އިންތިޤާލީގޮތުން ޢަމަލުކުރާނޭ ގޮތުގެ އުޞޫލު އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހަށް ހުށައެޅިގޮތަށް ފާސްވެއްޖެ

އިންތިޤާލީގޮތުން ޢަމަލުކުރާނޭ ގޮތުގެ އުޞޫލު އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހަށް ހުސައެޅި ގޮތަށް މިއަދު (27 އޮކްޓޯބަރ 2013) ފާސްވެއްޖެއެވެ.

11 ނޮވެމްބަރ 2013 އަންނަން ވާއިރު ބޭއްވޭ ރިޔާސީ އިންތިޙާބްއިން އައު ރައީސުލް ޖުމްހޫރިއްޔާއެއް އިންތިޚާބްވެފައި ނުވާނަމަ ކަން ކުރާނެ ގޮތް ރައްޔިތުންގެ މަޖިލޙުން ނިންމުމަށް ރައީސުލް ޖުމުހޫރިއްޔާގެ އޮފީހުން 23 އޮކްޓޯބަރ 2013ގައި ފޮނުއްވި ސިޓީއިން އަންގަވައިފައިވާތީ އެފަދައިން ގޮތެއް ނިންމުމަށް ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެފަދަ ހާލަތެއްގައި އަމަލުކުރާނޭ ގޮތުގެ އުސޫލެއް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ހުށައަޅުއްވައިދެއްވީ ޕާރލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާޙިމް މުޙައްމަދު ޞާލިހްއެވެ.

މިކަންތައް ފާސްވެގެން ދިޔައީ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އިއްތިފާޤުންނެވެ. މިފާސްކުރެވުނު އުޞޫލުގައިވާ ގޮތުގެ މަތީން 11 ނޮވެމްބަރ 2013 އަންނަން ވާއިރު އިންތިޚާބުވެފައިވާ ރައީސެއް ނެތިއްޖެ ހާލަތެއްގައި މަޤާމާއި ހަވާލުވެ ވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ.