ގައުމު މިވަނީ މުސީބާތުގެ އަނދަވަޅަކަށް ވައްޓާލާފައެވެ!

ގައުމު މިވަނީ މުސީބާތުގެ އަނދަވަޅަކަށް ވައްޓާލާފައެވެ!

ފުނަމާ.

ދިވެހި ތާރީޚުގައި މިގައުމުގެ ރައްޔިތުން މިވަރުގެ ހާސްކަމާއި ފިކުރު ބޮޑުވުމުގެ ޙާލަތަކަށް ވެއްޓިފައި ވާނޭކަމާމެދު ޝައްކު އުފެދެއެވެ. ތެދެކެވެ. މިގައުމުވަނީ ތަފާތު ދަތި މަރުޙަލާތައް ކަނޑައްތު ކޮއްފައެވެ. ބޭރުގެ އިސްތިއުމާރާއި ބާރުތަކުގެ އަޅުވެތި ކަމާއި ގުދުރަތީ ކާރިސާތަކާޢިވެސް މިގައުމުވަނީ ކުރިމަތި ލާފައެވެ. އެތަކެއް ހިތްދަތި ނާމާން ވަގުތުތަކާއި ދުވަސްތަކާއިވެސް ވަނީ ކުރިމަތިލާފައެވެ. އެހެނަސް މިއަދު މިދެކޭފަދަ ގޮތްނޭނގޭ ކޮޅެއް މެދެއް ނުއެނގޭ ކަންތައް ގަނޑެއް މިގައުމަކާ ކުރިމަތިވެފައި ވެޔެކޭ ދެންނެވޭކަށް ގައިމުވެސް ނެތެވެ.

މީގެ ކުރީން މިގައުމު އަޅުވެތި ކޮއްފައިވަނީ ދިވެހީން އަޑީގައި ތިބެގެން ކަމުގައި ވިޔަސް ބޭރުގެ ނުފޫޒުތަކުންނެވެ. އެއިރު ދިވެހީންނަކީ ކޮންމެވެސް ވަރެއްގެ އަމިއްލަ ފުދުންތެރިކަމެއް ، ކާނޭ ބޯނޭ އެތިކޮޅެއް މިގައުމުން ހޯދައިގެން އޭގެ މަތީގައި ބަރޯސާވެގެން އުޅެވުނު ބަޔެކެވެ. ނަމަވެސް މިއަދު އެހާލަތު މިވަނީ މުޅީންހެން ބަދަލު ވެފައެވެ. މިއަދު މިގައުމުގެ ރައްޔިތުން ބޭނުންކުރުމަށް ބޭނުންވާ ކިރުފޮދާއި ދަތްކޮއްޓާ އިލޮށިކޮޅުވެސް ހޯދުމަށް ބަރޯސާވާން މިޖެހެނީ ބޭރުގެ ފަރާތް ތަކަށެވެ. ކުރީގައި ހެނދުނު ހެނދުނާ ކާލަން އެންމެ މޮޅުކަމުގައި ދުށް ގަބުޅިކޮޅާއި ދިޔާހަކުރުފޮދާއި ވަޅޯ ބަނޑައިދުލެއް މިއަދަކު ހެނދުނުގެ ނާސްތާޔަށް އަރުތެރެއަށް ފޮނުވާލުމަކަށް ދިވެހީން ފަރިތައެއް ނޫނެވެ. ރިޔަލުގައި އަނބުރާ ހޭރިޔާ ކުރަމުން ދުއްވާކަށް ގިރިފަޅުތައް މިއަދުގެ ކެޔޮޅުންނަށް އެހާ ފަރިތައް ނޫނެވެ. ރޭޒަރުތިލަފަޅި ފެންގާގަނޑަށް ވައްޓާލައިގެން ގަހާ ފާހަގަ ކުރުމަކީ މިއަދަކު ކުރާކަށް ބޭނުން ކަމެއް ނޫނެވެ. މަސްއޮޑި ފަހަރުގައި ހެނދުނު ކާލާ ފިހުނު ބަބުކެޔޮކޮޅާއިގެން ހަވީރާ ހަމަޔަށް ތިބެލެވޭހާ ހަކަތައެއް މިއަދަކު ނެތެވެ. މިއަދު ތެލާއި ، ޖީޕީއެސް އަދި ، ކޮފީއާއި ތަފާތު ލުއިކާނާ ތަކާއި އިރުން އިރުގެ ކޮއްތު ތައްޔާރު ކޮއްލުމަށް ބޭނުންވާ ތަކެއްޗާއި ގޭސްއުނދުން ނެތި މަސްއޮޑިއެއް ދުއްވުމަކީވެސް ވާންއޮތް ކަމެއް ނޫނެވެ.

ދިވެހީންގެ ދިރިއުޅުމުގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް މިއަދު ފެނިހާމަވާންއޮތް ހަގީގަތަކީ އޭގެ ފުރިހަމަ މާނައިގައި ބޭރުން ގެންނަ ތަކެއްޗަށް ރޭރުވެފައި ވުމެވެ. މިއަދު ރާއްޖޭގެ ދަނޑު ފަނގުތަކުން ލިބޭންހުރި ތަކެއްޗަށްވުރެ ބޮޑަށް ބަރޯސާވާން ޖެހިފައި މިވަނީ ބޭރުގެ މީހުންނަށާއި ތަކެއްޗަށެވެ. މިއީ އެކާވީސްވަނަ ގަރުނުގެ ތަރައްގީ ކަމުގައި ދެކޭނަމަ މިކަން މިއޮތީ ރަނގަޅަށެވެ. އެކަމަކު ވިސްނާލަން ޖެހޭ ކަމަކީ މި ބަވަނަ ވެފައިވާ ދުނިޔޭގައި އަޅުގަނޑުމެން މިއަދު މިއެދޭ ފުރިހަމަ ދިރިއުޅުމާއި އަމާން ކަމުގައި އުޅޭން ބޭނުންނަމަ މިގައުމޭ އެކަނި ކިޔައިގެން ފަރުޖެއްސޭކަށް ނެތެވެ. ބޮޮޑުވިއްސާރައިގައި ދިވެހީން އެނބުރި އާންމު ހާލަތައް އެނބުރި އައުމަށް މަސައްކަތް ކުރިނަމަވެސް މިއަދު ގުދުރަތީ ކާރިސާއެއްގައި ހަނާވެދިޔަ ދިރިއުޅުން ބޭރުގެ އެހީތެރިކަމާއިއެކު ކުރީގެ ހާލަތައްވުރެ ރަނގަޅު ހާލަތައް ގެނައުމަށް އޮތް ފަސޭހަކަން މިވަނީ ތަޖުރިބާ ކޮއްފައެވެ. ބޭރުގެ އެހީތަކުން ހޯދައިގަނެވުނު ޒަމާނީ ފަސޭހަތަކާއި ވަސީލަތްތަކާއި ޚިދުމަތްތަކަކީ މިއަދަކު ދިވެހީންނަކަށް ބީރައްޓެހި ކަންކަމެއް ނޫނެވެ. އަޅުގަނޑުމެން އެދުވަހު ސްކޫލަށް ދިއުމަށް ފުރަމާލޭގައި ހިނގާއުޅުނު ބޮއްފެންގަނޑު މިއަދު އެވަނީ ގާއަޅައި ރީތި މަގުތަކަކަށް ބަދަލުކޮއްފައެވެ. ހަކުރާގޭ ދޮރާށީގައި ފެށުނު ފަސްޓުއެއިޑްގެ ޚިދުމަތް މިއަދު އެވަނީ ބޮޑެތި ހޮސްޕިޓަލު ތަކުން ދޭން ފަށާފައެވެ. މިއަދު މުޅިރާއްޖެ މިވަނީ އެޚިދުމަތް ތަަކަށް ބޭނުންވެފައެވެ. ތަރައްގީއަށް އެދި ކެއްތެރިކަން ކޮޅުންލާފައެވެ. ހަގީގަތަކީ މިފަދަ ކޮންމެ ޚިދުމަތެއް ކޮންމެ ތަރައްގީއެއް ގުޅިލާމެހިފައި ވަނީ ބޭރުގެ ދީލަތި އެހީތަކާކަމުގައި ވުމެވެ. ބޭރާއި ނުގުޅި އެއްކަމެއްވެސް މިއަދަކު ރާއްޖެއަކަށް ކުރެވޭކަށް ނެތެވެ.

ބޭނުންޖެހި ދިއްކޮއްފައި އޮންނަ ދިވެހީންގެ އަތްތަކަށް ބޭރުގެ އެހީތެރިކަން އަބަދުމެ ބޭނުންވާފަދައިން ރާއްޖޭގެ ކޮންމެ ހާލަތެއް ބަދަލު ކުރުމަށް ބޭރުގެ ލަފަޔާއި އިރުޝާދު ބޭނުންވާނެކަން ނޭނގޭނަމަ ދިވެހީންނަކީ ގަބުކަން ނުފިލާ ބަޔެކޭ ބުނާނެ ޖާގައޮވެދާނެއެވެ. އަހަރެމެންގެ އަމިއްލަ ކަންކަމަކާ އެއުރެންނަކާ ނުބެހެވޭނެޔޭ ބުނުމަކީ މިއަދު ޖާހިލު ސިކުނޑިއެއްގެ ވެރިޔަކު މެނުވީ ބުނާނެ އެއްޗެއް ނޫންކަން ބުނާމީހާޔަށް ނޭނގުނަސް އަހާމީހާޔަށް އެނގޭނެއެވެ.

އަސްލު މައުޟޫއަށް ރުޖޫއަވާން ޖެހޭއިރު ދަންނަވާންއޮތީ މިއަދު މިގައުމުގެ ހާލަތު ފެނިފައި ކޮންމެ ފަރުދަކަށްމެ ބިރުވެރިކަމާއި މާޔޫސްކަން މެނުވީ ކުރިމަތިވެފައި ނެތްކަމުގައެވެ. ކޮޅެއް މެދެއް ނޭނގޭ ހާސްކަމެއްގެ ތެރޭގައި ދިވެހީން މިދަނީ އޮޔާބެހިގެންނެވެ. ބޭރުގެ ނުފޫޒުތަކަށް ވުރެ މިއަދު ބިރުވެރިވެފައި މިވަނީ އަމިއްލަ ގައުމުގެ ރައްޔިތުން މިގައުމަށް ވަމުންދާ ޚިޔާނާތާ މެދުގައެވެ. މިގައުމުގެ އިންސާފުގެ ދޮރާށި ތަކުގައި އެހުރީ ކުނި ކަރުގޮހޮރު ކަމުގައި ދެކޭމީހުން ގައިމުވެސް މިގައުމުގައި މަދެއް ނޫނެވެ. އިސްތިގުލާލޭ ކަރާމާތޭ މިގޮވައި ނަގާ ސަރުކާރު ނުވަތަ ދައުލަތުގެ ބާރުތައް ދެމިއޮތުމަށް ބޭނުންވާ އިންޖީނު ކަމުގައިވާ ވަލީއުލް އަމްރު އައްޔަން ކުރުމަށް ދިވެހީންނަށް ލިބިފައިވާ ހައްގު މިވަނީ މިގައުމުގެ އެންމެ ހަތަރު ފަނޑިޔާރުންނާއި އެމީހުން އަޅުކަން ކުރަމުން ގެންދާ ސިޔާސީ ދެތިން މީހުންގެ މުށުތެރޭގައި ޗިސްކޮށް ފަނާ ކޮއްލާފައެވެ. މިގައުމުގެ ރައްޔިތުން އެބައެއްގެ މައްޗަށް ބަރޯސާވާންޖެހޭ ސަލާމަތީ ބާރުތަކުގައި ހިމެނޭ ފުލުހުންނަކީ މިއަދު މިގައުމުގެ ދުޝްމަނުންގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ބައެކެވެ. މިފަދަ ހާލަތެއްގައި ގައުމުއޮތުމުން ދެން ހިންހަމަ ޖެހިގެން ނޭވާއެއް ލެވޭނީ ކޮން ރައްޔިތަކަށް ހެއްޔެވެ؟ މަގުތައް ފުރިގެން ނުކުމެ ރައްޔިތުން އެމީހުންގެ ފަރިޔާދުތައް އިއްވަމުން ގެންދާއިރު ދައުލަތުގެ އެންމެ އިސް ފަޑީގައި ވެޑުވިގެން އެތިބަ ގިނަމޫނުތަކަށް އެންމެ ރުލެއްވެސް އަރުވާ ނުލާއިރު ދެން މިގައުމު ސަލާމަތް ކުރެވޭނީ ކޮންގޮތަކުން ކަމާމެދު މިއަދު މިވަނީ ސުވާލު އުފެދިފައެވެ. އިވެންވީ ކަންފަތްތަކަށް ނީވުމުން ދެން އިއްވާންޖެހޭގޮތް އޮޅިފައެވެ. ހަތިޔާރެއް ނެތް ރައްޔިތުންގެ މައްޗަށް އަނިޔާވެރި ލަޝްކަރެއް ރުކުރުވާލައިގެން އެތިބީ ހަމަ ދިވެހީންގެ ލިބާސް ލައިގެންނެވެ. ރައްޔިތުން ހިމާޔަތް ކުރުމަށް އަހުދު ކަށަވަރު ހިފައިގެން އެތިބަ މީހުންނެވެ. މިފަދަ ހާލަތަކަށް ދިވެހީން މިވައްޓާލީ އެތަކެއް އަހަރަށް ދެމިގެންދިޔަ ޚުދުމުޚުތާރު ވެރިކަމެއް މުލުން ލުހެލުމަށް ދިވެހީން ހިތުއަޅައި ތެދުވުމުން ހެއްޔެވެ؟ ވެރިމީހާއާއި އޭނާގެ ދަރީންނާއި އޭނާގެ ތިމާގެ މީހުންނާއި އޭނާގެ ރައްޓެހީން އެކަނި ކައިގެން ބޮއެގެން ނާޗަރަންގީ ކުރާން މުޅިގައުމު ހިތަކަށް އޮތް ބީދައިން ބަދަލު ގެންނާން ދިވެހީން އެދުނީތީ ހެއްޔެވެ؟

ކޮންމެއަކަސް މިއަދު ރާއްޖޭގެ ރައްޔިތުން އެރައްޔިތުންގެ ކިބައިގައިވާ އެންމެ އަސާސީ ހައްގު ކަމުގައިވާ ވޯޓުލުމުގެ ޙައްގުން މިވަނީ މަޙުރޫމު ކޮއްފައެވެ. މިކަމުގައި ފާޅުކަން ބޮޑުގޮތެއްގައި ނުކުމެ އެތިބީ މިގައުމުގެ ސްޕްރީމް ކޯޓާއި ފުލުހުންނެވެ. މިއީ މިގައުމުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޖަރީމާއެވެ. މީގެ ސަބަބުން މިއަދު މިގައުމު މިވަނީ ކޮޅެއް މެދެއް ނޭނގޭ ކާރިސާއަކާއި ކުރިމަތިލާން ޖެހިފައެވެ. މަގުތަކުގެ އަމާންކަން ގެއްލި މުޅިގައުމު އިގްތިސާދީ ގޮތުން ވެއްޓި ހައިޖާނު ވެފައެވެ. ބޭރުގެ ލޯތަކުން އެތިބީ މިގައުމުގެ އިސްވެރީންގެ ގަބުޅިކަމާއި ނޭއްގާނިކަމާ ބޮޑާހޭކުމުގެ ސަބަބުން ކަޅިއަޅައިގެންގެންނެވެ. އެއުރެން މިގައުމަށް އެރިޔަސް ދޫކޮއްލިޔަސް ގެއްލުންއޮތީ މިގައުމުގެ ރައްޔިތުންނަށެވެ. އާރާއި ބާރުގައި މިގައުމުގައި މިއަދު ފެންނާން އެތިބީ ހަމަ ހުސް ޖާހިލުންނެވެ. ރައްޔިތުންގެ މައްޗަށް އެއްވެސް ކުލުނެއް ހަމްދަރުދީއެއް ނެތް ޖައްބާރުންނެވެ. ދޮގާއި މަކަރުވެރިކަމުގައި މުޅިދުނިޔޭގައި އަރާތިބި ޚާއިނުންނެވެ. ގައުމަށް ޣައްދާރު ވެފައިވާ ބާޣީންނެވެ. މިއަނިޔާވެރީން މިވަނީ މިގައުމު މުސީބާތުގެ ފުން އަނދަވަޅަކަށް ވައްޓާލާފައެވެ. ކީރިތި ﷲ މިއަނިޔާވެރީންގެ ކިބައިން މިގައުމު .ސަލާމަތް ކުރައްވާށިއެވެ. އާމީން