އެމްޑީޕީގެ މަސައްކަތަކީ ރައްޔިތުންގެ ބާރުވެރިކަން އިތުރުކޮށް، ރައްޔިތުންގެ ސަރުކާރެއް އުފެއްދުމަށް ވޯޓުލުމުގެ ހައްޤު ހޯދައިދިނުން: ރައީސް ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަމާޒަކީ ރައްޔިތުންގެ ބާރުވެރިކަން އިތުރުކޮށް، ރައްޔިތުންގެ ސަރުކާރެއް އުފެއްދުމަށް ވޯޓުލުމުގެ ހައްޤު ހޯދައިދިނުންކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އިއްޒުއްދީން ޖަގަހައިގައި ރޭ (30 އޮކްޓޯބަރ 2013) ބޭއްވުނު ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ އެންމެންވެސް އެދެނީ މިއަދު ލިބޭ އެއްޗަކަށްވުރެ އިތުރަށް މާދަމާ ލިބި، ހާސްކަމެއްނެތި ހަމަޖެހުމުގައި އުޅުމަށްކަމަށް ރޭގެ ކަންމަތީ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ގައުމެއް ތަރައްޤީވެގެންދަނީ ވަކި ހާއްސަ ކަންތައްތަކެއް ވަކި އިރެއްގައި ކުރެވިގެންކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެންމެން މުހިންމު ކަމަކީ ރައްޔިތުންގެ ވެރިކަމެއް އުފެއްދުންކަމަށެވެ.

މީގެ ކުރިން ވޯޓުލަމުން އައި ގޮތަށް ބައްލަވައިލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫނު 6 ފަހަރެއް މަތިން އިންތިޚާބުގައި ބައިވެރިވި އިރު ރައްޔިތުން ކައިރިއަށް ރަށްރަށަށް ގޮސް ވައުދުވާކަން އެނިޒާމުގައި ނުޖެހޭކަމަށެވެ. ރައްޔިތުންނަށް ކަމެއްކޮށްދިނުމަށް ބުނަން ނުޖެހޭކަމަށާއި، ވޯޓުލުމަކީ ހަޤީޤީ މާނަހުރި އެއްޗަކަށް ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 2008 ވަނަ އަހަރުގެ ކުރިން ރައްޔިތުން އެދޭކަމަކީ، ހަމައެކަނި ވެރިންނަށް ފެންނަ ފެނުމުގައި ކަންތައް ކޮށްދޭންޖެހޭ މިންވަރުކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

1990ގެ އަހަރުތަކުގެ ތެރޭގައި ނަޖިސް ފެނުން ފެންވަރައި، ދަރިންނަށް ތައުލީމް ނުދެވި އަދި ދަތުރުފަތުރު ނުކުރެވި މާޔޫސްކަމުގައި ތިބެންޖެހުނުކަމަށާއި، ރައްޔިތުންގެ ބައިވެރިވުން ނެތި ސަރުކާރު އުފެއްދުމުން ހަމައެކަނި ބަލަން ޖެހެނީ އެސަރުކާރު އުފެއްދުމުގައި ހިއްސާވި މީހުންނަށް މަދަދު ދިނުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 2008 ވަނަ އަހަރު ގެނެވުނު ބަދަލަކީ އެގާނޫނު އަސާސީގެ ރާގަކީ ރައްޔިތުންގެ ރާގަށްވުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއަހަރު އެމްޑީޕީއިން ރައްޔިތުން ކައިރީ އަހާ އެކުލަވާލި މެނިފެސްޓޯ ވެރިކަމަށް އައިސް ތަންފީޒުކުރަން ފެށުނުކަމަށާއި، އެކަން ވީ އިންތިޚާބުގައި ވީ ވައުދުތަކާއި ވިދިގެން ވޯޓު ކުރިމަތިވެފައި އޮތުމުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ވޯޓު ނެތްނަމަ ރައްޔިތުންގެ ހާލުބެލުމެއް، އެރައްޔިތުން އެދޭ ގޮތް ބެލުމެއް ނޯވޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

9 ނޮވެމްބަރުގައި ރައްޔިތުން އެދޭ ވޯޓުލައި އެވޯޓު އެމްޑީޕީއިން ކާމިޔާބުކުރާނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގައި ވޯޓެއް ލައިފިނަމަ އެވޯޓު ކާމިޔާބުކުރާނީ އެމްޑީޕީއިންކަން ވާދަވެރިންނަށް ކަށަވަރުވެފައިވާތީ ވޯޓުލުން ހުއްޓުވުމަށް މަސައްކަތްކުރަނީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއްވެ އުޅުމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބި ސިޔާސީ ޕާޓީތައް ހިނގަން ފަށައިގެން މެނުވީ ރާއްޖެ ކުރިނާރާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ވަރުބަލިވުމެއް ނެތި ރައްޔިތުން ގޮވަމުން އަންނަނީ އިންތިޚާބަކަށް ކަމަށާއި، އެއީ ރައްޔިތުންގެ އުންމީދުތައް ހަޤީޤަތަކަށް ހެދުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.