ނޫސްބަޔާން: ޤާނޫނީ ވެރިކަމެއް ޤާއިމުކުރުމަށް ރައްޔިތުން އިހުތިޖާޖުކުރުމަށް ނުކުތުމަށް ގޮވާލުން

noosbayan

މިއަދު މެންދުރުފަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ޤައުމީ މަޖިލިހުގެ ބައްދަލުވުން ނުބޭއްވުމަށް ނިންމައި ޤައުމީ މަޖިލިހުގައި ތަމްސީލްކުރާ އިންތިޚާބީ ކޮންމެ ދާއިރާއަކުންވެސް ދިވެހިރާއްޖޭގައި ޤާނޫނީ ވެރިކަމެއް ޤާއިމުކޮށް ރައްޔިތުން ތަމްސީލުކުރާ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންތައްތައް ކުރުމަށް ގޮވާލަމެވެ.

2013 ސެޕްޓެމްބަރ 7 ވަނަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބު ޤާނޫނާއި ޚިލާފަށް ސުޕްރީމް ކޯޓުން ބާޠިލްކޮށް އަދި އެ ކޯޓުގެ ޤާނޫނީ އިމުން ބޭރުން އިންތިޚާބު ބާއްވާނެ ގޮތްތަކެއް ކަނޑައަޅައި މިނިވަން މުސްތަޤިއްލު އިލެކްޝަންސް ކޮމިޝަންގެ ޤަނޫނީ ބާރު ކަނޑުވައި ދިވެހި ފުލުހުންގެ މުވައްސަސާ ކަނޑައެޅިގެން ޤާނޫނާއި ޚިލާފަށް އަދި ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ދިވެހި ރައްޔިތުން އެތައް އިންތިޒާރުތަކެއް ކުރަމުން އައި ރިޔާސީ އިންތިޚާބު ދެވަނަ ފަހަރަށް ބާޠިލްކޮށް ހުއްޓުވައިފައިވުމުން ރައްޔިތުން އިންތިޚާބު ކުރާ ސަރުކާރެއް ޤާއިމު ކުރުމަށް ދިވެހި ކޮންމެ ރައްޔިތަކު މިއަދު މަސައްކަތް ކުރަން ޖެހޭނެ ކަމަށް މިޕާޓީން ދެކެމެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އެންމެހައި ކަމެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމުގައި ވީހިނދު ރައްޔިތުންގެ މިފަދަ ބޮޑު ޙައްޤަކަށް އަރައިގަތުމަކީ ދިވެހިރާއްޖޭގައި އަށަގަންނަމުން އަންނަ ޑިމޮކްރަސީއަށް ލިބުނު ހިތާމަވެރި ދުވަހެކެވެ. އިންތިޚާބަކީ ޤާނޫނު .އަސާސީން ރައްޔިތުންނަށް ލިބިދޭ އެންމެ އަސާސީ ޙައްޤެވެ. މިއަދު އެ ޙައްޤުން ދިވެހި މަހުރޫމުވެފައިވީ ހިނދު ދިވެހި ހުރިހާ ރައްޔިތުން އިންތިޚާބު ހޯދުމަށް އިހުތިޖާޖު ކުރުމަށް ގޮވާލަމެވެ