ބަލަގަ މިވެސް ހަމަ އެބޭ ކުރިކަންތަކޭ ރިބަންފަށް ކަނޑަނީއޭ !!!!

15 ސެޕްޓެމްބަރ 2010

ލިޔުނީ: ފުނަމާ

gulhy-falhu-450-x-299

” ދަންބެރަށްވުރެ ތަގުޑި” ދިގުކޮށް އެތައްދުވަހަކު ހިއްކަން ގޮވާގޮވައި އެމަސައްކަތުގެ ލިޔެކިޔުންތައް ނިންމަންވެގެން ހޭލައިތިބެތިބެ ތާއްޔާޖެހޭތީ ”ކަރުއޮބި” އަޅައިގެން އުޅެއުޅެ، އެތަކެއް އަހަރު ވީއިރުވެސް ކުޅޭކުޅޭ ބޮނޑިބަތް ނާއްޓެއްވެސް ނޭޅުނު މަޝްހޫރު “ގުޅިފަޅު” ސަހަރޯ އެފެށީ ހިއްކާށެވެ.
އަޅޭ މިއުޅޭނީ އެބުނާ ” އަލާއްދީނުގެ ވޮއްގަނޑު” މިސަރުކާރަށް ލިބިގެންހެއްޔެވެ؟ ރޯދަމަހެއް ނިމުނުއިރު ބޮޑުސިންގާ ހަތަރުރަށް ހިއްކާފައި މައުމޫނަށް މިލިޔަން މިލިޔަނުން ދިވެހީންނަށް ހަމައެކަނި ދަޅަދެއްކުނު ގުޅިފަޅުވެސް އެފެށީ ހިއްކާށެވެ. އަނގަހުޅުވި ދެމިޔަކަނުން ސޮނިފައިބާ ބަޔަކުވެސް ތިބޭނެތާއެވެ. މޮޔަވެސް ގޮވޭނެތާއެވެ.
އެއަރޕޯޓު ޖީއެމްއާރްއަށް ދިނުމުން ޝަރީއަތަށެވެ. މާލޭގެ ބިންވިއްކާން ފެށުމުންވެސް ޝަރީއަތަށެވެ. އަނެއްކާ މިހާރު ހިތަށްއަރަނީ ކަނޑުން ވެލިނަގައިގެން ފަޅުހިއްކާތީ ވެސް ޝަރީއަތައް ނުދާނެބާވައެވެ؟ ޝައްކުލާ ރައްދެއްނެތެވެ. މިކަމާވެސް މިހާރު ތިބޭނީ ތުންފިއްތައިގެންނެވެ. ރާވާނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން މިކަންވެސް ހުއްޓުވާ ލެވޭތޯއެވެ. އެއްކަލަ ” ހުރަގޭގައި ތަޅުއަޅުވައިގެން މުޖުބޭ ހުވާކުރުވި ނައިބުކުދީން ފިސާރި އަބުއިވެގެންތިބެ މިކަންވެސް ހުއްޓުވާނެތާދޯއެވެ. ނޫނޭ އިދިކޮޅު މީހުންނަށް ވަރުތަކެއް އެބަވާކަން އެއުޅޭގޮތުން ޔަޤީންވެއެވެ. މިދާސްޕީޑުގައި ދާނަމަ ދެން ތިމާމެން ތިބެންޖެހޭނީ ދެމިޔަކަނުން ހަނދުއޮއްސި ފުޅައްބުޑުގައި ނާބަޖަހަންކަން މިހާރު ހުރެ ޔަޤީންވާނެއެވެ.
މިސަރުކާރު އައިސް ކުރީކޮޅު ދޮގުފޮތް ޗާޕުކޮށްކޮށްގެން ކަންނުކުރެވޭތީވެ ހަޅޭއްލަވައި އުޅުނު މީހުން މިއަދު ކޮބައިހެއްޔެވެ؟ ފެނުމުގެ ޙިއްސުތައް ސަލާމަތުން ހުރިއްޔާ ނިކަން ދެކިބަލާށެވެ. މިސަރުކާރުގެ މިފާއިތުވާ ދެއަހަރާ މައުމޫނުގެ އެބުނާ މޮޑިފައިޑް ތިރީސްއަހަރާ ނުބައްދަލު ކުރިއެރުން ހުރިހާ ދިމާލަކުން ފެންނާން ފަށައިފި ކަމުގައި މިހާރު ފިސާރިއަކަށް ޤަބޫލުކުރެވޭނެއެވެ. އަދި ތިމާމެން ރައްޔިތުންގެ ލޮލުގައި މިހުރިހާދުވަހު އެޅުވި އެއްޗަކީ ކުލަފިލާ އަނދުންކަން މިހާރު ހެޔޮގަބޫލުކުރާ އެންމެންވެސް ޤަބޫލު ކުރާން ފަށައިފިއެވެ. މިސަރުކާރުގެ ވައުދުތަކަކީ ދާދިއަވަހަށް ވަޔަށް އަރައިގެންގޮސް ހުލިވެގެންދާ ސައިބޯނި ބޮކިތަކެއްނޫންކަން މިއަދުމިދަނީ ސާބިތުވަމުންނެވެ. އެކަމަކު އިހުމުސްކުޅީން ކޮންމެސް ބަޔެއްގެ ” އަނގައިން މައިބަފައި ހުހެއްނުވާނެޔޭ ” ބުނާ ގޮތަށް ” ފަސާދަ ބާގައިގެ ” މީހުންވެސް ކޮންމެވެސް ހާސާރުތަކެއް ދަމާނެތާއެވެ. ” އަނގައޮތިއްޔާ ކާޅެއް ނުކާނެތާއެވެ”
މިޤައުމުގެ ވެރީންގެ ގޮތުގައި މިހާރު މިތިއްބެވި އެންމެހާ ވެރީންނަށް ޚާއްސަކޮށް ރައީސް ނަޝީދަށް ދަންނަވަންއޮތީ ހަމައައްސަރިބަހާ، ސާބަހެވެ. އަމިއްލަ އެދުމުގެ ކުނޑިފަށެއްވެސް ނެތި ތިކުރައްވާ ހިއްވަރާ މިންނަތް މަސައްކަތަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. މިސަރުކާރަކީ ” ހެޔޮ ސަރުކާރެކޭ ވައުދުތައް ފުއްދައި ރައްޔިތުންނަށް ފާގަތި މުސްތަޤްބަލެއް ހޯދައިދީ ތާހިރު ދިރިއުޅުމަކަށް މަގުފަހިކޮށްދޭނޭ ސަރުކާރެކޭ ” ރައީސް ނަޝީދު ވިދާޅުވާ ވިދާޅުވުމަކީ ” ފެންނެތް ބޮޑުކާއްޓެއް ބިނުން” ނޫންކަން މިއަދު ތިޔަ ގެންދަވަނީ ސާބިތު ކޮށްދެއްވަމުންނެވެ. މިއަދު މިޤައުމުގެ ގައިމުވެސް ގިނަބަޔަކު މިކަމަށް ހެކިވާނެއެވެ.
ހެޔޮނިޔަތުގައި މަސައްކަތްކުރާ ކޮންމެ ބަޔަކަށް ފިސާރިހުރެ ﷲގެ ޙަޒްރަތުން މަދަދާއި އެހީތެރިކަން ދެއްވާނެކަން އެނގިހުރެ ސާބިތުކަމާއެކު ރައްޔިތުންގެ ޙައްޤުގައި ނާށިގަނޑައިގެން ހިނގާން ޖެހުނަސް އެކަންވެސް ރައީސް ނަޝީދު ކުރައްވާނެކަން މިހާރު މިޤައުމު ފަޚުރުވެރިކަމާއެކު ޤަބޫލު ކުރާނެއެވެ. އަދި ރައީސް ނަޝީދު ފިސާރިގިނައިން ވިދާޅުވާ ” މިތުރުންގެ ހިތަށް ދަތިކުރި ކަޅުކޮންމެ ރެޔެއްވެސް ފިތުރަތުގެ އުސޫލުން ނިމެނީ ފަތިހަށެ އަމުދުން ” ކަން މިއަދު ޤަބޫލު ކުރެވޭނެއެވެ.
މިލިބޭ ކުރިއެރުމާ މިކަންކަން ދާއިމްކޮށް ކުރިއަރުވައި ކުރިމަގު އުޖާލާ ކުރެވިގެން ދާނީ ޤައުމުގެ އެންމެހާ ރައްޔިތުން މިވަޤުތު މިކަންކަން ބަލައިގަނެ އެއްބާރުލައި މިކަން ދަމަހައްޓާން އުޅެގެން ކަމާމެދު ޝައްކެއްވެސް ނެތެވެ. ޝައިތާނާގެ ވަސްވާސްގައި ޖެހި ހަސަދަވެރިކަމުގެ އަލިފާން ކަނިތައް ވިއްސައި މުޅިޤައުމުގައި ޙުޅުޖަހަން ފޫގަޅައިގެން އެތިބަ ޝައިތާނީ ސިކުނޑިތަކުގެ އަހުލު ވެރީންނަށް އާނ ބަސްބުނެ ވަހުތާންތަކެއްހެން އެނބުރި ” މިވެސް ހަމަ އެބޭ ކުރިކަންތަކޭ ރިބަންފަށް ކަނޑަނީއޭ ” ގޮވުމަކުން ދުވާލުގެ އިރުގެ އަލިކަން ފަދައިން މިފެންނަ ޙަޤީޤަތަކަށް ގައިމުވެސް ފަހެއް ނޭޅޭނެއެވެ.
މައުމޫނުގެ ވެރިކަން ވެއްޓިއްޖިއްޔާ މިޤައުމަށް އެންމެ ސެންޓެއްވެސް ބޭރުގައުމަކުން ނުދޭނެޔޭ ގޮވި ދޫތައް މިހާރުއެތިބީ ވާޅުވެފައެވެ. މީހުންގެ ހިއްތަކަށް ތަފާތު ބިރުވެރިކަން ވެއްދުމުގެ ގޮތުން ތަފާތު ފުލޯކު ވާހަކަތައް ހެދުމަށް ބޭނުންކުރި ސިކުނޑިތައް މިއަދުއެވަނީ ސުމަކަށް ގޮސްފައެވެ. ދެލޯ މުދުނަށް އަރައި ގޮތްހުސްވެ ކިޔޭ ނުކިޔޭ ނޭނގޭވަރުވެފައެވެ. އެއްކަލަ މައުސްބޭމެންވެސް ކެލާވިއްކާން މަޖްލިހަށް އަރާ މިހާރު މާއަސަރުގަދަ އަޑަކުން އެގޮވަނީ ” ތިދަރުވާލަނީ ކިހާވަރަކަށް ތޯއެވެ.” ކުރާނެ ކަމެއް ނެތްތާއެވެ. ތިމާމެން ފޭބިއިރު މިޤައުމު އޮތީ ކޮން ހާލެއްގައިކަމާ ރާއްޖޭގެ މާލީ އިދާރާތައް އޮތީ ކޮންހާލެއްގައިކަމާ ޖަޕާނުން ގެނައި ޖަޕާނުމަހެއް ލާނެ ފެންފޮދެއްވެސް ސަރުކާރުގައި ނެތިގެންކަން ވެސް މިހާރު މިދަނީ ފަޅާއަރަމުންނެވެ. ދެންއެކަމަކު ހަމަޖެހޭނީ އިރާދަކުރެއްވިއްޔާ ބަލަން ދުރުގައި ތިބޭށެވެ. އެވެރީންގެ ހަކިވެސް މިޤައުމުގައި ހިއްޕާ ނުލެވޭނެއެވެ.