އިންތިޚާބަކާ ނުލައި ރައްޔިތުންގެ މައްޗަށް ވެރިވެނުގަނެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ދިވެހިރައްޔިތުންގެ ރުހުން ނުލިބި ރައްޔިތުން ގާތު ނާހާ ރައްޔިތުންގެ މައްޗަށް ވެރިވެނުގަނެވޭނެ ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިހާރު ތިލަދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދަ ހަވީރު ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީގައި އެމްޑީޕީގެ “ވޯޓުން އުފާވެރިކަން” ކެމްޕޭން އިފްތިތާޚްކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ނޮވެމްބަރު 9 ދުވަހު އިންތިޚާބު ބޭއްވެން ޖެހޭނެ ކަމަށާއި އަދި ޑރ.މުޙައްމަދު ވަޙީދަށް އިންތިޚާބަކާ ނުލައި ރައްޔިތުންގެ މައްޗަށް ވެރިވެނުގަނެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ފިލާވަޅަކީ ތަރައްގީ ވުމައްޓަކާއި ވެރިކަމުގެ ނިޒާމް ފައްކާވާން ޖެހޭކަމެވެ. އަދި ވެރިކަމުގެ ނިޒާމު ތަޣައްޔަރުވެފައިވާ ހިނދު ތަރައްޤީ ހޯދައިނުދެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނުގެ ވެރިކަމުގައި ކުޅުދުއްފުށީގައި ތަރައްޤީގެ އެތައް މަސައްކަތްތަކެއް ކުރުމަށް ރޭވި އެމަސައްކަތްތައް ހުއްޓުމަކަށް މިހާރު އައިސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެމަސައްކަތްތައް ކުރިއަށް ގެންދެވޭނީ އިންތިޚާބެއް ބޭއްވިގެން ކަމުގައިވެސް ވިދާޅުވިއެވެ. އިންތިޚާބަކަށްފަހު އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި 22 ކިލޯމީޓަރުގެ މަގުހެދުމާއި ކުޅުދުށްފުށީގައި ބޯހިޔާވަހިކަމަށް އެދޭ ހުރިހާ ރައްޔިތުންނަށް އެފުރުޞަތު ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން މަތީ ތައުލީމުގެ ފުރުޞަތު އިތުރުކުރެވި ހުނަރު ޕްރޮގްރާމްވެސް ފުޅާވެގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި ފެރީގެ ނިޒާމުން އިންޑިޔާ އާއި ކުޅުދުއްފުށި ގުޅާލެވޭނެ ކަމުގައި ތަކުރާރުކުރެއްވިއެވެ. މީގެ އިތުރުން ފެރީ ޓާރމިނަލާއި ޑިއުޓީ ފްރީގެ ޚިދުމަތްވެސް އެތަނުން ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުޅުދުއްފުށީގައި ހިންގާނެ ކަންކަމުގައ ވައުދުތަކަކީ ރައްޔިތުންގެ އެދުންތައް ދެނެގަތުމާއެކު ރޭވިފައިވާ ކަންކަންކަމުގައެވެ. އަދި ސުލްޙަވެރި ސިޔާސީ ޙަރަކާތް ނުހިންގޭނަމަ ވައުދު ނުވާނެ ކަމުގައިވެސް ވިދޅާވިއެވެ. ވައުދުވެ އެވައުދުތަކާއެކު ރައްޔިތުން ދެކޭ ގޮތް އިންތިޚާބަކުން އޮޅުން ފިލުވަން ޖެހޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ރައީސް މައުމޫނުގެ ވެރިކަމުގައި އިންތިޚާބުތަކުގައި ވައުދުވެވަޑައިނުގަންނަވާ ކަމަށާއި އެކަމުން ވޯޓުގެ ކަންކަން އޭގެ ޙަޤީޤީ މާނައިގައި ކުރިއަށް ގެންދެވިފައިނުވާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި ވާދަވެރި ސިޔާސީ ޕާޓީތަކުގެ ދައުރުވެސް މި ސިޔާސީ ނިޒާމުގައި މުހިއްމުކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. ސަރުކާރުން ވައުދު ފުއްދާ މިންވަރު ވާދަވެރިން ބައްލަވަން ޖެހޭނެ ކަމުގައިވެސް ވިދާޅުވިއެވެ. އަދި ވޯޓު ލުމުގެ ޙައްޤަކީ މި ސިޔާސީ ނިޒާމުގެ އަސާސްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންތިޚާބާ ގުޅޭގޮތުން މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ކުޅިވަރުގެ މައިދާނުން ހަޔާތުގެ އެތައް ތަޖުރިބާތަކެއް ލިބިގެންދާކަމުގައެވެ. އެގޮތުން ފުޓުބޯޅަ ދަނޑުންވެސް އެންމެ ފުރަތަމަ ލިބޭ ތަޖުރިބާއަކީ ބަލި ޤަބޫލުކުރަން ދަސްކުރުމާއި އަދި ކާމިޔާބުގައި ބޮޑާ ނުވުން ކަމުގައި ވިދާޅުވިއެވެ. ތަރައްޤީއަށްޓަކައި ސިޔާސީ ނިޒާމު ހަރުދަނާ ކުރަން ޖެހޭ ކަމަށާއި މިހާރު ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޣީބަ ބުނުމާއި ނެތިމޮށުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ސިޔާސީ ހަތިޔާރަކަށް ދީން ބޭނުންކުރުމުން ބޮޑުވަމުން އަންނަ ޒުވާން ޖީލުގެ ހިތްތަކުގައި ދީނާމެދު ޝައްކު އުފެދި ދީނީ ވަޙްދަތު ގެއްލި އިސްލާމީ އެއްބައިވަންތަކަން ގެއްލެމުން ދާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދީނާއި ޤައުމަށްޓަކައި އެފަދަ ކަންކަން ނުކުރެއްވުމަށް އިޚްލާސްތެރިކަމާއެކު ސިޔާސީ ވާދަވެރިންގެ ކިބައި އެދިލައްވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަނދިރިއަނދިރިންގެ ދުވަސްވަރުގައިވެސް ދިވެހިންގެ އަޤީދާ ބަލިކަށިކޮށްނުލެވުނު ކަމަށާއި އެއީ އެއްވެސް އިރެއްގައި ބަޔަކަށް ކުރެވޭނެ ކަމެއް ނޫން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މާޔޫސްނުވެ ހޮނިހިރު ދުވަހު ވޯޓުގައި ބައިވެރިވުމަށް ނިކުންނެވުމަށް އިލްތިމާސްކުރައްވައި ދިވެހިރައްޔިތުންނަށް ވޯޓުލުމުގެ ހައްޤު ހޯއްދައިނުދީ ގެޔަކަށް ނުވަންނަވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.