ސިޔާސީ ބޭނުމަށް ނާޖާއިޒުގޮތުގައި ބާރުގެ ބޭނުން ކޮށް ރާއްޖެޓީވީގެ ބާރު ކަނޑުވާލުމަށް ކުރާ އަމަލުތައް ކުށްވެރިކުރުން

noosbayan

ޝަރުއީ ދާއިރާއާ ބެހޭގޮތުން ރާއްޖެ ޓީވީން ގެނެސްދިން ރިޕޯޓެއްގެ މައްސަލަ ތަޙުޤީގު ކުރުމަށްކަމަށް ބުނެ ސުޕްރީމް ކޯޓުން ފުލުހުންނަށް އެންގުމާ ގުޅިގެން އެ ސްޓޭޝަންގެ ނިއުސް ހެޑް އިބްރާހިމް ވަހީދު (އަސްވާޑު) ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވި މައްސަލަ އެއީ މި ޕާޓިއިން ވަރަށް ކަންބޮޑުވާކަމެކެވެ. އަދި މިފަދައިން ފުލުހުންނާއި ސްޕީރްމްކޯޓުން ރާއްޖެޓީވީއާއި ދޭތެރޭ އަމަލުތައް ބަހައްޓަމުން މިގެންދަނީ ސިޔާސީ ބޭނުމަށް ނާޖާއިޒު ގޮތުގައި ނަހަމަ ބާރުގެ ބޭނުންކޮށް އެ ޓީވީ ސްޓޭޝަންގެ މިނިވަންކަމަށް އަރައިގަނެ ބާރު ކަނޑުވާލުމުގެ ނިޔަތުގައިކަން މި ޕާޓީއިން ޤަބޫލުކޮށް ރައްޖޭގެ ސްޕްރީމް ކޯޓުންނާއި ކޮމިޝަނަރ އޮފް ޕޮލީސް އަބްދުﷲ ރިޔާޒް ހިންގަމުންގެންދާ މިފަދަ ނޭއްގާނީ އަމަލުތައް މިޕާޓީއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

27 އޮކްޓޯބަރ 2013 ދުވަހުގެ ރޭ 8 ޖަހާއިރު ފުލުސް އޮފީހަށް ހާޒިރުވާން ރާއްޖެޓީވީގެ ނިއުސް ހެޑް އިބްރާޙިމް ވަޙީދަ(އަސްވާޑު)ށް އަންގައިފައި ވަނީ މީޑިއާގެ މިނިވަންކަން މިޤައުމުން ފޮހެލާ ހުދުމުހުތާރު އަނިޔާވެރިކަން ގައުމުގައި ފެތުރުމަށްޓަކައި ރާވަމުންދާ ހީލަތްތެރި ރޭވުމުގެ ތެރެއިން ޑިމޮކްރަސީގެ 4 ވަނަ ތަނބުކަމުގައިވާ މިނިވަން މީޑީއާގެ ބާރު ކަނޑުވާލާ ރައްޔިތުންނަށް މައުލޫމާތު ލިބޭނެމަގު ހުއްޓުވާލުން ކަމުގައި މި ޕާޓީއިން ދެކެމެވެ. އަދި ރާއްޖެޓީވީއަށް ތަކުރާކޮށް ކުރާ މިފަދަ ގޯނާއާއި ދުއްތުރާ ކުރުން އެއީ އާއްމު ރައްޔިތުންނަށް ލިބިފައިވާ މައުލޫމާތު ލިބިގަތުމުގެ ޙައްޤުން ރައްޔިތުން މަޙްރޫމު ކުރުމަށާއި މިނިވަން މީޑިއާއަށް ލިބިފައިވާ މައުލޫމާތު ލިބިގަތުމާއި ފޯރުކޮށްދިނުމުގެ ޙައްޤަށް އަރައިގަތުމަށް ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދަށްޓަކައި ކުރާ ކަންތައްތަކަމުގައި މި ޕާޓީން ދެކެމެވެ.

ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށްކުރާ މިފަދަ ގޯނާތައް ދުވަހުން ދުވަހަށް އިތުރުވަމުންދާކަން މި ޕާރޓީން ހިތާމައާއެކު ފާހަގަކުރަމެވެ. އަދި މިފަދައިން ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރަމުންދާ މި ނުބައި އަމަލަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް އޮތް ގޮންޖެހުންތަކެއްކަން ހާމަވެގެންދާ ހެއްކެއްކަމުގައި ދެކެމެވެ. ވީ ހިނދު މިހާރުން މިހާރަށް ރާއްޖެގެ ކޯޓުތަކުންނާއި ފުލުސް ކޮމިޝަނަރ އަބްދުﷲ ރިޔާޒުގެ މި ހީލަތްތެރި އަމަލުތައް ވަގުތުން ހުއްޓާލުމަށް މި ޕާޓީއިން ގޮވާލެމެވެ.

27 އޮކްޓޯބަރ 2013

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް