އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގައި އެސްއެމްއެސް މެދުވެރިކޮށް ވޯޓުލާނޭ ގޮތާ ބެހޭ މަޢުލޫމާތު ކެންޑިޑޭޓުންނަށް ދީފި

މި ސެޕްޓެމްބަރު މަހުގެ 24 ވާ ހުކުރު ދުވަހު އޮންނަ އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު 2010 ގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އިލެކްޓްރޯނިކްކޮށް އެސްއެމްއެސް މެދުވެރިކޮށް ކަމަށްވާތީ، އެކަމާބެހޭ މައުލޫމާތު ކެންޑިޑޭޓުންނަށް ދިނުމަށް ރޭ އެމްޑީޕީ ހަރުގޭގައި ޚާއްސަ ބައްދަލުވުމުއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން އެޕާޓީން ބުނީ ކޮންމެ ރަށެއްގައި ޕޯލިންގ ސްޓޭޝަނެއް ހުންނާނެ ކަމަށާއި، މި ޕޯލިންގ ސްޓޭޝަނުގައި އެ ރަށެއް ހިމެނޭ ދާއިރާގެ ކެނޑިޑޭޓުންނަށް ވޯޓުލުމަށް ފޯނެއް ބޭއްވިފައިވާނޭ ކަމަށެވެ. އަދި އެރަށެއްގައި ހުންނަ ޕޯލިންގ ސްޓޭޝަނަކުން ވޯޓު ލެވޭނީ އެރަށެއްގައި ރެޖިސްޓްރީ ކުރެވިފައިވާ މީހުންނަށް ކަމަށާއި،
މާލޭގައި މާލޭ ދާއިރާތަކުގެ އިތުރުން ހުރިހާ އަތޮޅުތަކެއްގެ ދާއިރާތަކެއްގެ ކެނޑިޑޭޓުންނަށް ވޯޓުލެވޭނޭ ފޯނުތައް އެޕޯލިންގ ސްޓޭޝަންތަކުގައި ހުންނާނެ ކަމަށެވެ. އަދި ޕޯލިންގ ސްޓޭޝަންތަކަށް ވޯޓުލުމަށް ދާން ބޭނުންނުވާ ނުވަތަ ދާން އުޒުރުވެރިވާ މެމްބަރުން 15 ސެޕްޓެމްބަރ 2010 ވާ ބުދަ ދުވަހުގެ ކުރިން ލިޔުމަކުން ނުވަތަ އެސްއެމްއެސް އަކުން އެމްޑީޕީގެ ސެކްރެޓޭރިއަޓަށް ފޮނުވައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުން އިންތިޚާބުގައި ވޯޓުލެވޭނެ ކަމަށެވެ.
މިއިންތިޚާބުގައި އެސްއެމްއެސްއިން ވޯޓުލުން ކުރިއަށް ގެންދެވޭނީ އެމެރިކާގެ ކުންފުންޏެއްކަމަށްވާ ޕޯލް އެވްރީވެއަރ ކިޔާ ކުންފުންޏަކާއި ގުޅިގެން ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
ޕޯލް އެވްރީވެއަރއަކީ ދުނިޔޭގެ ފެންވަރުގައި ބޮޑެތި ކުންފުނިތަކާއި ޖަމްޢިޔާ ޖަމާޢަތްތަކަށް ޕޯލިންގެ ޚިދުމަތްދޭ ކުންފުންޏެކެވެ. ޕޯލް އެވްރީވެއަރއިން ޕޯލިންގެ ޚިދުމަތްދޭ ކުންފުނިތަކުގެ ތެރޭގައި މައިކްރޯސޮފްޓް، ސިސްކޯ، އެންވިޑިއާ، ޑިސްކަވަރީ ޗެނަލް، އޯލްސްކްރިޕްޓްސް، ޔުނިވަރސިޓީ އޮފް ޏޯޓްރޑޭމް، ޔުނިވަރސިޓީ އޮފް ފްލޯރިޑާ، ޑެލޮއިޓް، އެކްސެންޗަރ އަދި މިފަދަ އެތައް ހާސް ކުންފުނިތަކާއި ޖަމާޢަތްތައް ހިމެނެއެވެ.