ބައެއް ގައިދީންނަށް ރީ-ރަޖިސްޓަރ ކުރުމުގެ ދަތިތައް ކުރިމަތިކުރުވާކަމުގެ ޝަކުވާ ހައްލުކޮށްދިނުމަށް އެދި އެމްޑީޕީއިން ޑީޕީއާރއެސްއަށް ސިޓީއެއް ފޮނުވައިފި

ޑިޕާޓްމަންޓް އޮފް ޕެނިޓެންޝިއަރީ އެންޑް ރީހެބިލިޓޭޝަން ސެންޓަރ(ޑީޕީއާރުއެސް)ގެ ބެލުމުގެ ދަށުގައި ތިބި ބައެއް ގައިދީންނަށް ރަށްވެހި ވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ޓަކައި ރީ- ރެޖިސްޓަރ ކުރުމުގައި ދަތިތައް ކުރިމަތިކުރުވާ ކަމުގެ ޝަކުވާ ހައްލުކޮށްދިނުމަށް އެދި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން އެސެންޓަރަށް ސިޓީއެއް ފޮނުވައިފި އެވެ.

އެމްޑީޕީއިން މިރޭ އިރާކޮޅު ޑީޕީއާރއެސްއަށް ފޮނުވި ސިޓީގއި ބަޔާންކޮށްފައިވަނީ، ޑީޕީއާރއެސްގެ ބެލުމުގެ ދަށުގައި މާލެ ޖަލުގައްޔާއި މާފުށީ ޖަލުގަ ތިބި ގައިދީންގެ ތެރެއިން 30 ވަރަކަށް ގައިދީންނަށް ވޯޓު ލާ ތަން ބަދަލު ކުރުމަށް ރި ރެޖިސްޓަރ ކުރުމުގައި ހުރަސްތައް ކުރިމަތި ވަމުން ދާކަމަށް މިޕާޓީއަށް ވަނީ މައުލޫމާތު ލިބިފައެވެ. ރީ ރަޖިސްޓަރ ކުރުމަށް ދީފައިވާ ވަގުތު ހަމަވުމަށް ކައިރިވެފައިވާއިރު މި ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެފަރާތްތައް ރަޖިސްޓްރީ ނުކުރެވިއްޖެނަމަ ވޯޓު ލުމުގެ ޙައްގުން އެފަރާތްތައް މަޙުރޫމުވެ އެފަރާތްތަކުގެ ވޯޓު ލުމުގެ ޙައްގު ގެއްލިގެންދާނެކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އަދި، ޑީޕީއާރއެސްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަކީ އާމްދަނީ ހޯދުމަށް މަސައްކަތް ކުރެވޭނެ ފަރާތްތަކަކަށް ނުވާއިރު އަދި އަމިއްލަ މިނިވަންކަމާއިއެކު ރީ ރަޖިސްޓަރީ ކުރުމައި ވޯޓު ލުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރެވޭނޭ ފަރާތްތަކަކަށްވެސް ނުވާއިރު އެފަރާތްތަކަށް އެއްމެ ފުރިހަމަ ގޮތުގައި އެ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ ޑީޕީއާރއެސްގެ ޒިންމާއެއްކަމުގައިވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން އެސިޓީގއި ބަޔާންކޮށްފައިވަނީ، ޤާނޫނު އަސާސީގެ 26ވަނަ މާއްދާގެ ހ އިން އުމުރުން 18އަހަރުވެފައިވާ ކޮންމެ ދިވެހިރައްޔިތަކަށް ވޯޓު ލުމުގެ ޙައްގު ލިބިދީފައިވާއިރު އެ ޙައްގުން މަޙްރޫމް ވާފަދަ ކަމެއް މެދުވެރި ކުރުމީ ކަނޑައެޅިގެން ޤނޫނާއި ޙިލާފު ކަމަކަށް ވާއިރު އެ ފަރާތްތަކަށް ވޯޓު ނުލެވިއްޖެނަމަ އެކަމުގެ ފުރިހަމަ ޒިންމާ ތިޔަ މުއައްސަސާއިން އުފުލަންޖެހޭނެ ކަމުގައިއެވެ.

އަދި އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންނަށް ޤާނޫނު އަސާސީއިން ލިބިދީފައިވާ ޙައްގުތައް އެއްމެ ފުރިހަމަގޮތުގައި ހޯދައިދިނިމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ޕާޓީއެއްކަމާއި، އެހެންކަމުން ތިޔަ މުއައްސަސާގެ މެލުމުގެ ދަށުގައިވާ ފަރާތްތަކަށް ޤާނޫނު އަސާސީއިން ލިބިދީފައިވާ ޙައްގުތަކުން މަޙްރޫމުވާފަދަ ކަންކަން ނުކުރުމަށްވެސް ދަންނަވާފައިވެއެވެ. އަދި ތިޔަ މުއައްސަސާގެ ބެލުމުގެ ދަށުގައިވާ ހުރިހާ ފަރާތްތަކަކަށްވެސް ވޯޓު ލެވޭނޭހެން ކަންކަން ފަހި ކޮށްދިނުމަށް ގޮވާލާފައިވެސްވެއެވެ.