އެމްޑީޕީ ޕާރލަމެންޓްރީ ގްރޫޕްގެ މެންބަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލީހަށް ވަނުމަށް ހުރަސްއެޅި މައްސަލަ ކުށްވެރިކުރުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމްޑީޕީ) ގެ ޕާރލަމެންޓްރީ ގްރޫޕްގެ މެންބަރު މެދުހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޢަލީ އާޒިމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިއަދު (26 އޮކްޓޯބަރ 2013) ވަދެވަޑައިގަތުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ހުރަސް އަޅައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ، އެ ޢަމަލު އެމްޑީޕީ އިން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

ދިވެހިރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ސަރުކާރު ސަލާމަތީ ބާރުތައް ބޭނުންކޮށް ވައްޓާލުމަށްފަހު ވެރިކަމަށް އަރައިތިބި ފަރާތްތައް އިސްވެތިބެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކު ޖަލްސާއަށް ވަދެވަޑައިގަތުމަށް ހުރަސްއެޅުމަކީ މިއަދު ސަރުކާރުން ހިންގަނީ ޣައިރު ޤާނޫނީ ގޮތެއްގައިކަން އަންގައިދޭ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ (ހ)ގައި “މަޖިލީހުގެ ޢިމާރާތާއި މަޖިލިސް ކުރާ މާލަމާއި، އެމާލަމަށް އައުމަށްޓަކައި މަޖިލީހުގެ ގޯއްޗާއި ޢިމާރާތުގެ ތެރެއިން ހިނގަންޖެހޭ މަގުތަކާއި ކޮރިޑޯރތަކާއި، މަޖިލީހުގެ ޢިމާރާތާ އިންވެގެންވާ މަޖިލީހުގެ ގޯތީގެ ސަރަޙައްދަކީ، މަޖިލީހުގެ ރައީސްގެ ބެލެހެއްޓުމާއި އަމުރުގެ ދަށުގައިވާ ތަންތަން”ކަމަށް ބަޔާންކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހުއްދައެއްނެތި އިއްޒަތްތެރި މެންބަރަކު މަޖިލީސްކުރާ މާލަމަށް ވަދެވަޑައިގަތުމަށް ހުރަސްއެޅުމަކީ ތަހުޒީބީ ދުނިޔެއަކުން ބަލައިގަނެވޭނެ ފަދަ އަމަލުތަކެއްނޫނެވެ.

މީގެ ކުރިން ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށް އިންތިޚާބު ހުއްޓުވުމުގައި އިސްކޮށް ތިބި ފަރާތްތަކުގެ ސީދާ ބާރުގެ ދަށުގައި ތިބި ފުލުހުންގެ ބެލުމުގެ ދަށަށް މެދު ހެންވޭރު ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަލީ އާޒިމް ގެންގޮސްފައިވާތީ، އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމަށް އެމްޑީޕީއިން ނުހަނު ކަންބޮޑުވަމެވެ. އަދި މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިޢްޒަތްތެރި މެންބަރު ޢަލީ އާޒިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނުއިރު ނުހަނު ބޮޑެތި އަނިޔާތައް ލިބިފައިވުމާއި، އަދި މިއަދުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނުއިރު ލިބިފައިވާ އަނިޔާތައް ތަހްލީލު ކުރުމަށް ހޮސްޕިޓަލަށް ގެންދެވުމަށް ފުލުހުންގެ ޑޮކްޓަރުންވެސް ލަފާދީފައިވާއިރު އެކަން އަދިވެސް ނުކުރެވިވާކަމަކީ މިޕާޓީން ނުހަނު ކަންބޮޑުވާ ކަމެކެވެ.

މިނިވަންކަމާއި އިންސާފްވެރިކަމާއެކު ބޭއްވުނު އިންތިޚާބަކުން ފެއިލްވެފައިތިބި ބަޔަކު ރައްޔިތުންގެ ތެރެއިން އިންތިޚާބުވެފައިވާ ފަރާތްތަކާއި މެދު އަމަލު ކުރަމުންދާ ގޮތަކީ ކަންބޮޑުވާ ކަމެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މެންބަރުންނަށް ހަމާލާދީ، ތަނުގެ ގަދަރު ނަގާލުމަށް ސަލާމަތީ ބާރުތަކުން ކުރަމުން ގެންދާ އަމަލުތައްވެސް ހަރުއަޑުން ކުށްވެރިކުރަމެވެ.

ސަލާމަތީ ބާރުތަކުގެ ޣައިރު ޤާނޫނީ މިއަމަލުތައް ތަޙުގީގުކޮށް ފިޔަވަޅު އެޅުމަށް ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްއަށާއި، ކަމާއި ބެހޭ އެންމެހާ އިދާރާތަކަށް އެމްޑީޕީއިން ގޮވާލަމެވެ. އަދި ރައްޔިތުން އިންތިޚާބުކޮށްފައިވާ އިއްޒަތްތެރި މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުން މިޕާޓީއިން އެދެމެވެ.

26 އޮކްޓޯބަރ 2013
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް