ގާނޫނީ އިޖުރާތުތަކާ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި ހިލާފަށް އެމްއޭސީއެލްގެ ހިއްސާ ވިއްކަން ފެއްޓުން ކުށްވެރިކުރުން

noosbayan

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ހިއްސާ “ރައްޔިތުންނަށް” އާއްމުކޮށް ވިއްކުމަށް ސަރުކާރުން ކުއްލިއަކަށް ފައްޓަވާ، މިފަދަކަންކަން ކުރުމަށް އޮންނަ ގާނޫނީ އިޖުރާތުތަކާ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި ހިލާފަށް، ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރޭގައި ކުރަމުންގެންދާ މަސައްކަތް މިޕާޓީން ކުށްވެރިކުރަމެވެ.

އެގިވަޑައިގަންނަވާނޭ ފަދައިން ގާނޫނާއި ގަވާއިދާއި އަދި ވެފައިވާ ކޮންޓްރެކްޓްގެ ހަމަތަކާއި ހިލާފަށް ޖީއެމްއާރ އަށާއި އެމްއޭސީއެލްއާއި ދެމެދުވެފައިވާ އިބްރާހިމް ނާސިރު އިންޓާނޭޝަނަލް އެއަރޕޯޓް ތަރައްގީކޮށް ހިންގުމުގެ އެއްބަސްވުން މިސަރުކާރުން އުވާލައިފައިވާތީ ޖީއެމްއާރުން މިހާރުވަނީ އެމްއޭސީއެލްއާ ދެކޮޅަށް 1.2 ބިލިއަން ޑޮލަރުގެ ދައުވާއެއްކޮށް އެދައުވާ އާބިޓްރޭޝަންއިންދަނީ ހިގަމުންނެވެ. އަދިމިކަމުގައި އެންމެއިސްކޮށް ޝާމިލްވެއުޅުއްވި އޭރުގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު މިކަމުގެ ބަދަލުގެ ގޮތުގައި 700 މިލިއަން ޑޮލަރު ޖީއެމްއާރަށް ދައްކަންޖެހޭކަމަށް އެކަމަނާ ތައްޔާރުކުރެއްވި ރިޕޯޓްގައި އިއުތިރާފުވެލައްވާފައިވެއެވެ.

ސަރުކާރުގެ ހިއްސާވާކުންފުނިތަކުގެ ހިއްސާ ރައްޔިތުންނަށް ވިއްކުމުގައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އިންޓާނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި އެއްގޮތަށް އެކަންކުރުމުގެ އެންމެ ރީތި މިސާލުވާނީ އެމްޑީޕީ ސަރުކާރުގައި ދައްކާފައެވެ. މިގޮތުން ދިރާގުގެ ހިއްސާރައްޔިތުންނަށް ވިއްކިއިރު އެކަމަށް ހޭދަވީވަގުތާ ރާއްޖެއިންނާ ރާއްޖޭންބޭރުން އެކަމަށް ކުރިމަސައްކަތާ ބައިނަލްއަގްވާމީ ފަރާތްތަކުންނާ ހިއްސާގަތްފަރާތްތަކުން ވަނީ ތައުރީފުކޮށްފައެވެ.

މިހުރިހާކަމަކާ ހިލާފަށް ‘ކުއްލިއަކަށް އިލެކްޝަންގެ ކުރިން މިކަންނިންމާލަން’ ނުވަތަ ‘މިކަން ނިމެންދެން އިލެކްޝަން ފަސްކޮއްލަން’ މިކުރާ މަސައްކަތުގައި ދިވެހިމަސައްކަތްތެރިންގެ ބުރަމަސައްކަތުން ޖަމާކޮއްފައިވާ ފައިސާގެ މައްޗަށް ބިނާވެފައިވާ ދިވެހިރައްޔިތުންގެ ޕެންޝަންފަންޑުން ‘އާދަޔާ ހިލާފައް’ މަސައްކަތްކުރާކަމަކީވެސް މިޕާޓީން ވަރަށް ކަންބޮޑުވާކަމެކެވެ.
ދުނިޔޭގައި ހުރިހާގައުމުތަކުގައިވެސް ޕެންޝަންފަނޑުތަކަކީ އެންމެ ރިސްކްކުޑަ އިންވެސްމަންޓްތަކުގައި ބައިވެރިވާ ފަރާތްތަކަށް ވީހިނދު މިގޮތަށް ‘ސިޔާސީ ބޭނުމަކަށް’ އިންޓާނެޝަނަލް ބެސްޓް ޕްރެކްޓިސް އާއި ހިލާފަށް ކުރުވާ ކަމެއްގައި ބައިވެރިވެގެން ޕެންޝަން ފަންޑަށް ލިބިދާނެ ކޮންމެ ގެއްލުމެއްގައި އެމްޑީޕީއިން އަދި މިޕާޓީގެ ވެރިކަމުގައި ސަރުކާރުން ‘އެމްޕީއޭއޯ’ ގެ ބޯޑުގެ ކޮންމެ މެންބަރަކު ފަރުދީގޮތުން ޒިންމާދާރުކުރުވާނަމެވެ.

މިމުއާމަލާތުގައި އެމްއޭސީއެލްއަށް ލިބިދާނެ ހުރިހާގެއްލުމަކަށް ސަރުކާރުން ގެރަންޓީދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ފައިނޭސް އެންޑް ޓްރެޝަރީގެ ފައިނޭޝަލް ކޮންޓްރޯލަރ ސޮއިކޮށް ދީފައިވާ ގެރެންޓީއަކީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ މާލިއްޔަތުގެ ގާނޫނުގެ 5 ވަނަ މާއްދާއާއި ހިލާފަށް ދީފައިވާ ގެރެންޓީއެއްކަން މިޕާޓީން ފާހަގަކުރަމެވެ. އަދި މިއީވެސް ގާނޫނާއި ހިލާފަށް ރައްޔިތުންނަށް އޮޅުވާލާ މަކަރާ ހީލަތުން ރައްޔިތުންގެ ފައިސާ ހޯދުމަށް ކޮށްފައިވާ ކަމެއްކަންވެސް ފާހަގަކުރަމެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި މި ‘ގެރަންޓީއަށް’ އަމަލު ނުކުރާނެ ކަންވެސް ދަންނަވަމެވެ.

މިހެންކަމުން މިފަދަ ބޮޑު ގެއްލުމެއްކުރިމަތީ ފެންނަންއޮވެ، އެގެއްލުންވާނޭކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާ ދަޑިވަޅެއްގައި އެމްއޭސީއެލް ގެ ހިއްސާ “އާއްމުންނަށް” ވިއްކުމަށް މިކުރާ މަސައްކަތަކީ ވަކިބަޔަކަށް ފައިދާކުރުމުގެ ނިޔަތުގައި، ރައްޔިތުންގެ ހެވާލާބައަށް އެއްވެސް ވިސްނުމެއްނެތި ރައްޔިތުންގެ މުދާ ވަކި ފަރާތްތަކަށް ނުހައްގު އަގެއްގައި އިނާމުގެ ގޮތުގައި ދިނުމާއި އެކު ރައްޔަތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރަމުންދާ ތާއީދުއޮތް އެމްޑީޕީ ސަރުކާރަކަށް ޖެއްސުންކޮށް ރައްޔިތުންނަށް ވެވޭ ޚިޔާނާތެއްކަމެއްކަމުގައި މިޕާޓީން ދެކެމެވެ.

މަތީގައި ބަޔާންކުރެވިފައިވާ ކަންކަން މިހެންހުރުމުން އެމްއޭސީއެލް ގެ ހިއްސާ ‘ރައްޔިތުންނަށް’ ވިއްކުމައްކަމަށް ބުނެ މިކުރުވާ މަސައްކަތްތައް ވަގުތުން ވަގުތައް ހުށްޓާލުމަށާ އެމްއޭސީއެލްގެ ބޯޑާށާ، ޕްރައިވެޓައިޒޭޝަން ބޯޑަށާ، އެމްޕީއޭއޯގެ ބޯޑަށާ، ސީއެމްޑީއޭ އަށް އަދި ދިވެހިސަރުކާރަށް މިޕާޓީން އިލްތިމާސްކުރަމެވެ.