ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ ހއ، ހދ އަށް ކެމްޕެއިން ދަތުރުފުޅެއް ފައްޓަވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ ހއ. އަދި ހދ.ގެ ބައެއް ރަށްރަށަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއް މިއަދު (25 އޮކްޓޯބަރ 2013) ހެނދުނު ފައްޓަވައިފިއެވެ.

މިދަތުރުފުޅުގައި މިއަދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހަނިމާދޫއަށެވެ. އަދި މާދަމާ (26 އޮކްޓޯބަރ 2013)ގައި ވަޑައިގަންނަވާނީ އިހަވަންދޫއަށެވެ. އާދިއްތަ ދުވަހު (27 އޮކްޓޯބަރ 2013) ހޯރަފުށީގައި ހަރަކާތްތެރިވުމަށްފަހު ހޯމަ ދުވަހު (28 އޮކްޓޯބަރ 2013)ގައި ވަޑައިގަންނަވާނީ ދިއްދޫއަށެވެ. އެއަށްފަހު ބުދަ ދުވަހު (30 އޮކްޓޯބަރ 2013)ގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުއްޓަށެވެ.

ވަޑައިގަންނަވާ ރަށްތަކުގައި ދޮރުންދޮރަށް ހިންގެވުން ކުރިއަށް ދާނެއެވެ. މިގޮތުން ކުޅުދުއްފުށީގައި 35 އެޖެންޓުން 3 ދުވަސް ތެރޭ 1500 ގެއަށް، ހޯރަފުށީގައި 50 އެޖެންޓުން 510 ގެއަށް ޒިޔާރަތްކުރާނެއެވެ. އަދި އިހަވަންދޫގައި 50 އެޖެންޓުން 452 ގެއަށް، ހަނިމާދޫގައި 30 އެޖެންޓުން 380 ގެއަށް އަދި ދިއްދޫގައި 30 އެޖެންޓުން 700 ގެއަށް ޒިޔާރަތްކުރާނެއެވެ.

މީގެ އިތުރުން، ރަށްރަށުގައި ހަރަކާތްތެރިވާ ކެމްޕެއިން ޓީމްތަކަށް އަމާޒުކޮށް އޮރިއެންޓޭޝަން ހިންގުމާއި، ރަށްރަށުގެ ފޯކަލް ގްރޫޕްތަކާއި ބައްދަލުކުރެއްވުމަށް ރާއްވަވައިފައިވެއެވެ. މިގޮތުން މުދައްރިސުންނާއި، ސިއްހީ ދާއިރާގެ ބޭފުޅުންނާއި، މަދަނީ، ކްލަބް ޖަމިއްޔާތަކާއި، އަދި ޒުވާނުންނާއި ބައްދަލުކުރައްވާނެއެވެ. ވަޑައިގަންނަވާ ރަށްތަކުގައި ކަންމަތީ ބައްދަލުވުން ބާއްވަވައި، ކެމްޕެއިނާއި ގުޅޭ މެޓީރިއަލް ބެހުމަށް ހަމަޖެހިފައިވެއެވެ.

މިދަތުރުގައި ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ އާއި އެކު ޑީއާރޕީގެ ޑިޕިއުޓީ ލީޑަރ އިބްރާޙިމް ޝަރީފް (މަވޯޓާ) ބައިވެރިވެ ވަޑައިގަންނަވައެވެ. ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 2 ނޮވެމްބަރ ގައެވެ.