ރިޔާސީ އިންތިޚާބުގައި ވޯޓު ލާ މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓުތަކުގައި ރައީސް ނަޝީދު ސޮއި ކުރައްވައިފި

2013 އޮކްޓޯބަރު 19 ގައި ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލާ މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓުތަކުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ސޮއި ކުރައްވައިފިއެވެ.

މިއަދު(18 އޮކްޓޯބަރ 2013) ހެނދުނު އިލެކްޝަންސް ކޮމިޝަނުގައި ރައީސް ނަޝީދުވަނީ ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ލިސްޓުތަކުގައި ސޮއިކުރައްވާފައެވެ. ރައީސް ނަޝީދުގެ އަރިހުގައި އެމަނިކުފާނުގެ ކެންޑިޑޭޓްގެ އޭޖެންޓު އަލްއުސްތާޛް ހަސަން ލަޠީފްއާއި އެމްޑީޕީގެ ސްކެޓްރީ ޖެނެރެލް ޝާޒްލީ ޝަފީޤާއި ޑެޕިއުޓީ ސެކެޓްރީ ޖެނެރެލް އަހްމަދު އަކްރަމްވެސް ބައިވެރިވެވަޑައިގެން ވަނީ ލިސްޓުތަކުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ސޮއިކުރައްވާފައެވެ. ކޮންމެ ވޯޓު ފޮށްޓެއްގައި ބޭނުންކުރެވޭ ވޯޓުލާ މީހުންގެ ލިސްޓުތަކުގައިވެސް ސޮއި ކުރެއްވުން އިލެކްޝަންސް ކޮމިޝަނުގައި ކުރިއަށްދާނެއެވެ.

ރައީސް ނަޝީދުގެ އިތުރުން މި ލިސްޓުތަކުގައި އިލެކްޝްނަސް ކޮމިޝަނާއި އަދި ލިސްޓު އެކުލަވާލުމުގައި މަސްދަރުކަމުގައި ބެލެވިފައިވާ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުންވެސް ވަނީ ސޮއި ކުރައްވާފައެވެ.

2013 ސެޕްޓެމްބަރ 7 ގައި ބޭއްވި ރިޔާސީ އިންތިޚާބް ބާޠިލްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވާ ގޮތުގެ މަތިން އަލުން އެކުލަވާލެވޭ ވޯޓާރަސް ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއި ކުރަން ޖެހެއެވެ. ރިޔާސީ އިންތިޚާބުގައި ވޯޓު ޙައްޤުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ލިސްޓުގައި ބައެއް ކުދި މައްސަލަތައް ހުރިކަމުގައިވީނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އިން 11 ނޮވެމްބަރ 2013 ގައި އިންތިޚާބީ އާ ރައީސެއް ހުންނަންޖެހޭނެ ކަމަށް ބުނާތީ އެމްޑީޕީން ނިންމާފައިވަނީ ރިޔާސީ އިންތިޚާބު އިތުރަށް ލަސްނުކޮށް ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބައިގެން ކުރިއަށް ދިއުމަށެވެ.