޅުތައް އެޅުން ހިމެނެއެވެ. ހަމައެއާއެކު، ޤާނޫނުއަސާސީގައި ބުނާ ބާވަތުގެ ފަނޑިޔާރުގެއެއް ޤާއިމު ކުރުމާއި، ޤާޒީންނާއި ފަނޑިޔާރުންނަށް އަޅުގަނޑުމެން އެންމެންގެ އިޙްތިރާމާއި އިތުބާރު ލިބިދެވޭނެ އިންތިޒާމުތައް އަށަގެންނެވުންވެސް ހިމެނެއެވެ. ދިވެހިން މިއަދު ޙާޞިލުކުރާން އެދޭ ތަރައްޤީއާއި ލަނޑުދަނޑިތައް މިވަގުތު ގުޅިފައި ހުރީ، ލާމަރްކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ހަމަޖައްސަންޖެހޭ ކަންތައްތައް ވާދަވެރި ސިޔާސީ ޕާޓީތަކުގެ ބައިވެރިވުމާއެކު ހަމަޖައްސައި، ކުރިމަގުގެ ފާގަތިކަން ޙާޞިލު ކުރުމަށްޓަކައި އިންޞާފުވެރި އިންތިޚާބުތައް މިރާއްޖޭގައި ބޭއްވޭނެ މަގުތައް ފަހިކުރުމާކަން އަޅުގަނޑުމެން ހަނދާންކުރަންޖެހެއެވެ.

އަޅުގަނޑު އެދެނީ، އަޅުގަނޑުމެން އެންމެންނަށް މިއަދަށްވުރެ ފާގަތި މާދަމައެއް މިންވަރު ކުރެއްވުމެވެ. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުމެވެ.”