އިންޑިއާ ސަފީރުގެ ކާރަށް ހަމަލާދިން ޖަރީމާ ކުށްވެރިކުރުން

noosbayan

އިއްޔެ އިރާކޮޅުގެ ވަގުތެއްގައި އިންޑިއަން ހައި ކޮމިޝަންގެ ކައިރީގައި އޮތް އިންޑިއާ ސަފީރުގެ ކާރަށް ހަމަލާދީ އެ ކާރުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިފައިވުން މި ޕާޓީއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މިވަގުތަކީ ބަޔަކު އިސްވެތިބެ އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ހީނަރުކަން ގެނެސްފައިވާ ވަގުތެއްކަމުން ދެ ޤައުމު ދޭތެރޭގައި އޮންނަ ގުޅުން އިތުރަށް ގޯސްވާނެފަދަކަންކަން ކުރަމުންދާ ދިއުން އެއީ މިޕާޓީއިން ނުހަނު ކަންބޮޑުވާކަމެކެވެ.

ޤާނޫނު އަސާސީން ފުލުހުންނާ މަތިކޮށްފައިވާ އެންމެ މުޙިއްމު ވާޖިބަކީ މުޖުތަމަޢުގެ އަމަން އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުން ޙިމާޔަތްކޮށްދީ އެބައިމީހުންގެ މުދަލާ ގެދޮރު ރައްކާތެރިކޮށްދިނުންކަމަށް ވީހިނދު، އިއްޔެ ބަޔަކު ހިންގި މި ނުބައި އަމަލުން އެގި ހާމަވެގެން އަނެއްކާވެސް މިދިޔައީ ފުލުހުން އެމީހުންގެ ދައުރު އަދާކުރުމުގައި ނުކުޅެދިފައިވާ މިންވަރެވެ.

އިންޑިއަން އެމްބެސީއަކީ 24 ގަޑިއިރު ސިކިއުރިޓީ ބަލަހައްޓަމުން ދާ ތަނެއްކަމުން މިފަދަ ނުބައި ޖަރީމާ ހިންގި ބަޔަކު ހޯދާ އެބަޔަކު ގެ ތަޙްގީގު ކުރުން އެއީ އަވަހަށް ކުރެވިގެންވާނެ ކަމެއްކަމުގައި މި ޕާޓީއިން ދެކި އެ ބަޔަކު ހޯދާ ތަޙްގީގު އަވަސް ކުރުމަށްވެސް މި ޕާޓީއިން ގޮވާލަމެވެ. އަދި މި ޖަރީމާ ހިންގިފަރާތްތަކާއި މިކަމުގައި އިހުމާލް ވިފާރާތްތައް ހޯދާ ޝަރީޢަތުގެ ކުރިމައްޗަށް ޙާޟިރުކުރުމަށް ކަމާބެހޭ ހުރިހާ މުއައްސަސާއަކަށް މި ޕާރޓީން ގޮވާލަމެވެ.