ރައީސުލްޖުމްހޫރިއްޔާ، އިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސްގެ ވަފްދުގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި

13 ސެޕްޓެމްބަރ 2010

jurist

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް (އައި.ސީ.ޖޭ.)ގެ ވަފްދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ވަފްދުގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވީ އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ސްޕެޝަލް ރެޕެޓުއަރ އޮން ދި އިންޑިޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔަރސް، މިސްޓަރ ލެނާޑޯ ޑެސްޕޯއިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާތައް ބިނާކުރައްވާފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭގޮތުން، ވަކިން ޚާއްސަކޮށް ޝަރުޢީ ނިޒާމް ހަރުދަނާ ކުރުމާ ބެހޭގޮތުންނެވެ.

ޖޭ.އެސް.ސީ.ގެ ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޝަރުޢީ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރެއްވުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. އަދި، މި ކަމުގައި ޖޭ.އެސް.ސީ. ގެ ފަރާތުން ވެދެއްވިދާނެ އެއްބާރުލުމާއި އެހީތެރިކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން ޢަފީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސްއަކީ، އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށާއި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ބާރުއަޅާ ބައިނަލްއަޤްވާމީ ޖަމާޢަތެކެވެ.