ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީގެ ކެމްޕެއިން ދަތުރު ރޭ ފަށްޓަވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދަށް ތާއީދު އިތުރުކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރޭ (12 އޮކްޓޯބަރ
2013) ކެމްޕެއިން ހާއްސަ ދަތުރުފުޅެއް ފަށްޓަވައިފިއެވެ. މިދަތުރުގައި ރޭ އެންމެ ފުރަތަމަ ވަޑައިގަންނަވައިފައިވަނީ ހދ. ހަނިމާދޫއަށެވެ.

މިއަދު (13 އޮކްޓޯބަރ 2013) ކެމްޕެއިން ޓީމް އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ށ. ކަނޑިތީމަށެވެ. އެރަށަށް ވަޑައިގެން ރަށުގައި ތިއްބެވި ސަޕޯރޓަރުންނާއި ބައްދަލުކުރެއްވުމަށް ހަރުގެ ޖަލްސާއެއް ވަނީ ބާއްވަވައިފައެވެ. މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒާއި، ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދުއާއި، ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބު ލީޑަރ އަޙްމަދު ނާޝިދު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރޕީ)ގެ މެންބަރު އަލީ ޝަރީފް ވާހަކަފުޅު ދެއްކެވިއެވެ.

ކަނޑިތީމުގައި ހަރަކާތްތެރިވުމަށްފަހު ކެމްޕެއިން ޓީމް ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ގޮއިދޫ އަދި ބިލެތްފަހިއަށެވެ.

އެމްޑީޕީގެ މި ކެމްޕެއިން ޓީމު ވަޑައިގަންނަވާ ރަށްތަކުގައި ދޮރުން ދޮރަށް ހިނގައި ރައްޔިތުންނާއި ބައްދަލުކުރުމާއި އަދި އެރަށްތަކުގައި ހަރަކާތްތެރިވަމުން އަންނަ ކެމްޕެއިން އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.