އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރުކަން ރާއްޖެއިން ބޭނުންކުރާނީ، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، ރާއްޖޭގެ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް – ރައީސް

13 ސެޕްޓެމްބަރ 2010

nasheed-07052010_thumb-234-x-1801

އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރުކަން ރާއްޖެއިން ބޭނުންކުރާނީ، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، ރާއްޖޭގެ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށާއި، ރައްޔިތުންނަށް އެކަމުގެ ފުރިހަމަ ފައިދާ ހޯދައިދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހުކުރު ދުވަހު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ރާއްޖެއަށް ލިބިފައިވާ ގޮނޑިއާ މިސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ރާއްޖެއިން ޙަވާލުވާތީ، އެކަމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިކައުންސިލްގެ މެންބަރުކަން ރާއްޖެއިން ބޭނުންކުރާނީ، ދިވެހިންނަށް މިހާރު ލިބިފައިމިވާ އިންސާނީ ޙައްޤުތައް، މުޅި ދުނިޔޭގެ ހުރިހާ ރައްޔިތުންނަށް ހޯއްދަވައިދެއްވުމަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަށް ޤައުމުތައް ހޮވުމަށް ބޭއްވުނު އިންތިޚާބުގައި، އެ އިންތިޚާބުގައި ބައިވެރިވި ޤައުމުތަކުގެ ތެރެއިން އެންމެގިނަ ވޯޓު ލިބިފައިވަނީ ރާއްޖެއަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިއީ ހިއުމަން ރައިޓްސް ކައުންސިލްގެ އިންތިޚާބުގެ ތާރީޚުގައިވެސް ގައުމަކަށް އެންމެގިނަ ވޯޓް ލިބުނު ފަހަރު ކަމަށާއި، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެންބަރެއްގެ ގޮތުން، ރާއްޖެވެގެންދާނީ ދުނިޔޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ ޒިންމާ ޙަވާލުވެފައިވާ ޤައުމުތަކުގެ ތެރެއިން ޤައުމަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުކުރު ދުވަހު ދެއްވި އެމަނިކުފާނުގެ 65 ވަނަ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅުމަށްޓަކައި، ވާދަވެރި ޑީ.އާރު.ޕީ އާއި ސަރުކާރާ ދެމެދު މިހާރު ހިނގަމުންދާ މަޝްވަރާތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މިމަޝްވަރާތައް ވަރަށް އޮމާންކަމާއެކު، ވަރަށް ގުޅުންބޮޑު މާޙައުލެއްގައި ހިނގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވާދަވެރި ޕާޓީތަކުގެ މެދުގައި ދެބަސްވުން ހުންނާނެ ކަމަށާއި، އެހެން ނަމަވެސް، ޤައުމީ ކަންކަމުގައި އެކައްޗެއް ބުނެ، އެއްބަސްވެވި، ކުރިއަށް ދެވޭނެ މަގު ފެންނަކަމީ، އަޅުގަނޑުމެންގެ ޑިމޮކްރަސީ ހަރުދަނާވާ ކަމުގެ ވަރަށް ސާފު ސާދާ ހެތްކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.