ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް އިތުރު ދެ ބޭފުޅަކު އައްޔަން ކުރައްވައިފި

13 ސެޕްޓެމްބަރ 2010

hrcm

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފަހުން ނަންފުޅު ފޮނުއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުން ފާސްކުރެއްވި ދެބޭފުޅުން، އެކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ޢައްޔަން ކުރައްވައިފިއެވެ. އެ ދެ ބޭފުޅުންނަކީ، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 1969 އަޙްމަދު ޢަބްދުލްކަރީމާއި، ހެންވޭރު މެރީންވިއު ޑޮކްޓަރ ޢަލީ ޝަމީމެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް އެ ދެބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، އެ ދެބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައްޝައިޚް ޢަބްދުﷲ ޢަރީފެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާ ޙަވާލުކުރެއްވިއެވެ.

އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާ އެ ދެބޭފުޅުންނާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ވަރަށް ގިނަ އަނިޔާތަކެއް ލިބިފައިވާކަމުގެ ޝަކުވާ އެމަނިކުފާނަށް އެކި ފަރާތްތަކުން ހުށަހަޅަމުން ގެންދާ ކަމަށާއި، މިއީ މި ސަރުކާރަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިޔާސީ އިޖްތިމާޢީ ހަމަޖެހުމަށް ޙައްލެއް ހޯދެން އަންނަނީ، މި ޝަކުވާތަކަށް ޖަވާބު ދެވިގެން ކަމަށް ވިދާޅުވެ، ހިއުމަން ރައއިޓްސް ކޮމިޝަނުން މި ވާޖިބު އަދާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.