ނ، ބ އަދި ޅ އަތޮޅުގައި “އެއްބުރުން” ކެމްޕެއިން ބާރުސްޕީޑުގައި ކުރިއަށް

ނ، ބ އަދި ޅ އަތޮޅުގައި އެމްޑީޕީގެ “އެއްބުރުން” ކެމްޕއިން ބާރު ސްޕީޑުގައި ކުރިއަށް ގެންދަން ފަށައިފިކަމަށް އެދާއިރާގެ ކެމްޕެއިން ނައިބު ކޯޑިނޭޓާރ މާހިރު ޢީސާ ވިދާޅުވެއްޖެއެވެ.

މިއަދު (13 އޮކްޓޯބަރ 2013)ފަތިހު ފެށި މި ކެމްޕެއިން ދަތުރުގައި ދެ ޓީމަކަށް ބެހިގެން މަސައްކަތްތައް ވަނީ ފަށާފައެވެ. އަދި މާހިރު ޢީސާއާއި އެކު މިހާރު ނައިފަރުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަނީ މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރ އިބްރާޙިމް ރަޝީދު (ބޮންޑަ)އާއި، ކެންދިކޮޅުދޫ ދާއިރާގެ މަޖިލިސް މެމްބަރ އަޙަމަދު ޢީސާއާއި ޅ. އަތޮޅުގެ ކެމްޕެއިން ހަރަކާތްތެރިންނެވެ.

އަދި މީގެ އިތުރުން ރައީސް ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙްމަދު ނަސީމު، އެބޭފުޅާގެ ކެމްޕެއިން ޓީމާއި އެކު މިހާރު މަސައްކަތްތައް ކުރިއަށް ގެންދަވަނީ ބ . އަތޮޅުގައި ކަމަށާއި މި ވަގުތު އެޓީމު ތިއްބެވީ އޭދަފުށީގައި ކަމަށް މާހިރި ޢީސާ ވިދާޅުވިއެވެ.

މިފަހަރުގެ މި ދަތުރުގައި އެމްޑީޕީގެ “އެއްބުރުން” ކެމްޕެއިންގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެއެވެ. އަދި މިހާރު ވަނީ ދޮރުން ދޮރަށް ހިންގަން ފަށާފައި ކަމާއި، ކަންމަތީ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މިރޭ ނައިފަރު ގަޑި ބުރުގައި ވަރަށް ޙާއްސަ އާއްމު ބައްދަލުވުމެއްވެސް ބާއްވާގޮތަށް ވަނީ ހަމަޖެހިފައިކަމުގައި މާހިރި ޢީސާ ވިދާޅުވިއެވެ. މާހިރު ޢީސާ އިތުރަށް ވިދާޅުވީ ނައިފަރުގައި ވަރަށް މުހިއްމު ކަމެއްދީގެން އެރަށުގެ ޒުވާނުންނަށް އަމާޒުކޮށް ކުޅިވަރުގެ ހަރަކާތްތަކެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމާއި، މިއަދުން ފެށިގެން ދެދުވަހުގެ މުއްދަތަށް ފުޓުބޯޅާ ކޯޗިން ކޭމްޕެއް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައިކަމުގައެވެ.

ކުރިއަށް އޮތް ދެތިން ދުވަހު މިދާއިރާތަކުގައި ކެމްޕެއިން ހަރަކާތްތައް ބާރު ސްޕީޑްގައި ގެންދާނެކަމުގައި ވެސް މާހިރު ޢީސާ ވިދާޅުވިއެވެ.