ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމަށް އިސީއަށް ހުށަހެޅި ފޯމުތަކުގައި މައްސަލައެއް ނެތް

19 އޮކްޓޯބަރ 2013ވީ ހޮނިހިރު ދުވަހު ބޭއްވުމަށް މަސައްކަތްކުރި ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގައި ރީ-ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފޯމުތައް ބަލާ ޗެކުކުރުމުގައި އެމްޑީޕީއިން އޮބްޒާވަރުންގެ ހައިސިއްޔަތުން ބެލިބެލުމުން އެއްވެސް މައްސަލައެއް ފެނިފައިނުވާކަމަށް އެމްޑީޕީގެ ސެކްރެޓެރީ ޖެނެރަލްގެ ނައިބު އަޙްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާއި ޖުމްޙޫރީ ގުޅުމުން އެދިގެން އިލެކްޝަންސް ކޮމިޝަނުން ރީ ރަޖިސްޓްރީ ފޯމުތައް ޗެކުކުރުމަށް ޕާޓީތަކަށް ދިން ފުރުސަތުގައި، ޕީޕީއެމްއާއި ޖުމްޙޫރީ ގުޅުމުން މި ފޯމުތައް ޗެކުކުރަމުން ދިޔައިރު އެމްޑީޕީއިން ވަނީ އޮބްޒާވަރުންގެ ގޮތުން ބައިވެރިވެފައެވެ.

އެމްޑީޕީގެ އޮބްޒާރވަރުންގެ ގޮތުގައި ޕާޓީގެ ސެކްރެޓެރީ ޖެނެރަލް ޝާޒްލީ ޝަފީގާއި، ސެކެރެޓަރީ ޖެނެރަލްގެ ނައިބު އަޙްމަދު އަކްރަމާއި، އެމްޑީޕީގެ އިންތިޚާބުތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު އިބްރާޙީމް ވަޙީދާއި، އެ ކޮމިޓީގެ ނައިބު މުޤައްރިރު މުޙައްމަދު ރަޝީދާއި އަދި އެ ކޮމިޓީގެ މެމްބަރ ޝުޢެއިބު ޢަލީ ވަނީ ބައިވެރިވެވަޑައިގެން ، ފޯމުތައް ޗެކުކުރިއިރު ގާތުން ބައްލަވާ އެ ފޯމުތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފައެވެ.