ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަޞްދީޤު ކުރައްވައިފި

9 ސެޕްޓެމަބަރ 2010

މިދިޔަ އޯގަސްޓް މަހުގެ 26ވި ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 34 ވަނަ ޖަލްސާއިން ފާސްކުރެއްވި ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ ތަޞްދީޤު ކުރައްވައިފިއެވެ.
މި ޤާނޫނަކީ ދިވެހިރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް، ދިވެހިރާއްޖޭގެ ޓޫރިސްޓް ރިޒޯޓުތަކުންނާއި، ޓޫރިސްޓް ހޮޓާތަކުންނާއި، ގެސްޓް ހައުސްތަކުންނާއި، ޕިކްނިކް އައިލެންޑްތަކުންނާއި ޓޫރިސްޓް އުޅަނދުތަކުން ވިއްކާ ތަކެއްޗާއި، ދޭ ޚިދުމަތްތަކުންނާއި ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ޓޫރިސްޓުންނަށް ދިވެހިރާއްޖޭގައި ދެވޭ މިނޫންވެސް ބައެއް ޚިދުމަތްތަކުގެ އަގުން ދައުލަތަށް ޓެކްސް ނެގުމަށްޓަކައި ހަދާފައިވާ ޤާނޫނެކެވެ.

މި ޤާނޫނުގައިވާ ގޮތުން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓް ހައުސްތަކާއި ޕިކްނިކް އައިލެންޑްތަކާއި ޓޫރިސްޓް އުޅަނދުތަކާއި އެފަދަ ތަންތަނުގައި ޚިދުމަތްދިނުމަށް ޤާއިމުކޮށްފައިވާ ތަންތަނުން ޓޫރިސްޓުންނަށް ދޭ މި ދަންނަވާ ޚިދުމަތްތަކާއި ވިއްކާ ތަކެތީގެ އަގުންނާއި ޓޫރިސްޓުންނަށް ދިވެހިރާއްޖޭގައި ދެވޭ މިނޫންވެސް ޚިދުމަތްތަކުގެ ތެރެއިން މި ޤާނޫނުގައި ބަޔާންކޮށްފައިވާ ޚިދުމަތްތަކުގެ އަގުން މި ޤާނޫނުގައި ކަނޑައަޅާފައިވާ ޢަދަދެއް، ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންވާނެއެވެ.

(ހ) ޓޫރިސްޓް ރިޒޯޓުތަކާއި ހޮޓާތަކާއި ޕިކްނިކް އައިލެންޑްތަކާއި ގެސްޓް ހައުސްތަކުން ވިއްކާ ކޮޓަރީގެ އަގުން؛

(ށ) ޓޫރިސްޓް އުޅަނދުތަކުން ވިއްކާ ކޮޓަރި ނުވަތަ އެނދުގެ އަގުން؛

(ނ) ޓޫރިސްޓް ރިޒޯޓުތަކާއި ހޮޓާތަކާއި ޕިކްނިކް އައިލެންޑްތަކާއި ގެސްޓް ހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކުން ޓޫރިސްޓުންނަށް ވިއްކާ އެންމެހައި ތަކެއްޗާއި، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ޚިދުމަތްތަކުގެ އިތުރުން ޓޫރިސްޓުންނަށް ދޭ އެހެނިހެން ޚިދުމަތްތަކުގެ އަގުން؛

(ރ) ޓޫރިސްޓް ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓް ހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ހިންގަމުންދާ ޑައިވިންގ ސްކޫލްތަކާއި، ފިހާރަތަކާއި، ސްޕާތަކާއި، ވޯޓަރ ސްޕޯޓްސް ފެސިލިޓީތަކާއި މިނޫންވެސް މިފަދަ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތްތަކުގެ އަގުން؛

(ބ) ދަތުރުފަތުރު ރާވައި ހިންގުމުގެ ޚިދުމަތްދޭ ފަރާތްތަކުން ޓޫރިސްޓުންނަށް ދޭ ޚިދުމަތްތަކުން އެފަރާތްތަކަށް ލިބޭ އަގުން؛ އަދި

(ޅ) ރާއްޖޭގެ އެތެރޭގައި ޓޫރިސްޓުންނަށް ދެވޭ ވައިގެ ދަތުރުފަތުރާއި ކަނޑުގެ ދަތުރުފަތުރުގެ ޚިދުމަތުގެ އަގުން.

މި ޤާނޫނުގައިވާ ގޮތުން، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ޚިދުމަތްދިނުމުގެ މުޢާމަލާތު ހިނގީ ދިވެހިރާއްޖެއިން ބޭރުގައި ކަމަށްވީނަމަވެސް، އެފަރާތަކުން އެ ގަންނަ ޚިދުމަތެއް ލިބިގަންނަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިނގަމުން އަންނަ ޓޫރިސްޓް ރިޒޯޓެއް، ހޮޓަލެއް، ގެސްޓް ހައުސްއެއް ނުވަތަ ޓޫރިސްޓް އުޅަނދެއްގައި ކަމަށްވާނަމަ، އެފަދަ މުޢާމަލާތުތަކުގެ މައްޗަށް މި ޤާނޫނު ހިންގޭނެއެވެ.

މި ޤާނޫނުގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި، ޓެކްސް ނެގޭ މުއްދަތާއި، ޓެކްސް ބަޔާނާއި، ޓެކްސް ހިސާބުކުރާ ގޮތާއި، ޓެކްސް އިންވޮއިސްއާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ބާރާއި، ޓެކްސް ދެއްކުމުން އެއްކިބާވުމާއި، ރަޖިސްޓަރީ ކުރުމާއި، ކުށާއި އަދަބުތަކާއި، އަދި އެހެނިހެން ކަންތައްތައް ހިމެނެއެވެ.