ސިޔާސީ މަޤްޞަދެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމިދު ޢަބްދުލް ޣަފޫރުގެ މައްޗަށް ކޮށްގެން އުޅޭ އެއްވެސް އަޞްލެއް ނެތް ދަޢްވާއާއި ގުޅޭ ނޫސްބަޔާން

noosbayan

16 ނޮވެމްބަރ 2012 ދުވަހު ހދ.ހޮނޑައިދޫގައި ހިނގި ހާދިސާއަކާ ގުޅިގެން، ފުލުހުން އެރަށަށް އަރައި، އަޅުގަނޑާއި އަޅުގަނޑާއެކު ތިބި މީހުންނަށް އަނިޔާކޮށް ހެދުމަށްފަހު، ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގެންގޮސް އަޅުގަނޑުގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގިއެވެ. އެމައްސަލައާ ގުޅިގެން، އަޅުގަނޑުގެ މައްޗަށް، ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 123 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން، ކުޑަކަމުދާތަކެތި ދީފައިނުވާކަމަށްބުނެ ޖިނާއީ ދަޢްވާއެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢްވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ.

މިދެންނެވި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ޝެޑިއުލް ކުރައްވައިގެން ކުރިއަށް އެބަގެންދަވައެވެ. އެގޮތުން މައްސަލައިގައި ނެރުއްވާ ކޯޓަށް ހާޒިރުވުމުގެ އަމުރުތަކާ އެއްގޮތަށް އަޅުގަނޑު އައީ ކޯޓަށް ހާޒިރުވަމުންނެވެ. އެހެން ނަމަވެސް، 23 އޮކްޓޯބަރ 2013 ދުވަހަކީ، ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 5 ވަނަ ޖަލްސާ ތާވަލް ކުރައްވާފައިވާ ދުވަސްކަމަށްވެފައި، އެދުވަހުގެ މެންދުރު 13:00 އަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ހިނގަމުންދާ ވަގުތަކަށްވާތީ، 23 އޮކްޓޯބަރ 2013 ދުވަހުގެ 13:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަޅުގަނޑަށް ކުރި އަމުރާ އެއްގޮތަށް ހާޒިރުވުމަކީ، ކުރިން ދެންނެވި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާއާ ފުށުއަރާނެ ކަމަކަށްވާނެތީ، އެދުވަހުގެ އެހެން ވަގުތަކަށް، ނުވަތަ އެހެން ދުވަހަކަށް މައްސަލަ ތާވަލު ކޮށްދެއްވުން އެދި އަޅުގަނޑު 22 އޮކްޓޯބަރ 2013 ދުވަހު ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވީމެވެ. އެސިޓީގެ ޖަވާބެއް މިއަދާ ހަމައަކަށްވެސް އެކޯޓަކުން ނުދެއްވައެވެ. އޭގެ އިތުރުން، އެދުވަހު ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު ހާޒިރުވާންޖެހޭ ޖަލްސާއެއް އޮތްކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންވެސް ކްރިމިނަލް ކޯޓަށް އެންގެވިއެވެ.

ޤާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން ޤާނޫނަކަށް ވެފައިވަނީ، 12 މާރޗް 2013 ދުވަހުއެވެ. އެޤާނޫނުގެ 11 ވަނަ މާއްދާގައި އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ މަޖިލީހުގެ ރަސްމީ މަސައްކަަތަކަށް ހުރަްއެޅޭފަދަ ގޮތަކަށް، ޝަރްޢީ ކޯޓަކަށް ނުވަތަ އެހެން މުއައްސަސާއަކަށް މެންބަރަކު ހާޒިރުކޮށްގެން ނުވާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވާންޖެހޭ މީހަކު، އެޖަލްސާއަށް ހާޒިރުނުވެވޭ ގޮތަށް ޝަރްޢީ ކޯޓުތަކަށް ހާޒިރުވާން ޗިޓު ފޮނުވުމަކީ، ޤާނޫނު ނަންބަރު 2013/5 ގެ 11 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފަށް ކްރިމިނަލް ކޯޓުން ކުރެއްވި ކަމެކެވެ. އަދި، އެދުވަހުގެ އެގަޑިއަށް ހާޒިރުވެވެން ނެތްކަމަށްބުނެ ސިޓީ ފޮނުވުމުން، އެސިޓީއަށް ޖަވާބެއް ނުދެއްވައި،

މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް އަޅުގަނޑު ކޯޓަށް ހާޒިރުކުރުމަށް މަސައްކަތް ކުރުމަކީވެސް ޤާނޫނާ ޚިލާފު ކަމެކެވެ. އެއީ، ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 5 ވަނަ މާއްދާ ނިޔާކުރާ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް މީހަކު ކޯޓަށް ހާޒިރުކުރުމަށް ޝަރްޢީ ކޯޓަކުން މަސައްކަތް ކުރެވޭނީ، އެމީހަކު ހާޒިރުވުމަށް އަންގާ އަމުރާ ޙަވާލުވެ މަޤްބޫލު ޢުޛުރެއް ނެތި ކޯޓަށް ހާޒިރު ނުވެއްޖެނަމަ އެކަންޏެވެ. އަޅުގަނޑު ކޯޓަށް ހާޒިރުވުމަށް އެންގި އަމުރާ ޙަވާލުވުމަށްފަހުވެސް، އަޅުގަނޑަށް ކޯޓަށް ނުދެވުނީ، ކޯޓަށް ހާޒިރުވެއްޖެނަމަ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކާ ކަނޑައެޅިގެން ޚިލާފުވާނެތީ، އެކަން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނައުމަށްފަހުއެވެ. އަޅުގަނޑަށް ކޯޓަށް ހާޒިރު ނުވެވުނީ، މަޤްބޫލު ޤާނޫނީ ޢުޛުރެއް އޮވެގެންނެވެ.

އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށްބުނާ ކުޑަކަމުދާތަކެތި ނުދިންކަމަށް ބުނާ މައްސަލައިގެ މައުޟޫޢަށް ބަލާއިރު، ކުޑަކަމުދާތަކެތީގެ ސާމްޕަލް ނެގުމާބެހޭގޮތުން ހެދިފައިވާ، ‘މަސްތުވާތަކެއްޗަށް ޓެސްޓްކުރުމަށްޓަކައި ކުޑަކަމުދާ އެއޗެހި ނެގުމާއި، އެތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި، އެތަކެތި ޓެސްޓްކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު’ ގެ 7 ވަނަ މާއްދާގައި އޮންނަނީ، މީހެއްގެ ކުޑަކަމުދާ އެއްޗެހީގެ ސާމްލަމް ދިނުމަށް އަންގާނީ، ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ދިނުމަށް އަންގާ ފޯމަކުން ކަމަށެވެ. އެމާއްދާގައި ބުނާ ފޯމެއް އަޅުގަނޑަކަށް އެއްވެސް އިރަކު ދައްކާފައެއް ނުވެއެވެ. އަޅުގަނޑަކަށް އެގަވާއިދުގައިވާ ގޮތަށް ކުޑަކަމުދާތަކެތި ދިނުމަކަށް އެއްވެސް އިރަކު އަންގާފައެއް ނުވެއެވެ.

9 އޮކްޓޯބަރ 2013 ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، އަޅުގަނޑުގެ ވަކީލު އެނުކުތާ ނަންގަވައި، އަޅުގަނޑަށް އެގަވާއިދުގައިވާ ގޮތުގެ މަތިން ފޯމަކުން ކުޑަކަމުދާތަކެތި ދިނުމަށް އެންގިކަން ނުވަތަ ނޫންކަން ސާފުކޮށްދެއްވުމަށް ދައުލަތުގެ ވަކީލު ކުރެން ތަކުރާރުކޮށް އެހުމުންވެސް، އެނުކުތާއަކަށް ދައުލަތުގެ ވަކީލަކަށް ޖަވާބެއް ނުދެއްވުނެވެ.

އެހެންކަމުން، މިމައްސަލައަކީ، ކަނޑައެޅިފައިވާ އިޖުރާއާތުތަކާ ކަނޑައެޅިގެން ޚިލާފަށް، އެއްވެސް އަޞްލެއް ނެތް، އަދި ބަލަންވާ ވަރަށް ނުބަލައި، ސިޔާސީ މަޤްޞަދެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަޅުގަނޑުގެ މައްޗަށް ކޮށްގެން އުޅޭ އެއްވެސް އަޞްލެއް ނެތް ދަޢްވާއެކެވެ.

30 އޮކްޓޯބަރ 2013

ހާމިދު ޢަބްދުލް ޣަފޫރު

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު