ރިޔާސީ އިންތިޚާބުގައި ވޯޓް ޙައްގުވާކަމަށް އިލެކްޝަންސް ކޮމިޝަންއިން ކަނޑައަޅާފައިވާ ލިސްޓާއި ގުޅޭގޮތުން އެމްޑީޕީއިން ނެރޭ ބަޔާން

noosbayan

19 އޮކްޓޯބަރ 2013 ވަނަ ދުވަހު ބޭވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން މަސްދަރު ގޮތުގައި ބަލާ، އިލެކްޝަން ކޮމިޝަން އިން އެކުލަވާލައްވާފައިވާ ވޯޓު ޚައްޤުވާ މީހުންގެ ލިސްޓާއި ގުޅޭގޮތުން މިޕާޓީއަށް އަންނަ ނިވި ކަންތައްތައް ފާހަގަކުރެވެއެވެ.

(1) 7 ސެޕްޓެމްބަރ 2013 ގައި ވޯޓު ޚައްޤުވާ މީހުންގެ އަދަދުކަމަށް އިލެކްޝަންސް ކޮމިޝަނުން ނެރުއްވާފައިވާ ލިސްޓުގައިވަނީ 239593 އެވެ. 19 އޮކްޓޯބަރ 2013 ގައި ވޯޓު ޚައްޤުވާ މީހުންގެެ ޢަދަދުކަމަށް އިލެކްޝަން ކޮމިޝަނުން ނެރުއްވާފައިވާ ލިސްޓުގައިވަނީ 239198 އެވެ. ވީމާ، 7 ސެޕްޓެމްބަރ 2013 ގައި ވޯޓު ޚައްޤުވާ މީހުންގެ ޖުމްލަ ޢަދަދަށްވުރެ 395 މީހުން 19 އޮކްޓޯބަރ 2013 ގައި ވޯޓު ޚައްޤުވާ މީހުންގެ ޖުމްލަ އަދަދަށްވުރެ މަދުކަމަށް ފާހަގަކުރެވެއެވެ.

(2) 7 ސެޕްޓެމްބަރ 2013 ގެ ވޯޓަރ ލިސްޓާއި، އިލެކްޝަން ކޮމިޝަންއިން ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އެއީ މަސްދަރުކަމަށް ބަލާ ތައްޔާރުކުރި ލިސްޓާއި އަލާ ބަލާއިރު 2258 އައި.ޑީ ކާޑު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

(3) 7 ސެޕްޓެމްބަރ 2013 ގައި ވޯޓް ޚައްޤުވާ މީހުންގެ ލިސްޓަށްވުރެ 19 އޮކްޓޯބަރ 2013 ގައި ވޯޓު ޚައްޤުވާ މީހުންގެ ލިސްޓުން 395 މީހުން މަދުވިކަމުގައި ވީނަމަވެސް އަދި ޕޮއިންޓް (2) ގައި ބުނެވިފައިވާ2258 އައި.ޑީ ކާޑު އިތުރުކުރި ކަމުގައިވީނަމަވެސް، 19 އޮކްޓޯބަރު 2013 ގައި ވޯޓު ޚައްޤުވާ މީހުންގެ ޖުމްލަ ޢަދަދަކީ 239198ކަމަށް ބެލެވެއެވެ.

(4) 19 އޮކްޓޯބަރ 2013 ގައި ވޯޓު ޚައްޤުވާ 239198 މީހުންގެ ތެރެއިން 62 މީހުން ވަނީ ތަކުރާރުވެފައެވެ. އެއީ ވޯޓު ޚައްޤުވާ ޢަދަދުގެ %0.03 އެވެ.

(5) 7 ސެޕްޓެމްބަރ 2013 އިން ފެށިގެން 19 އޮކްޓޯބަރ 2013 އަށްވަނީ 789 އިތުރު ކުދިންނަށް 18 އަހަރު ފުރި ވޯޓުލުމުގެ ޚައްޤު ލިބިފައެވެ.

(6) 19 އޮކްޓޯބަރ 2013 ގައި ވޯޓުލާން ޚައްޤުވާ މީހުންގެ ލިސްޓަށް އިތުރުކުރެވިފައިވާ އައި.ޑީ ކާޑު (2258) އިން 18 އަހަރު 7 ސެޕްޓެމްބަރ 2013 އިން ފެށިގެން 19 އޮކްޓޯބަރ 2013 ގެ ނިޔަލަށް ފުރުނު 789 ކުދިން ކެޑީމާ، 1469 މީހުން ބުނަން ނޭންގޭގޮތަށް ވޯޓަރ ލިސްޓަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އެއީ ވޯޓު ޚައްޤުވާ ޢަދަދުގެ %0.61 އެވެ.

މަތީގައިވާ ކަންކަން އެހެން ހުރިކަމަށް ފާހަގަ ކުރެވުނު ކަމުގައިވީނަމަވެސް، ފާހަގަ ކުރެވުނު ކަންކަމަށްބަލާއިރު އެޢަދަދަކީ މަދު ޢަދަދެއް (%0.61) ކަމަށްވާތީ މިރާއްޖޭގެ ޤާނޫނުއަސާސީ އިން 11 ނޮވެމްބަރ 2013 ގައި އިންތިޚާބީ އާ ރައީސެއް ހުންނަޖެހޭނޭކަމަށް ބުނާތީ މިޕާޓީ އިން ގަޞްދުކުރަނީ މިލިސްޓު ޤަބޫލުކޮށް، ރިޔާސީ އިންތިޚާބައިގެން ކުރިއަށް ދާށެވެ.