ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުން އެމްޑިޕީގެ ޕާލިއަމަންޓްރީ ގްރޫޕުގެ މެމްބަރ ޙާމިދު އަބްދުލު ޤަފޫރަށް ގޯނާކޮށް ބިރުދައްކަމުންދާ ދިއުން މި ޕާރޓީން އެންމެ ހަރު އަޑުން ކުށްވެރިކުރަން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕުގެ ސެކެއްޓްރީ ޖެނެރަލް ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރ ޙާމިދު އަބްދުލް ޤަފޫރު ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް އެ ކޯޓުން އަމުރު ކޮށް ފުލުހުން އެމަނިކުފާނަށް ގޯނާކޮށް ބިރުދައްކަމުންދާ ދިއުން މި ޕާރޓީން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

އިއްޔެ މަޖިލީހުގެ ޖަލްސާއެއް އޮތުމުން ކޯޓަށް ހާޒިރުވެވެން ނެތްކަން އަންގައި ޙާމިދުގެ ފަރާތްޕުޅުން އިއްޔެ ކްރިމިނަލް ކޯޓަށް ސިޓީ ވަނީ ފޮނުވާފައެވެ. އެހެންނަމަވެސް މިވަގުތު ކޮންމެގޮތެއް ހަދައިގެންވެސް ޙާމިދު އަބްދުލް ޣަފޫރު ހިފާ ހައްޔަރު ކުރުމުގެ މަސައްކަތުގައި، ކްރިމިނަލް ކޯޓުންނާއި ފުލުހުން އަވަދިނެތި މިއުޅެނީ މިވަގުތަކީ ރައްޔިތުންގެ މަޖިލީހަށް ޕްރޮސިކިއުޓަރ ޖެނެރަލްއަޙްމަދު މުއިއްޒު އާއި އެޓާނީ ޖެނެރަލް އާޒިމާ ޝުކޫރު އަދި ޑިފެންސް މިނިސްޓަރކަމަށް ގަދަބާރުން އަރައިގެން ހުރި މުޙައްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލައިގެ ވޯޓު ނެގުން މިހާރު ތާވަލް ކުރެވެމުން ދާތީކަމުގައި މިޕާޓީއިން ޤަބޫލު ކުރަމެވެ.

މިއީ ރައްޔިތުންގެ މަޖިލީހަށް ޕްރޮސިކިއުޓަރ ޖެނެރަލްއަޙްމަދު މުއިއްޒު އާއި އެޓާނީ ޖެނެރަލް އާޒިމާ ޝުކޫރު އަދި ޑިފެންސް މިނިސްޓަރކަމަށް ގަދަކަމުން އަރާ ހުރި މުޙައްމަދު ނާޒިމްގެމައްޗަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި މިހާރު މިއޮތް ސަރުކާރުން ހިންގާ އަމަލެއްކަމަށް ބެލެވޭގޮތަށް، އަދި އިތުބާރު ނެތްކަމުގެ ވޯޓެއް ހުށަހެޅިފައިވާ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރު ނުކުރެވޭނޭކަމަށް މަޖިލީހުގެ ޤަވާޢިދުގައި ސާފުކޮށް ބަޔާންކޮށްފައިވާހިނދު،ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ޙާމިދު ޢަބްދުލްޣަފޫރު އެ ޤަވާޢިދާ ވެސް ޚިލާފަށް ހައްޔަރުކުރުމަށް އުޅޭ އުޅުމަކީ މިހާރު މިއޮތް ސަރުކާރުން ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ހިންގަން އުޅޭ ޖަރީމާއެއްކަމަށް މިޕާޓީއަށް ޤަބޫލު ކުރެވެއެވެ.

ވީމާ، މި ޕާރޓީގެ ޕާރލަމެންޓްރީ ގްރޫޕުގެ ސެކްރެޓަރީ ޖެނެރަލް އަދި ހެންވޭރު ދެކުނު ދާއިރާގެ އިއްޒިތްތެރި މެމްބަރ ޙާމިދު އަބްދުލް ޤަފޫރު ރައްޔިތުންގެ މަޖިލީހުގައި ކުރައްވަމުންގެންދާ މައްސައްކަތްޕުޅަށް ހުރަސްއެޅުއްވުމުގެ ގޮތުންނާއި އެމަނިކުފާނަށް ބިރުދައްކަވައި ގޯނާކުރެއްވުމުގެގޮތުން ކްރިމިނަލް ކޯޓުންނާއި ފުލުހުންގެ ކޮމިޝަނަރ ޢަބްދުﷲ ރިޔާޒު ހިންގަވާ ފިނޑި އަމަލުތައް ވަގުތުން ހުއްޓާލެއްވުމަށް މި ޕާރޓީން ގޮވާލަމެވެ. އަދި ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ބާރާއި ދުސްތޫރީ ހަމަ ތަކާ ޑިމޮކްރެޓިކް އުޞޫލް ތައް މުގުރާލުމަށް ތަކުރާރުކޮއް ކުރަމުންދާ ނުރައްކާތެރި މަސައްކަތް ތައް ގާތުންދެކި މިކަންކަމާ މެދު ދިވެހިރައްޔިތުން ސަމާލު ވެ ތިބުމަށް އިލްތިމާސް ކުރަމެވެ.

24 އޮކްޓޯބަރ 2013

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް