14 ސެޕްޓެމްބަރ 2010
އިންސާނީ ހައްޤުތައް ރައްކާތެރިކުރުމާއި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ބާރުއަޅާ ބައިނަލްއަޤްވާމީ ޖަމާޢަތެއް ކަމަށްވާ އިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް (އައި.ސީ.ޖޭ.)ގެ ވަފްދުގެ ބޭފުޅުންނާ އެމްޑީޕީން މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު އެމްޑީޕީ ސެކްރެޓޭރިއަޓްގައި އޮތް މިބައްދަލުކުރެއްވުމުގައި، މި ވަފްދުގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވީ އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ކުރީގެ ސްޕެޝަލް ރެޕެޓުއަރ އޮން ދި އިންޑިޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔަރސް، މިސްޓަރ ލިއަންދްރޯ ޑެސްޕޯއިއެވެ. އެމްޑީޕީގެ ވަފްދުގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ އެޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ އެވެ.
މި ބައްދަލުކުރެއްވުމުގައި ދެފަރާތުގެ މެދުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ބަދަލުކުރެވުނީ ރާއްޖޭގެ ސިޔާސީ މަސްރަޙް މިހާރު އޮތްގޮތާ ބެހޭ ގޮތުންނާއި، ރާއްޖޭގެ ޝަރުޢީ ނިޒާމް އިތުރަށް ހަރުދަނާކޮށް އާންމު ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޝަރުޢީ ނިޒާމެއް ރާއްޖޭގައި ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުންނެވެ. މީގެ އިތުރުން އިންތިޤާލީ މަރުޙަލާގައި ޝަރުޢީ ދާއިރާގެ ކަންތައް ހިނގައިދިޔަގޮތާ ބެހޭގޮތުން އެމްޑީޕީގެ ވަފްދުގެ ބޭފުޅުން އެމްޑީޕީން މައުލޫމާތު ދިނެވެ. އަދި އައި.ސީ.ޖޭގެ ފަރާތުން ރާއްޖޭގެ ޝަރުޢީ ދާއިރާ ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތަށް ޒަކީ މަރުހަބާ ވިދާޅުވެ އެފަރާތަށް ޝުކުރުއަދާ ކުރެއްވިއެވެ.
އައި.ސީ.ޖޭ.ގެ ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކައިގައި ރާއްޖޭގެ ޝަރުޢީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން މިކަމުގައި އައި.ސީ.ޖޭ. ގެ ފަރާތުން ވެދެއްވިދާނެ އެއްބާރުލުމާއި އެހީތެރިކަމާ ބެހޭގޮތުން އެބޭފުޅުން ވާހަކަދެއްކެވިއެވެ.
މި ބައްދަލުކުރެއްވުމުގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ކަމަށްވާ ހާމިދު ޢަބްދުލްޣަފޫރާއި، އީވާ ޢަބްދުﷲ އަދި އިމްތިޔާޒް ފަހުމީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.