އިލެކްޝަންސް ކޮމިޝަނުން ނިންމަވާ ގޮތެއްގެމަތީން ބާއްވާ އިންތިޚާބުގައި އެމްޑީޕީއިން ބައިވެރިވުމަށް ތައްޔާރުކަމުގައި އެންއީސީއިން ނިންމައިފި

photo11

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓި (އެމްޑީޕީ)އަކީ ސިޔާސީ ޕާޓީއެއްކަމުން މި ޕާޓީގެ އެއްމެ އިސް މަޤްސަދަކީ، މި ރާއްޖޭގައި ޤާނޫން އަސާސީގައި ކަނޑައަޅާފައިވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިޚާބުތަކުގައި ބައިވެރިވުން ކަމުން އިލެކްޝަންސް ކޮމިޝަނުން ނިންމަވާ ގޮތެއްގެމަތީން ބާއްވާ ރިޔާސީ އިންތިޚާބުގައި މި ޕާޓީއިން ބައިވެރިވާނެކަމަށް މިއަދު ބޭއްވި އެމްޑީޕީގެ ނެޝެނަލް އެގްޒެކެޓިވް ކޮމިޓީ (އެންއީސީ)އިން ނިންމައިފިއެވެ.

އަދި މިވަގުތު އޮތް ސަރުކާރު އުފެދިގެންއައި ގޮތާއި މި ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން މިރާއްޖޭގައި ޤާނޫން އަސާސީގައި ކަނޑައަޅަފައިވާގޮތަށް ބާއްވާ އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެކަމަށް މި ޕާޓީއިން ޤަބޫލު ކުރާތީ، މި ޕާޓީއިން ދެކެނީ މިހާރު ވެރިކަމުގައި ހުރި ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު ވަގުތުން އިސްތިއުފާދީ، އަދި އޭގެފަހުން ޤާނޫން އަސާސީގައިވާ ގޮތުގެމަތިން ވެރިކަމަގެ ކަންތައްތައް ހަމަޖެހެން ޖެހޭނެކަމުގައެވެ.

މިހެން މި ކަންކަން ކުރުމުގައާއި ރާއްޖޭގެ ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.