މެންބަރުންގެ ޚިޔާލު: އެމްޑީޕީއަކީ ތިމާ ފޮރުވިގަންނަ ތޮށިގަނޑެއްނޫން!!!!

13 ސެޕްޓެމްބަރ 2010

ލިޔުނީ: ފުނަމާ

އެމްޑީޕީއަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި އަނިޔާވެރިކަން ބޮޑުވެ ވެރީން ރުހޭ ކޮންމެ ކަމަކީ ނިޔާކަމުގައި އަދި، އެއުރެން ނުރުހޭ ކޮންމެ ކަމަކީ އަނިޔާ ކަމުގައިވެ ވެރީންގެ އިއްޒަތާ ޖާހަށްޓަކައި ދިވެހި ނިކަމެތި ރައްޔިތުން ޤުރުބާން ކުރެވެމުންދާތާ އެތަކެއް ޒަމާންފަހުން މިއަނިޔާވެރިކަމުން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތްކޮށް އެންމެހާ ރައްޔިތުން ހަމަހަމަ ގޮތުގައި ދިރިއުޅެވޭނެ، ކުށްމަދު ވެއްޓެއްއޮންނާނެ ފުރިހަމަ އިސްލާމީ ނިޒާމެއް ޤާއިމް ކުރުމަށާއި މިދިވެހި އުންމަތް ރައްކާތެރިވެ ކުރިއަރައި ބައިނަލް އަޤްވާމީ ދަނޑުތަކުގައި ކުރިއެރުވުމުގެ މަތިވެރި ނިޔަތުގައި ޤައުމަށް ހެޔޮއެދޭ ފަރުދުންތަކެއް އެއްބައިވެ އެކުލަވާލި ޖަމާއަތެކެވެ.
މިޖަމާއަތް އުފެދުނު ވަކިތާރީޚެއް ނުވަތަ މިޖަމާއަތުގެ ބާނީންނަކީ ކޮބައިކަން މިއަދު ބުނެދޭން އުޅެފިނަމަ އެކަމަކީ ބޭއިންސާފުން މެނުވީ ކުރެވޭނެ ކަމެއް ނޫންކަން ކަށަވަރެވެ. ނަމަވެސް އެމްޑީޕީ އަނިޔާވެރިކަމުގެ ތޮށިގަނޑުން ދިވެހީންނެރެ މިޤައުމު ދުށް އެންމެ އަނިޔާވެރި، ޚުދުމުޚުތާރު އަނިޔާވެރިޔާ އާއި އޭނާގެ ބާގައިގެ މީހުންގެ ކިބައިން ސަލާމަތް ކުރުމުގައި ފިސާރި ކެތްތެރިކަމާއި، ވިސްނުންތެރިކަމާއި، ހިކްމަތްތެރިކަމާއިއެކު މަސައްކަތްކޮށް ކާމިޔާބުކުރި ފާތިހުންނަކީ ކެނެރީގޭ މުޙަންމަދު ނަޝީދުއާއި އޭނާގެ ކޮމާންޑުގެ ދަށުގައި ރުކުރުވާލި ހިއްވަރުގަދަ ފަހުލަވާނުން ކަމުގައި ދެންނެވުމީ ދެބަސްނުވެވޭނެ ކަމެކެވެ.
ނަޝީދުގެ ފަހަތްޕުޅުގައި ރުކުރުވާލެވުނު ފައުޖުގައި އެންމެ ފުރަތަމަ ފެންނަންފެށި ހިއްވަރުގަދަ ކަމުގެ ފައުޖެއްކަމުގައި ބެލެވުނު ނަމަވެސް މިވެރީންގެ ކުރިމަގު ފުނޑުފުނޑުކޮށްލުމަށް ކުރީގެ އަނިޔާވެރިކަން ވަންހަނާކޮށް ދަމަހައްޓާން އެވެރިކަމުގެ މޭސްތިރީން ދިން އަނިޔާވެރި އުދުވާންތަކުގެ ހިތިރަހަފެނި ފިނޑިވެގެން ބާކީވެދިޔަ ބަޔަކުވެސް ފެނިގެން ގޮސްފައިވެއެވެ. މީގެތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ އަދި އެމްޑީޕީ އެބަޔަކަށް ދުވަހަކުވެސް މާފުކުރާން ނުރުހޭނެ ނަންތަކުގެ ތެރޭގައި މަވޯޓާއާއި އިމާދުސޯލިހުފަދަ ނަންނަން ހުންނާނެކަން ކަށަވަރެވެ. އެމީހުންގެ ބޭނުން އެމްޑީޕީއަށް އެންމެ ބޭނުންވީދުވަހު މިފަދަ ކިތަންމެ ބަޔަކު އެމްޑިޕީއަށް ހަރާންކޯރުވެ ވެރިކަމުގެ ޖާހަތާ ހައިބަތުގެ މިލަފޭލިތަކުގައި އަރާމުގައި އޮތުމަށް މައުމޫނާއި އޭނާގެ ބައިވެރީންނާއި ގުޅި އެމްޑީޕީއަށް އުނދަގޫތަކެއް ކުރިމަތި ކުރުވިއެވެ. އެމްޑީޕީ އެބަޔަކަށް އުންމީދުކުރި ބައެއްމީހުން އެމްޑީޕީއަކީ އިސްލާމީ ވަހުދަތު ރައްކާތެރިކުރުމުގެ ބަދަލުގައި އިސްލާމްދީން ނައްތާލަން މަސައްކަތް ކުރާބަޔެއްގެ ގޮތުގައި އާންމުންނަށް ސިފަކޮށްދޭން އުޅެފައިވެއެވެ.
މިހުރިހާ ގޮންޖެހުންތަކާއެކުވެސް ނަޝީދު އޭނާގެ ކެރިސާބިތުވުމުގައި އަރިހުގައި ތެދުވެރިކަމާއެކު ޤުރުބާންވަމުން ގެންދެވި ހިއްވަރުގަދަ އެކްޓިވިސްޓުންނާއި ވިސްނުންތެރިކަމާއެކު މަޝްވަރާދެއްވުމުގައި މިސާލެއްނެތި އެހީތެރިވެދެއްވި މުޝީރުންގެ އެހީތެރިކަމާއެކު މައުމޫނުގެ ވެރިކަން މުލުން ލުހެލުމަށް ކުރިމަސައްކަތުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކުރެއްވިއެވެ. މައުމޫނުގެ އަނިޔާވެރި ކަމާއި ދެކޮޅާށް ފާޅުގައި އަޑުހަރުކޮށް ބަސްބުނެ ބިރެއްނެތި މައުމޫނުގެ އަނިޔާއާއި ކުރިމަތިލާނެ އެތައްބަޔަކު އެކެއް އަނެކެއްގެ ކިބައިން ހިއްވަރުލިބި، ބިރު ފަހަނައަޅާ ގޮސް، ތޮށިގަނޑު ފަޅާލައި ނެރެ މިޤައުމުގައި ރުކުރުވާލިއެވެ. ރައްޔިތުންގެ ޒަމާންވީ ފަލްސަފާ ބަދަލުކޮށް ދިވެހި ރައްޔިތުންނަކީ މިޤައުމުގެ ޙައްޤުވެރީންކަމުގެ އިހްސާސް ދިވެހީންގެ ހިއްތަކުގައި އަށަގެންނުވިއެވެ. ވެރީންނަކީ ކަލާނގެ ވަންތަ ބަޔެއްނޫންކަން އެމީހުންނަކީ ދިވެހީންގެ ތައްޕާހުގައި ތިބެގެން ހަމަމިދިވެހީންގެ ލޭބޮމުން ގެންދާ ބަޔެއްކަމުގައި ވާނަމަ ވެރިކަމުން ފޭކޮށްލުމުގެ ބާރު ރައްޔިތުންގެ ލޭގައި އަނިޔާވެރި ވެރިކަމުގެ ބާރުތަކުގެ އަތުގައިހުރި ހަތިޔާރުތަކަށްވުރެ ބާރުގަދަކޮށް ހުރިކަން ހަނދާންކޮށްދެއްވީ ރައީސް ނަޝީދުއާއި އޭނާގެ ބައިވެރީންނެވެ. ފިސާރި ސާބިތުކަމުގައި ރައްޔިތުން ނަށް ނަމޫނާ ދައްކަވަމުން ގެންދެވި ހިއްވަރުގަދަ އެތަކެއް ފަހުލަވާނުންތަކެއް ތިބިކަން ފާހަގަކުރަންޖެހެއެވެ. ހުރިހާ ނަންތަކެއް ފާހަގަ ކޮށްނުލެވުނަސް އުންމީދު ދޯނީގެ ހިއްވަރުގަދަ ފްލީޓުގެ ކޮމާންޑަރ އިންޗީފް އަމީންފައިސަލް އެކުރެއްވި ހިއްވަރު ސާބިތުކޮށްދިނީ އެމަނިކުފާނުންގެ ހަށިކޮޅުގައި ހުރި އަމީނީ ޖޯޝްއެވެ. ހުވަދޫ ކަނޑުގެ ތެރެއިން މައުމޫނުގެ އަނިޔާވެރި ފައުޖުތައް ވަށާލައި ކުރިމަތިކޮށްފާނެ އަނިޔާތަކާމެދު ކުޑަކޮށްވެސް ފަސްޖެހުމެއްނެތި ހިއްވަރުގަދަ އެތަކެއް ފަހުލަވާނުންނާއެކު ނަމޫނާ ދޯނީގައި އެކުރެއްވި ނަމޫނާ މަސައްކަތްޕުޅަކީ ޤައުމީ ޖިހާދެއްކަން ކަށަވަރެވެ.
ހަމައެހެންމެ ހިއްވަރުގަދަކަމާއެކު އެތަކެއް ޤުރުބާނީވެ ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން މިއަދު އަޅުގަނޑުމެންނާއި ވަކިވެ ގޮސްފައިވާ މުޙަންމަދު ރަޝީދު(ބައްޓޭ) ފަދަ އެތައް ފަހުލަވާނުންގެ ނަންފުޅު ހަނދުމަކޮށްލުމަކީވެސް ނެތްކަމެއް ނޫނެވެ. އަރާމާ އިއްޒަތުގައި ބޭނުން ލައްޒަތަކައިގެން އެއިރުވެސް އަދި މިހާރުވެސް އުޅުއްވުމުގެ ނަސީބު ލިބިވަޑައިގެން ތިއްބެވި ޑރ ޑީޑީ، މާރިޔާދީދީ، އިބްރާހީމް ހުސައިން ޒަކީ، ހަސަން އަފީފް، މީމު ސައްޕޭ، ރީކޯމޫސަ މެން، ހުސްނުއްސުޢޫދުފަދަ ބޭބޭފުޅުން އެމްޑީޕީއަށް ވެދެއްވި އެހީތެރިކަމަކީ އެމްޑީޕީގެ ހަނދާނުން ފޮހެވޭނެ ކަންކަމެއް ނޫނެވެ. ކިޔަންވެއްޖެނަމަ މިފަދަ އެތައްސަތޭކަ ނަމެއް ލިޔެލުމަކީ ނުވަތަ ކިޔާލުމަކީ އުނދަގޫކަމަކަށް ނުވާނެއެވެ. ހަމަމިނޭވާގައި ވެރިކަމުގެ ޖާހަތާއި އާރާބާރު ތިމާގެ އަމިއްލަ މުށުތެރޭގައި ނުވުމުން ފެޔަށްޖެހި އެމްޑީޕީ ނައްތާލުމަށް ބުރުމާ ޤާސިމްމެންފަދަ ހަސަންސައީދުމެންފަދަ މީހުން އެކުރި އަދި ކުރަމުންގެންދާ މަސައްކަތްތަކަކީވެސް އެމްޑީޕީ އަބަދުވެސް ބަލައިނުގަންނާނެ ކަންކަމެވެ. ސީދާހަރަކާތުގެތެރެއިން އެމްޑީޕީއަށް އަމިއްލަ ފުރާނައިން ޤުރުބާންވާންވެސް ޖެހިލުމެއްނެތި ހިންދަމާލައިގެން ފިސާރިމޭދައްކައިގެން ސާބިތުވެތިބި ޒިޔާއްޓޭ އާއި ފަލާމެންފަދަ އެތަކެއް ފަހުލަވާނުންވެސް ހަނދާންކުރާންޖެހެއެވެ. އަދި މީގެތެރެއިންވެސް އެހެންފަރާތްތައް އިސްތިސްނާނުކޮށް ހޯރައިއްބެފަދަ ބޭބޭފުޅުން އަޅުގަނޑުގެ އުސްތާޒު ޒުހައިރުމެންފަދަ ބޭފުޅުންނަކީ މިއަދުވެސް އެމްޑީޕީ އެބަޔަކަށްޓަކައި ތާއަބަދު ޝުކުރުވެރިވާނެ އެތައް ނަންތަކެއްގެ ތެރެއިން ބައެއްނަމެވެ.
ފަހަރެއްގައިވެސް މިލިޔުމުގެ ބޭނުމަކީ ވަކިބަޔެއްގެ ނަންހާމަކޮށް ވަކިބަޔަކަށް ޚުޝާމަދުކުރުމެއްނޫނެވެ. ނަމަވެސް އަޅުގަނޑަށްވެސް އެބަޔެއްގެ ހިއްވަރު ފާހަގަ ކުރެވުނު އަދި އެކި މަރުޙަލާގައި އެހިއްވަރު ދުށުމުގެ ފުރުސަތު ލިބުނު ބައެއްފަރާތްތަކުގެ ނަން ހާމަކޮށްލެވުނަތީވެ މިފަދަ އެހެން ބޭފުޅުންގެ ކިބައިން މައާފަށްވެސް އެދެމެވެ. އަޅުގަނޑުގެ ބޭނުމަކީ އެމްޑީޕީ މިއަދު މިއޮތީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކޮށްފައިކަން އަންގައިދިނުމެވެ. މިއަދު ވެރިކަމުގައި އެމްޑިޕީގެ ސީދާ އަތެއް އޮތްނަމަވެސް މިވެރިކަންވެސް ހަމަމަގުން ކައްސާލިޔަ ނުދީ ކައްސާލައިފިނަމަ ހެޔޮމަގަށް އެޅުވުމުގައި އެމްޑީޕީ ފިސާރި ސާބިތުކަމުގައި ދެމިއޮންނާނޭ ކަމުގެ ޔަޤީންކަން އެރުވުމެވެ. އެމްޑީޕީއަކީ އެކަކަށް ދޫނުކުރާނެ ކިތަންމެ ލީޑަރުންނެއް އުފައްދާފައިވާ ޖަމާއަތެކެވެ. މިއަދު މިޤައުމުން ޚިޔާނާތާއި ފަސާދަ ނައްތާލުމަށް އަދި މިޤައުމައިގެން އަމާން ބަނދަރަކަށް ދިއުމަށް އެމްޑީޕީ ކުރަމުން ގެންދާ މަސައްކަތަކީ އޭގެ ދުވެލި ކުޑަކޮށްވެސް މަޑުކޮށްލާނެ މަސައްކަތެއް ނޫނެވެ. ކިތަންމެ ބުރަޔަސް މިމަސައްކަތް އެމްޑީޕީން ކާމިޔާބުކޮށްފައިނޫނީ ހުއްޓައެއް ނުލާނެއެވެ. ކޮރަޕްޓްވެފައިތިބި މީހުން ބަލައިހޯދާ އެމީހުންނަށް ޙައްގު އަދަބުދިނުމުގައި އެމްޑީޕީން ނުފޮރޮޅާ އެންމެ ގަލެއްވެސް ނުބާއްވާނެކަން ޔަޤީނެވެ. ހަމައެހެންމެ ތިމާމެންގެ ކަށީގައި ހިފައިފައިވާ ޤައުމާއި ރައްޔިތުންގެ ޙައްގުތައް ފުނޑާލުމުގެ އާދަ ދޫކޮށް އިސްލާހުވެ ދިރިއުޅުން އާރާސްތުކުރުމުގެ ފުރުސަތު ހޯދަން ބޭނުން ކޮންމެ ފަރާތަކަށްވެސް އެމްޑީޕީން މަރްޙަބާ ކިޔާނެއެވެ.
ދަންނަވަން އޮތީ އެއްވެސް މީހަކު އެމްޑިޕީއަކީ ބަރަވެލި އޭގެ ތޮށިގަނޑު ބަދަލުކުރާހެން ވަދެ ފިލައި އޮތުމަށް ބޭނުންކުރާ ވަސީލަތެއްކަމުގައި ދެކޭނަމަ އެފަދަ މީހަކަށްވުރެ ބުއްދި ހަމަނުޖެހޭ މީހަކު ނުހުންނާނެއެވެ. އެމްޑީޕީގެ ކާމިޔާބީއަށްފަހު “މަމީ އެމްޑިޕީ ވެގެންއުޅޭ” މީހެއްކަމުގައި ދައްކަން އުޅޭ މީހުންނަކީ އެމްޑީޕީ އެބަޔަކާމެދު ނުވިސްނާ ބަޔެއްކަމުގައި ނުވާނެކަން ޔަޤީނެވެ. އަދި މިފަދަ ގޮތަކަށް އެމްޑިޕީގެ ތެރެޔަށް ވަދެ އެމްޑިޕީގެ ބަދަހި ސަފުތައް ރޫޅާލުމުގެ ބޭނުމުގައި ބަޔަކު މަސައްކަތް ކުރިނަމަވެސް އެމްޑިޕީގެ ލީޑަރޝިޕް އެއަށްވުރެ މާވަރުގަދަ ކަމުގައި ދަންނަވަންޖެހެއެވެ. އެމްޑީޕީއަކީ ވަކިފެންވަރެއް މިނުމެއްނެތި މިޕާޓީގެ އެންމެހާ މެންބަރުން ހަމަހަމަ ގޮތެއްގައި ބަސްބުނެ އުޅުމުގެ ފުރުސަތާއި ފާޑުކިއުމުގެ ފުރުސަތުވެސް ހަމައެކަނި އޮންނާނެ ސިޔާސީ ވިސްނުމެވެ. މިވިސްނުމަކީ ވަކިކަހަލަ ތޮށިގަނޑެއްގެ ތެރެއަށް ވަނަކަސް ބަދަލުކުރެވޭނެ ވިސްނުމެއް ނޫނެވެ.