ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ ފުވައްމުލަކަށް ކެމްޕެއިން ދަތުރުފުޅެއް ފައްޓަވައިފި

BWWXdoiCMAA60hO

19 އޮކްޓޯބަރ 2013ގައި ބޭއްވޭ ރިޔާސީ އިންތިޚާބަށް ތާއީދު އިތުރުކުރުމުގެ ގޮތުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދުގެ ރަނިންމޭޓް ޑރ.
މުސްތޮފާ ލުތުފީ ފުވައްމުލަކަށް ހާއްސަ ކެމްޕެއިން ދަތުރުފުޅެއް މިއަދު (12 އޮކްޓޯބަރ 2013) ފައްޓަވައިފިއެވެ.

މިއަދު ހެނދުނު ފުވައްމުލަކަށް ވަޑައިގެން ހަރަކާތްތެރިވުމަށް ހަމަޖެހިފައިވަނީ ދަޑިމަގު އަދި ދިގުވާޑު އަވަށުގައެވެ. އެއަށްފަހު މާދަމާ (13 އޮކްޓޯބަރ 2013) މިސްކިތްމަގު، މާލެގަން، މާދަޑު، އަދި ދޫޑިގަން އަވަށުގައި ކެމްޕެއިން ހަަރަކާތްތައް ކުރިއަށް ގެންދަވާނެއެވެ. ހޯމަ ދުވަހު އެމަނިކުފާނު ހަރަކާތްތެރިވެ ވަޑައިގަންނަވާނީ ދޫޑިގަން، ފުނާޑު، އަދި ދަޑިމަގު އަވަށުގައެވެ. އަދި، އަންގާރަ ދުވަހު ފުވައްމުލަކުގެ މި ކެމްޕެއިން ދަތުރުފުޅު ނިންމަވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލަކުގައި ހިންގާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވުމަށް ހަމަޖެހިފައިވަނީ ދޮރުން ދޮރަށް ހިންގަވައި އެމްޑީޕީއަށް ކުރިން ލިބުނު ތާއީދަށްވުރެ ބޮޑު ތާއީދެއް ހޯދުމުގެ ގޮތުން ރައްޔިތުންނާއި ބައްދަލުުކުރައްވާ އެމްޑީޕީގެ މެނިފެސްޓޯގައިވާ ކަންތައްތައް އޮޅުންފިލުވައިދެއްވުމެވެ. މީގެ އިތުރުން ކަންމަތީ ބައްދަލުވުންތަކާއި އަދި އެދުވަހަކު ހަރަކާތްތެރިވާ ސަރަހައްދުގައި ކަންމަތީ ޖަލްސާ ބޭއްވުމަށް ރާއްވަވައިފައިވެއެވެ.