ރާއްޖޭގެ ރައްޔިތުން އެދޭ ތަރައްޤީ އާއި ބަދަލު ހޯދެން އޮތީ ރައްޔިތުންގެ ވޯޓެއް ލެވިގެން: ރައީސް ނަޝީދު

ރާއްޖޭގެ ރައްޔިތުން އެދޭ ތަރައްޤީ އާއި ބަދަލު ހޯދެން އޮތީ ރައްޔިތުންގެ ވޯޓެއް ލެވިގެންކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބަށް ކުރަމުން އަންނަ ކެމްޕެއިންގެ ތެރެއިން ށ. މިލަންދޫގައި ރޭ (1 ނޮވެމްބަރ 2013) ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ބާރު ކެނޑިދާނެތީ ކަންބޮޑުވާކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވަނީ އިންތިޚާބު ނުބޭއްވީމާ ރާއްޖެ ވެގެންދާނީ ގައުމުތަކުގެ އާއިލާއިން ބޭރު ގައުމަކަށްކަމަށެވެ. ބޭރުގެ ފަރާތްތަކުން ބަލަނީ ކިތަންމެ ކުޑަ ގައުމަކަށްވިޔަސް، އެގައުމެއްގެ ވެރިޔަކަށް ހުރީ ރައްޔިތުންގެ ވޯޓުން ކަނޑައަޅައިފައިވާ މީހެއްތޯކަމަށާއި، މިއަދު އަޑު އިވިގެންދަނީ ރިޔާސީ ދައުރު ހަމަވުމަށްފަހުވެސް ޑރ. ވަހީދު އަމިއްލަފުޅަށް ދެމިހުންނަވަން އުޅުއްވާ ވާހަކަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުން ދިވެހި ރައްޔިތުން އެދި ގޮވަނީ އެމްޑީޕީއަށްކަން އެނގިއްޖެކަމަށާއި، ރައްޔިތުންގެ ތާއީދާއި ނުލާ ޚުދުމުހުތާރު ވެރިކަމެއް ދެމެހެއްޓުމަށް ވާދަވެރިން މަސައްކަތްކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވުމަށް އެބޭފުޅުން ނަފްރަތުކުރާކަމަށާއި، ތަރައްޤީއަކީ އެބޭފުޅުންގެ ވިޔަފާރިއަށް އެޅޭ ހުރަހެއްކަމަށް ދެކޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އިންތިޚާބު ބާއްވާ އެއްބުރުން އެމްޑީޕީ ކާމިޔާބު ކުރާނޭކަމަށް ވިދާޅުވިއެވެ.

ވޯޓުގެ މުހިންމުކަމަކީ ތަރައްޤީއަށް އެންމެ ބޮޑު ވަސީލަތްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މީގެ ކުރިން އޮޅުވާލުމުގެ ތެރެއިން ނަތީޖާ ނެރޭ އިންތިޚާބުތަކުގައި ރައްޔިތުން ގާތަށް ވައުދުތައް ވުމަށް އަންނަން ނުޖެހޭކަމަށެވެ. ކުރިން %90 އަށްވުރެ މަތިން ހޯދަމުން އައިސް ގިނަ ޕާޓީ އެކުލެވޭ އިންތިޚާބުން %45 ވެސް ނުލިބުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިންތިޚާބަށް ހުރަސް އަޅަނީ މިސަބަބަށްޓަކައިކަމަށާއި، މީގެ ކުރިންވެސް ރަސްކަމުގައިވެސް ފެނުނު ފަދައިން މިހާރު ފެންނަނީ މުއްސަނދި ސާދާގަރުންނާއި ގުޅިގެން ލިބުނު އައު ގާނޫނު އަސާސީ 3 އަހަރު ފަހުން އަނެއްކާވެސް ދިގު 30 އަހަރު ވެރިކަމުގައި ހުރި ރައީސް މައުމޫނުގެ ރޭވުމުގެ ދަށުން އެ ގާނޫނު އަސާސީގެ ބާރުކަނޑުވާލުވުމުގެ މަސައްކަތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަށް ގާނޫނު އަސާސީގެ މައްޗަށް ބަސްނުކިޔޭނެކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ފަހު ބަސް ކިޔަށް ތިބޭނެ ބަޔަކީ ދިވެހި ރައްޔިތުންކަމަށެވެ. ޤާނޫނު އަސާސީއަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެކުލަވައިލައިފައިވާ ލިޔުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގާނޫނު އަސާސީ އުވާލުމާއި ހަމައަށް އެބޭފުޅުން އެގެންދަނީ އެބޭފުޅުންގެ ބާރުވެރިކަން ރައްޔިތުންގެ މައްޗަށް ހިންގެން ނެތްކަން އެނގިގެންކަމަށެވެ. ދުނިޔެ ގިޔާމަތާއި ހަމައަށް ހިނގާނީ އެއްހަމައަކުން ކަމަށާއި، އިންސާނީ ތަޖުރިބާއިން ރައްޔިތުން ހިފަހައްޓައިގެން އަބަދަށް ތިބެވިދާނެތަން ނުފެންނަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައްޔިތުންނަށް ކުރެވޭނީ މަސައްކަތްކަމަށާއި، ކާމިޔާބު ދެއްވާނީ މާތްރަސްކަލާނގެކަމަށް އެމަނިކުފާނު ވިދާޅުވެ، ކުރަމުންދާ މަސައްކަތް ހުއްޓައިނުލައްވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ވޯޓުގައި ހިފަހައްޓައިގެން ދެން ތިބެވިދާނެކަމަށް ދެކިވަޑައިނުގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 9 ނޮވެމްބަރގައި އެމަނިކުފާނުގެ ވޯޓު ލައްވާނެކަމަށާއި، މާޔޫސްވެ ގޭގައި ތިބެގެން މިކަން ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވޯޓު ނޯންނާނެކަމަށް އެއްވެސް ރައްޔިތަކު ނުވިސްނުމަށް އެމަނިކުފާނު އެދިލެއްވިއެވެ. ނާއުންމީދުގައި ވިސްނައި ވިސްނުމުން އުންމީދު ނުނެރެވޭނެކަމަށާއި، ޑިމޮކްރެޓިކް ނިޒާމް ގަޑުބަޑުކުރުމަށް ކެނޑިނޭޅިމަސައްކަތްކުރަމުން އަންނަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިއަދު އެމީހުން ބޭނުންވަނީ ރައްޔިތުންނަށް ލިބޭ އެއްޗެހި ލިބުނަ ނުދޭންކަމަށާއި، އެއީ އެބޭފުޅުންނަށް ލިބޭ ވަރު މަދުވެގެން ހިނގައިދާނެތީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޑިމޮކްރެޓިކް ނިޒާމް މިލަންދޫއިންވެސް އަދި އެހެން ރަށަކުންވެސް ދެން ގެއްލުވާނުލެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހިންގެ ހިތްތަކުގައި އެންމެ ބޮޑު ޖާގައެއް ދެވިފައި އޮތީ އިސްލާމް ދީނަށްކަމުން، އެކަން ހަތިޔާރަކަށް ނަގާ ވެރިކަމުގެ ފަރާތުން ރައްޔިތުންގެ ހިތްތަކާއި ކުޅުމަށް މަސައްކަތްކުރާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް، އެމްޑީޕީ ވެރިކަމަށް އަޔަސް ނަޔަސް ރާއްޖެ އިތުރު ދީނެއް ނާންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ދީނެއް އަންނާނެކަމަށް ބުނެ ވަކާލާތުކުރަނީ ދިވެހިރާއްޖެ ފަސާދަކުރަން އުޅޭ މީހުންކަމަށާއި، ތާއަބަދު އެވާހަކަ ދައްކާތީ ކުޑަކުދީންގެ ހިތްތަކުގައި ސުވާލު އުފެދޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ ވާހަކަ ދައްކާ ފަރާތްތަކަށް ވާއެއްނުވާއެއް ނޭނގެނީ ނުވަތަ ގަސްދުގައި ރައްޔިތުންގެ ދީނީ އަޤީދާ ބަލިކަށިކުރަށް އުޅެނީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދެބައޮޑުވުމާއި، މީހުންގެ ގޯސް ވާހަކަ ދައްކަމުން ހިނގުމަކީ އިސްލާމީ އުސޫލު ނޫންކަމަށާއި، ރިވެތި ގޮތުގައި މުއާމަލާތްކޮށްގެން ނޫނީ ދީނީ އެއްބައިވަންތަކަން ނުނެރެވޭނޭކަމަށް ރައިސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ދީނީ ބޭފުޅުން ނިކުންނަވާ ލިބިފައިވާ މިނިވަންކަން، އެއީ އަމިއްލައަށް އެބޭފުޅުން ޒަހަމްވުމަށް ގެންގުޅޭ ކަނޑިއަކަށް ހަދައިގެން އުޅެނީކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެދައްކަވާ ވާހަކައިން އެމްޑީޕީއަށް އެއްވެސް ގެއްލުމެއްނުވާކަމަށާއި އެވާހަކަތައް ހުއްޓަވައިލެއްވުމަށެވެ. މިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް އައުމާއި ދެކޮޅަށް ނިކުންނާނީ އެމްޑީޕީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީއަކީ ގޮތެއް ތިބެގެން، އުސޫލެއް ގަބޫލުކޮށްގެން، ވަކިކަމެއް ކުރަން ނިކުމެތިބި، އަޤީދާ ވަރުގަދަ ބައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.