ޤާނޫނު އަސާސީއާއި ޚިލާފް ޚުދުމުހުތާރު ވެރިކަން ދަމަހައްޓައި ރައްޔިތުންގެ ސަރުކާރެއް އުފެއްދުމަށް ޕީޕީއެމްއިން ހުރަސް އެޅުން ކުށްވެރިކުރުން

noosbayan

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބުނާ ރިޔާސީ ދައުރު ހަމަވާ ތާރީޚަކީ 11 ނޮވެމްބަރ 2013 ވަނަ ދުވަހެވެ. އަދި ޤާނޫނުއަސާސީގެ 121 (ހ) ގައި ބަޔާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދޭން ބޭނުން ވެއްޖެ ކޮންމެ ވަގުތެއްގައިވެސް އެކަން ސިޓީއަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެންގެވިދާނެ ކަމުގައެވެ. އެހެންނަމަވެސް، މިހާރު ވެރިކަމަށް އަރައިވަޑައިގެން ހުންނެވި ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު މިހާރު ހުންނެވި މަޤާމުން އިސްތިއުފާ ނުދެއްވޭނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވުމަކީ ޤާނޫނު އަސާސީއާއި ޚިލާފް ޚުދުމުހުތާރު ވެރިކަން ދަމަހައްޓައި ރައްޔިތުންގެ ސަރުކާރެއް އުފެއްދުމަށް ހުރަސް އެޅުއްވުން ކަމުގައި މި ޕާޓީން ދެކެމެވެ. އަދި ޢަބްދުﷲ ޔާމީން އެ ވިދާޅުވާ ބަސްފުޅުން ޔަޤީންވެގެންދަނީ ޑރ.ވަހީދު މިހާރު އެހުންނަވަނީ، ޢަބްދުﷲ ޔާމީނާއި، 30 އަހަރުގެ އަނިޔާވެރި ވެރިކަން ހިންގެވި މައުމޫނު ޢަބްދުލް ޤައްޔޫމުގެ ނުފޫޒުގެ ދަށުގައިކަމެވެ.

މީގެ އިތުރުން، 11 ނޮވެމްބަރު 2013 ވަނަ ދުވަހުގެ ފަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ޑރ.ވަހީދު ހުންނަވާނެކަން ނުވަތަ ނޫންކަން އެއީ ޑރ.ވަހީދު ނިންމަވާނެ ކަމެއް ނޫންކަމާއި، އެކަމަކީ އެހެން ފަރާތަކުން ނިންމަވާނެ ކަމެއްކަމަށް މީޑިޔާގައި ވަހީދު ވިދާޅުވެފައިވަނިކޮށް، 11 ނޮވެމްބަރު 2013 ގެ ފަހުންވެސް ޤާނޫނޫއަސާސީއާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރެދިނުމަށް ޑރ.ވަހީދު އަރިހުން، ޚުދުމުހުތާރު އަނިޔާވެރި ވެރިކަމެއް ކުރައްވާފައިވާ މައުމޫން ޢަބްދުލްޤާއްޔޫމް އެދިފައިވާ ކަމާއި، އަދި މައުމޫން ޢަބްދުލްޤައްޔޫމް އެފަދައިން އެދިވަޑައިގެން ފަހުން އަދި، ރާއްޖޭގެ ޙާލަތު މިހައި ނާޒުކު ވަގުތެއްގައި އެހައިމެ ކުއްލި ގޮތަކަށް ޑރ. ވަހީދު ޗުއްޓީއެއް ނަންގަވައިގެން ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާކަމީ، އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމާއި އެމަނިކުފާނުގެ ކޮއްކޯފުޅު ޢަބްދުﷲ ޔާމީން ޑރ.ވަޙީދު ބްލެކްމެއިލް ކޮށްފައިވާ ކަމަށް ބެލެވޭ ހެކިތައްކަމުގައި މިޕާޓީން ދެކެމެވެ. އަދި އެއީ މިޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ.

އަދި ޑރ.ވަހީދު ޗުއްޓީގައި ހުންނަވާއިރު، ޕީޕީއެމްގެ ޖަލްސާތަކުގެ ޕޯޑިއަމްތަކުން ސިފައިންނާ ފުލުހުންނަށް ކަން ކުރަންވީ ގޮތް އެންގުމުން، ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު ނުކުމެ ޤާނޫނުއަސާސީއާ ޚިލާފަށް ޕީޕީއެމްގެ އެ އޯޑަރުތައް ތަންފީޒުކުރާކަމީ މިޕާޓީން ހަރުއަޑުން ކުށްވެރިކުރާ ކަމެކެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބަޔާންވެގެންވަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމާއި އަދި މި ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިން ކަމުގައެވެ. އަދި ނޮވެމްބަރު 11 ވަނަ ދުވަހު ރައްޔިތުން އިންތިޚާބު ކުރާ ރައީސުލަޖުމްހޫރިއްޔާއަކު ނެތް ހިނދެއްގައި ސަރުކާރުގެ އެއްވެސް މުވައްސަސާއެއްވެސް ނުހުންނާނެކަމީ، އަދި ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރު ކުރާނޭ ޤާނޫނީ ވެރިއެއްވެސް ނުހުންނާނެ ކަމީ މިޕާޓީން ކަންބޮޑުވާ ކަމެކެވެ. އެހެނީ އެފަދަ ޙާލަތަކަށް ހިނގައްޖެނަމަ ޤައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ނެތިގެން ދިއުމަކީ ނުހަނު ކަންބޮޑުވުން ހުރި ކަންކަމެވެ. އެހެންކަމުން، ޤާނޫނުއަސާސީއާއި ޤާނޫނުގެ ތެރެއިން ފުލުހުންނާއި ސިފައިންގެ ޢަމަލުކުރައްވަން ފެއްޓެވުމަށް ދިވެހި ފުލުހުންނާއި ސިފައިންނަށް މިޕާޓީން ގޮވާލަމެވެ.

26 އޮކްޓޯބަރ 2013

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް