ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓުލާން 33600އަށް ވުރެ ގިނަ މީހުން އެމްޑީޕީ މެދުވެރިކޮށް ރެޖިސްޓްރީކޮށްފި

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކުރުމަށްފަހު 19 އޮކްޓޯބަރ 2013 ގައި އަލުން ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ބުރުގައި ވޯޓުލުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މެދުވެރިކޮށް 33600އަށް ވުރެ ގިނަ މީހުން ރެޖިސްޓްރީކޮށްފިއެވެ. އިނގިލީގެ ނިޝާނާއިއެކު އަލުން ރެޖިސްޓްރީކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކުރުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ދެއްވައިފައިވަނީ 24 ގަޑިއިރުގެ މުއްދަތެކެވެ.

9 އަދި 10 އޮކްޓޯބަރ ގައި ރެޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ގޮސްފައިވާއިރު އެމްޑީޕީގެ މާލޭ ޖަގަހަ (ޖަންބު ޖަގަހަ) އާއި އެކި ދާއިރާތަކުގެ ޖަގަހަތަކުން ރެޖިސްޓްރީކުރުމުގެ މަސައްކަތްކޮށްފައިވެއެވެ. އަދި މާލޭގެ އެކިހިސާބުތަކުގައި މޭޒު ބަހައްޓައި ރެޖިސްޓްރޭޝަން ފޯރމް ފުރޭނެ އިންތިޒާމް ހަމަޖައްސައިދީފައިވެއެވެ.

ކުރު މުއްދަތެއްގައި މިހާ ގިނަ އަދަދެއްގެ ރައްޔިތުން އެމްޑީޕީ ފަރާތުން ރެޖިސްޓަރ ކުރެވިފައިވަނީ އެތަކެއް ވޮލަންޓިއަރުންނާއި، ޕާޓީގެ ކެމްޕެއިން އޮފިޝަލުންގެ މިންނެއް މަސައްކަތުންނެވެ. ރެއާއި ދުވާލު ކުރި މިމަސައްކަތުގެ ސަބުބުން އެތަކެއް ދިވެހި ރައްޔިތުންނަކަށް ވޯޓު ލުމުގެ ހައްޤުގެ ބޭނުން ހިފުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެވެ. އެހެންކަމުން އެމްޑީޕީއިން މިމަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ.

ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ހޯދައިދިނުމަކީ އެމްޑީޕީއިން އަބަދުވެސް ވަކާލާތުކުރާ އެންމެ މުހިންމެ އެއްކަންތަކަށް ވީއިރު، އަދި ގިނަ އަދަދެއްގެ ބަޔަކު ރެޖިސްޓްރީވެފައިވާތީ މިކަމުން އަންގައިދެނީ ދިވެހި ރައްޔިތުން ވޯޓުލުމުގެ ހައްގުގެ ބޭނުން ހިފުމަށް ކެތްމަދުވެފައިވާލެއް ބޮޑުކަމެެވެ.