ސަރުކާރުގެ ވިޔަފާރި ކުންފުނިތައް ހިންގެވުމަށް ހޯލްޑިންގ ކުންފުންޏެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

15 ސެޕްޓެމްބަރ 2010

cabinet

ސަރުކާރުގެ ވިޔަފާރި ކުންފުނިތައް ބެލެހެއްޓުމަށާއި، އެތަންތަނުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުގެ ސަތޭކަ ޕަސެންޓް ޙިއްޞާވާ ހޯލްޑިންގ ކުންފުންޏެއް އުފައްދަވައި، އެކުންފުނީގެ ދަށަށް އެތަންތަން ބަދަލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
މިކަން މިގޮތަށް ނިންމެވީ، އިއްޔެ ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، މިފަދަ ހޯލްޑިންގ ކުންފުންޏެއް އުފެއްދެވުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ތައްޔާރު ކުރެއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މި ހޯލްޑިންގ ކުންފުނި އުފައްދަވައި ހިންގަވާނީ، ލިމިޓެޑް ލައިބިލިޓީ ކުންފުނިތަކާ އެއްގޮތަށް ރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުންނެވެ. މިފަދަ ކުންފުނިތަކުން އެހެން ޤައުމުތަކުގައިވެސް ސަރުކާރުގެ ވިޔަފާރިކުރާ ތަންތަން ބަލަހައްޓާ އުޞޫލުން ރާއްޖޭގައިވެސް މިމަސައްކަތް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ބައްޓަން ކުރުމަށްޓަކައި ސިންގަޕޫރުގެ ތަމަސަކް ހޯލްޑިންގ ކުންފުންޏާއި، މެލޭޝިޔާގެ ޚަޒާނާ ހޯލްޑިންގ ބަރްހާދު ހިންގާ އުޞޫލުތަކަށް ރިޢާޔަތްކޮށްގެން، ރާއްޖޭގެ ޙާލަތާއި މާޙައުލާ ގުޅޭގޮތަށް މިކުންފުނި ހިންގެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވިއެވެ.

ރާއްޖޭގައި ސަރުކާރުގެ ވިޔަފާރިކުރާ ތަންތަން އުފެދިގެން އައިސްފައިވަނީ، ރައްޔިތުންނަށް އަސާސީ ޚިދްމަތްދޭ ސަރުކާރުގެ އިދާރާތަކެއްގެ ގޮތުގައެވެ. އެހެން ނަމަވެސް، މިސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ގިނަ ތަންތަން މިހާރުވަނީ ކޯޕަރަޓައިޒްކޮށް، ވަކިވަކި ކުންފުނިތަކަކަށް ބަދަލުކުރެވިފައެވެ. އެހެންކަމުން، ދެން އޮތް މަރްޙަލާއަކީ، އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް، އެ ފަރާތްތަކަށް ޙިއްޞާ ވިއްކައިގެން، ކުންފުނިތައް ޕްރައިވަޓައިޒް ކުރުންކަން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވައެވެ.

މިވަގުތު ސަރުކާރު ޙިއްޞާވާ 46 ކުންފުނި އުފެދިފައިވެއެވެ. މި 46 ކުންފުނީގެ ތެރޭގައި، ސަރުކާރު ސަތޭކަ އިންސައްތަ ޙިއްޞާވާ 33 ކުންފުނި ހިމެނެއެވެ.

.