ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައި އުފެދިފައި ހުރި ނުރައްކާތެރި އޮއެވަރާމެދު އދގެ އިންސާނީ ޙައްޤުތަކާބެހޭ ހައި ކޮމިޝަނަރ، ނަވީ ޕިއްލޭ، ބުދަ ދުވަހު ކަންބޮޑުވުން ފައުޅުކުރައްވައިފި

ޖެނީވާ (30 އޮކްޓޫބަރު 2013) – ރިޔާސީ އިންތިޚާބުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަންނަމުންދާ ދިއުމުގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައި އުފެދިފައި ހުރި ނުރައްކާތެރި އޮއެވަރާމެދު އދގެ އިންސާނީ ޙައްޤުތަކާބެހޭ ހައި ކޮމިޝަނަރ، ނަވީ ޕިއްލޭ، ބުދަ ދުވަހު ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ.

“ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރިޔާސީ އިންތިޚާބުގެ ތެރެއަށް ހައްދެއްނެތްގޮތުގައި ވަންނަމުންދާކަމާމެދު އަޅުގަނޑު ނުހަނު ކަންބޮޑުވޭ، އަދި ސުޕްރީމް ކޯޓުގެ ޢަމަލުތަކުގެ ސަބަބުން ޑެމޮކްރަސީގެ ބާރުކެނޑި، ވެރިކަންކުރާ ފަރާތް އިޚްތިޔާރުކުރުމަށް ދިވެހި ރައްޔިތުންނަށް ލިބިދޭ ޙައްޤައްދަނީ ބުރޫއަރަމުން” ހައިކޮމިޝަނަރ ވިދާޅުވިއެވެ.

އިންތިޚާބުގައި ދެކޮޅު ނުޖެހޭ ކަންތައްތަކެއް ހުރިކަމަށްބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވަނީ 7 ސެޕްޓެންބަރު 2013ގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލުކޮށްފައެވެ. އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އެތެރެޔާއި އަދި ބޭރުގެ ބައިނަލްއަޤްވާމީ އޮބްޒަރވަރުން ވިދާޅުވަމުން ގެންދަވަނިކޮށެވެ.

“ކޯޓުން (ސުޕްރީމް)ވަނީ އިންތިޚާބު ކުރިއަށްގެންދިއުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް، ޢަމަލުކުރާން ނުހަނު ދަތި އުނދަގޫ ގައިޑްލައިންތަކެއް އެކަށައަޅާފައި” ކަމަށްވެސް ޕިއްލޭ ވިދާޅުވިއެވެ. 19 އޮކްޓޫބަރު 2013 ގައި އަލުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ހަމަޖައްސާފައި އޮއްވާ ދިވެހި ފުލުހުން އެއިންތިޚާބު ހުއްޓުވީވެސް މިހަމަތަކުގެ މައްޗަށް ރިޢާޔަތްކޮށެވެ.
ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންގެ މިނިވަން މުސްތަޤިއްލުކަމާބެހޭ އދގެ ޚާއްސަ މަންދޫ ގެބްރިއެއްލާ ނޯލް 2011 ވަނަ އަހަރުގައްޔާއި 2013 ވަނައަހަރު ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުތަކުގައި ފާހަގަކުރެއްވި ފަދައިން ދިވެހިރާއްޖޭގެ ޢަދުލް އިންސާފުގެ ނިޒާމުގެ މިނިވަން މުސްތަޤިއްލުކަމުގެ މައްޗަށް ޒަމާނުއްސުރެން ހުރި ކަންބޮޑުވުންތަކެއް އަދިވެސް އެބަހުރިމެއެވެ. 2012 ވަނައަހަރުގެ ފެބްރުއަރީގައި ހިނގައިދިޔަ ސިޔާސީ ހަލަނބޮލިކަމާއި ގުޅޭގޮތުން ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީއިން ނެރުނު ރިޕޯޓުގައިވެސް ޢަދުލް އިންސާފުގެ ނިޒާމުގެ ތަރަހައަށް ބަދަލުގެންނާންޖެހޭކަމަށްވަނީ ބުނެފައެވެ.

ޢަދުލްއިންސާފުގެ ނިޒާމުގެ މިނިވަން މުސްތަޤިއްލުކަމުގެ ދިފާޢުގައި ޢާންމުކޮށް އެންމެ ފުރަތަމަ ވާހަކަދައްކާ އެކަކީ އަޅުގަނޑު، އެހެންނަމަވެސް އެމިނިވަން މުސްތަޤިއްލުކަމާއެކު (ޢަދުލްއިންސާފުގެ ނިޒާމުގެ މައްޗަށް) ޒިންމާތަކެއްވޭ”ކަމަށާއި، “ފަނޑިޔާރުން ޢަމަލުފުޅުކުރައްވާން ވާނީ ޢަދުލްއިންސާފުގެ ނިޒާމުގެ މުސްތަޤިއްލުކަމާމެދު އދއިން އެކަށައަޅާފައިވާ އަސާސީ ހަމަތަކާއި، ޚުދު ދިވެހިރާއްޖޭގެ ޢަދުލް އިންސާފުގެ ނިޒާމުގައި ޢަމަލުކުރާން ކަނޑައަޅާފައިވާ އިޖުރާތުތަކުގެ ދަށުން ވަކިފަރާތަކަށް ނުޖެހުމާއި، ހަމަހަމަކަމާއި، ކަމަށްކަމޭހިތުމުގެ އުސޫލުތަކުގެ މަތިން”ކަމަށްވެސް ހައިކޮމިޝަރ ވިދާޅުވިއެވެ.

ކޯޓު ނިންމުންތަކަށް ފާޑުކިޔުމުގެ ސަބަބުން ބައެއް ޤާނޫނީ ވަކީލުންނަށާއި، މީޑީޔާތަކަށް ކޯޓުގެ ޙުރުމަތްކެނޑިކަމުގެ ކުށުގައި އަދަބުދޭނޭކަމުގެ ބިރު ސުޕްރީމް ކޯޓުން ދައްކާފައިވާކަން ހައިކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި ޢަދުލްއިންސާފުގެ ނިޒާމަށް ފާޑުކިޔާ މަދަނީ މުޖުތަމަޢުގެ ބައެއް ޖަމާޢަތްތައް އުވާލުމަށް ސަރުކާރުން ދައްކާފައިވާ ބިރާމެދުގައްޔާއި، އިދިކޮޅު ފިކުރުގެ މެންބަރުންނާމެދު ހުރި ދުވަސްވީ ދައުވާތައް އަލުން ތިލަފަށަށްގެނެސް، އެބޭފުޅުން ރައްޔިތުންގެ މަޖިލީހުނެ ބޭރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާމެދުގައިވެސް ހައިކޮމިޝަނަރ ކަންބޮޑުވުން ފައުޅުކުރެއްވިއެވެ.

“ސުޕްރީމް ކޯޓުން އަމާޒު ހިފާފައިހުރީ މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައި، ޢާންމު ބަޙުސާއި، ޚިޔާލުފައުޅުކުރުމުގެ ދޮރުތައް ހަނިކޮށް، ބަންދުކޮށް، ދައުވާ ލިބޭ ފަރާތްތަކަށް ފުރިހަމައަށް އެފަރާތުގެ ބަސް އިއްވުމުގެ ފުރުސަތު ނަގާލުމަށް” ކަމަށާއި، “މިހުތޫރަތްތެރި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގައި ހިނގަމުންދާ ބަޙުސްތަކުގައި އިދިކޮޅު ފަރާތްތަކުގެ ބަސް ނުއިއްވޭނެ މަގުން، ސަރުކާރުން ގެންދަނީ އިދިކީލި ނުޙައްޤު ފިޔަވަޅުތައް އަޅާ، ޢަމަލުތައް ހިންގަމުން”ކަމަށްވެސް ޕިއްލޭ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަންގެ މުއައްޒަފުންނަށާއި، މަދަނީ މުޖުތަމަޢުގެ ބައެއް ފަރާތްތަކަށް ދައްކަމުންދާ ބިރާއި، މަރުގެ އިންޒާރުގެ އިތުރުން، އިދިކޮޅު ފިކުރުގެ ޓެލެވިޒަން ސްޓޭޝަނަށް ދިން އަލިފާނުގެ ޙަމަލާއާމެދުވެސް ހައިކޮމިޝަނަރ ކަންބޮޑުވުން ފައުޅުކުރައްވައެވެ. މިއެންމެހައި ކަމެއް ކަމާބެހޭ ފަރާތްތަކުން ފުރިހަމައަށް ތަޙްޤީޤުކޮށް، މިއެންމެހައި ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ހައިކޮމިޝަނަރ ގޮވައިލައްވައެވެ.

ސެކްރެޓަރީ ޖެނެރަލްވެސްވަނީ އިންތިޚާބު ކުރިއަށް ގެންދިއުމަށް ގޮވައިލައްވާފައެވެ.

“ޑެމޮކްރެޓިކް ނިޒާމަށް ކުރެވޭ އިތުބާރާއި، ދެވޭ ޔަޤީންކަން އަލުން އާކުރުމަށް ލިބޭ މިފުރުސަތުގެ ބޭނުން ހުރިހާ ޕާޓީތަކަކުންވެސް ހިފާންވާނެ”ކަމަށާއި “ޤާނޫނުގެ ވެރިކަން ނަގަހައްޓާ، ޑެމޮކްރަސީގެ މަގުގައި ކުރިއަށްދެވޭނެ މަގު ތަނަވަސްކުރުމަށްޓަކައި، އިންތިޚާބު ކާމިޔާބުކުރައްވާ ބޭފުޅަކު ޢަދުލް އިންސާފުގެ ނިޒާމު އިސްލާޙުކުރުމަށް މަސައްކަތްކުރުން ލާޒިމު”ކަމަށްވެސް ނަވީ ޕިއްލޭ ވިދާޅުވިމެއެވެ.
ނިމުނީ.