ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ހާމިދު އަބްދުލް ޣަފޫރު، ކޯޓުގެ އަޑުއެހުމަށް ހާޒިރުނުވިކަމަށް ބުނެ ޣައިރު ހާޒިރުގައި 6 މަސްދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާތީ، އެ މައްސަލަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕ)ީއިން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.
ހެންވޭރު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ހާމިދުގެ މައްސަލަ ބައްލަވަން ގެންދަވާ އިސް ގާޒީ އަބްދުﷲ މުޙައްމަދުއަކީ، އެކި ފަހަރުމަތިން ގާނޫނަށް އެއްވެސް ޙުރުމަތެއް ނެތްކަން ދައްކަވައިފައިވާ ކުރީގެ ޚުދުމުޚުތާރު ވެރިކަމުގެ ބައެއްގެ ގޮތުގައި ހިމެނުނު ފަރާތެކެވެ. އެބޭފުޅާއަކީ އަމިއްލަފުޅަށް ފުލުސް އޮފީހަށް އެބޭފުޅާ ހާޒިރުވުމަށް ނެރުނު އަމުރުތަށް ބާތިލްކޮށް އަދި ޖުޑީޝަލް ސަރިވސް ކޮމިޝަނުން އެބޭފުޅާ އާއި ދެކޮޅަށް ފަށައިފައިވާ ތަޙުޤީޤު ހުއްޓުވި ފަރާތެކެވެ. ދެއަހަރަށް ވުރެ ގިނަ އަހަރު ވެފައިވާ އެތައް ސީރިއަސް މައްސަލައެއް އަބްދުﷲ މުޙައްމަދު އާއި ދެކޮޅަށް އަދުލުއިންސާފުގެ ނިޒާމުގެ ކަންތައްތައް ބަލާ މުއައްސަސާގައި އަދިވެސް އެބަހުއްޓެވެ.
އަދި ހަމައެހެންމެ، ކުރީގެ ވެރިކަމުގައި ކަންތައްކުރަމުން އައި ގޮތް ކަމުގައިވާ ޣައިރު ހާޒިރުގައި ހުކުމް އިއްވުން، 2008 ވަނަ އަހަރުގެ އޮގަސްޓް މަހު އައު ޑިމޮކްރެޓިކް ޤާނޫނު އަސާސީ ތަސްދީގު ކުރެވުނު ހިސާބުން، އެކަންތައް ހުއްޓައިލައިފައިވާކަން އެމްޑީޕީއިން ފާހަގަކުރަމެވެ.
މީގެއިތުރުން، ކްރިމިނަލް ކޯޓުން ހާމިދުގެ މައްސަލަ ތަކުރާރުކޮށް ޝެޑިއުލްކުރަމުން އައިސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ބައްދަލުވުންތައް އޮންނަ ވަގުތުގައި، ޤާނޫނާއި ޚިލާފަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެމަޖިލީހުގެ ޖަލްސާއެއް ހިނގަމުން އަންނަ ވަގުތު ނުވަތަ ކޮމެޓީ ބައްދަލުވުމެއް ހިނގަމުން އަންނަ ވަގުތު ކޯޓަށް ހާޒިރު ނުކުރެވޭނޭކަން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ކޯޓު އަމުރުތަކަށް ނުކިޔަމަންތެރިވީކަމަށް ބުނެ ހާމިދު 6 މަސް ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރިއިރު، މީގެ ކުރިން މިފަދަ ހާލަތްތަކުގައި އަމަލުކުރެވެމުން އައިސްފައިވަނީ 75 ރުފިޔާއިން ޖޫރިމަނާކުރުން ނުވަތަ 4 މަސްދުވަހަށް ޖަލަށްލުމެވެ. ވޭތުވެދިޔަ 8 އަހަރު ދުވަސް ތެރޭ އެއްވެސް މީހަކު މިފަދަ މައްސަލައެއްގައި 6 މަސްދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެއްނުވެއެވެ.
އިއްޔެ(31 އޮކްޓޯބަރ 2013) ކޯޓުން އިއްވި ހުކުމަކީ، ދިވެހިރާއްޖޭގެ އަދުލުއިންސާފުގެ ނިޒާމުން އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުން ލިބިފައިވާ މެޖޯރިޓީ ގެއްލުވާލުމަށް ފަށައިފައިވާ ސިޔާސީ ކަންތައްތަކުގެ ތެރެއިން އެކަމަށް އިތުރުވި ކަމެކެވެ. މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވަނީ ޚިޔާލު އުފެދިފައިވާ ދަރަނީގެ މައްސަލައެއްގައި އެމްޑީޕީގެ ޕާރލިމެންޓްރީ މެންބަރު ޢަލީ އާޒިމް އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރޕީ)ގެ ޕާރލިމެންޓްރީ ގްރޫޕް މެންބަރު މުޙައްމަދު ނާޝިޒް، އެބޭފުޅުންގެ ޣައިރު ހާޒިރުގައި ޙުކުމްކޮށްފައެވެ.
ޑިމޮކްރެޓިކް ނިޒާމް ހަލާކުކޮށްލުމަށް ދިވެހިރާއްޖޭގެ ޖުޑީޝަރީއިން މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި، އދގެ އިންސާނީ ޙައްޤުތަކާއި ބެހޭ ހައިކޮމިޝަނަރ ނަވީ ޕިއްލޭ ނެރުއްވި ބަޔާނަށް އެމްޑީޕީއިން މަރުޙަބާ ކިޔަމެވެ. މިބަޔާނުގައި އެބޭފުޅާވަނީ ސުޕްރީމް ކޯޓުން ރިޔާސީ އިންތިޚާބު ތަކުރާރުކޮށް ހުއްޓުވަމުންގެންދާތީ އުފެދިފައިވާ “ޑިމޮކްރެޓިކް ނިޒާމާއި ދުރަށް ދިޔުމުގެ ނުރައްކާ”އާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ހައި ކޮމިޝަނަރގެ މިކަންބޮޑުވުންތައް އދގެ ހާއްސަ މަންދޫބު ގެބްރިއެލާ ނައުލް، ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމާއި ބެހޭގޮތުން މޭމަހު ނެރުއްވި ރިޕޯރޓްގައިވެސް އަލިއަޅުވައިލައިފައިވާކަން އެމްޑީޕީއިން ފާހަގަކުރަމެވެ.
“އަދުލު އިންސާފު ހަމައެކަނި ގާއިމްކުރުމަކުން ނުފުދެއެވެ. އެހެންމަވެސް އެގާއިމްކުރިކަން ފެންނަންވެސް ޖެހޭނެއެވެ. އަދި ފަނޑިޔަރުން ވަކިކޮޅަކަށް ނުޖެހިތިބުމާއެކު، އެކަން އާންމުންނަށްވެސް ފެންނަން ޖެހޭނެއެވެ.” ނައުލް ބަޔާންކޮށްފައިވެއެވެ.
ބަޣާވާތުގެ ސަރުކާރުން ދިވެހިރާއްޖޭގެ ކޮރަޕްޓްވެފައިވާ ޖުޑީޝަރީއާއި ގުޅިގެން ފަށާއިފައިވާ ސިޔާސީ މަސައްކަތުގައި ސިޔާސީ ބޭނުމުގައި އިންތިޚާބުކޮށްފައިވާ އޮފިޝާލުންނަށް ކޯޓުތައް މެދުވެރިކޮށް ވަހީދުގެ ސަރުކާރުން ހުކުމް އިއްވަމުން ދިޔުމަކީ، އެބޭފުޅުން ވޯޓުން ރައްޔިތުންގެ ނިންމުން ހާމަކުރުމަށް އިޙްތިރާމްނުކުރާކަން އަންގައިދޭކަމެކެވެ.
ނިމުނީ
1 ނޮވެމްބަރ 2013
އެމްޑީޕީ ޗެއަރޕަރސަން މޫސާ މަނިކު