އިންތިޤާލީގޮތުން ޢަމަލުކުރާނޭ ގޮތުގެ އުޞޫލު އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި

11 ނޮވެމްބަރ 2013 އަންނަން ވާއިރު ބޭއްވޭ ރިޔާސީ އިންތިޙާބްއިން އައު ރައީސުލް ޖުމްހޫރިއްޔާއެއް އިންތިޚާބްވެފައި ނުވާނަމަ ކަން ކުރާނެ ގޮތް ރައްޔިތުންގެ މަޖިލޙުން ނިންމުމަށް ރައީސުލް ޖުމުހޫރިއްޔާގެއޮފީހުން 23 އޮކްޓޯބަރ 2013ގައި ފޮނުއްވި ސިޓީއިން އަންގަވައިފައިވާތީ އެފަދައިން ގޮތެއް ނިންމުމަށް ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެފަދަ ހާލަތެއްގައި އަމަލުކުރާނޭ ގޮތުގެ އުސޫލެއް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މިއަދު (27 އޮކްޓޯބަރ 2013) ހުށައަޅައިފިއެވެ. މިއުސޫލު ހުށައަޅުއްވައިދެއްވީ އެމްޑީޕީގެ ޕާރލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާޙިމް މުޙައްމަދު ޞާލިހްއެވެ.

މިއުސޫލުގައިވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އަލުން މީހަކު އިންތިޚާބުކުރެވެންދެން އެމަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެކަމާ ޙަވާލުވެވެން ނެތްނަމަ އެކަމާ ޙަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސަށް އެކަމާ ޙަވާލުވެވެން ނެތްނަމަ އެކަމާ ޙަވާލުވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ހޮވާ އެމަޖިލީހުގެ މެންބަރެއްކަމަށެވެ.

އަދި، އެގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ޙަވާލުވެވޭނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުކުރެވޭ މީހެއްގައި ހުންނަނަވާނެކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ މީހަކަށް ވާންޖެހޭނޭކަމަށްވެސް އެއުސޫލުގައި ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ، އެމަގާމާއި ހަވާލުވާ ފަރާތް ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ޙަވާލުވާތާ ގިނަވެގެން 21 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އަދި ޤާނޫނުއަސާސީގެ 111 ވަނަ މާއްދާގައިވާ ޙާލަތުގައި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަންޖެހިއްޖެނަމަ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބާއްވައި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިޚާބުކޮށް ނިންމަންވާނޭކަމަށްވެސް އެއުސޫލުގައިވެއެވެ.

މިގޮތުން އިންތިޚާބު ބާއްވައި، އެއިންތިޚާބުގެ ރަސްމީ ނަތީޖާ ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިޚާބުގެ ޤާނޫނު)ގެ 15 ވަނަ މާއްދާގައިވާގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އިޢުލާނުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ވަގުތުން ފެށިގެން ގިނަވެގެން 18 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމަށް ކަނޑައަޅާފައިވާ މީހަކު ޤާނޫނުއަސާސީގެ 114 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް މަޤާމުގެ ހުވައިކުރަންވާނޭކަމަށް އެމްޑީޕީއިން ހުށައެޅި އުސޫލުގައި ހިމެނިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިއަދު ހުށައެޅުއްވި މިއުސޫލުތަކުގައި ޤާނޫނުއަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ހުރިހާ ބާރެއް ވަގުތީ ގޮތުން ހަވާލުވާ ފަރާތަކަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.