ރިޔާސީ އިންތިޚާބާ ގުޅިގެން ސްޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ޤާނޫނު އަސާސީއާ ޚިލާފު އަމުރުތައް ނެރުމުންދާ ދިއުން ކުށްވެރިކުރުން

noosbayan

އިލެކްޝަންސް ކޮމިޝަނަކީ ޤާނޫނު އަސާސީން ބާރުލިބިގެން އުފައްދާފައިވާ މިނިވަން ޤާނޫނީ ޝަޚުޞަކަށްވާއިރު، އަދި އިންތިޚާބުތައް އިންތިޒާމްކޮށް ހިންގައި ބަލެހެއްޓުން ޤާނޫނީގޮތުން މަތިކޮށްފައިވާ ފަރާތްކަމަށްވާއިރު، އެ ކޮމިޝަނުގެ ބާރުވެރިކަން ކަނޑުވާލައި، ޤާނޫނު އަސާސީއާ ޚިލާފު އަމުރުތައް އެކޮމިޝަނުގެ މައްޗަށް ސްޕްރީމް ކޯޓުން ނެރެމުންދާތީއާއި، މިގޮތުން ރޭގެ ދަންވަރުގެ ވަގުތެއްގައި އަނެއްކާ އެބާވަތުގެ އަމުރެއް އެކޮމިޝަނުގެ މައްޗަށް ސްޕްރީމް ކޯޓުން ނެރެފައިވާތީއާއި، ރިޔާސީ އިންތިޚާބުގައި މީގެ ކުރީގައި ރީ-ރަޖިސްޓްރީ ކުރިކުރުމަށް ބެލުމެއް ނެތި، މުޅިން އަލުން އެކަން އިންތިޒާމްކުރުމަށް އެކޮމިޝަނުގެ މައްޗަށް ޤާނޫނު އަސާސީއާޚިލާފަށް އަމުރުކޮށްފައިވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ކުށްވެރިކުރަމެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ޤާނޫނު އަސާސީއާއި ޤާނޫނުގައިވާގޮތުގެ މަތިން އަމަލުކުރަމުންދާހިނދު، އަދި އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވާފއިވަނީ ވެސް ބައިނަލް އަޤުވާމީގޮތުން ޤަބޫލުކުރާ އެންމެހައި މިންގަނޑުތަކާ އެއްގޮތަށް ބައިނަލް އަޤުވާމީ ފެންވަރުގައިކަމަށް ބަޔާންކޮށް މުޅި ދުނިޔެ އެކަމަށް ތައުރީފުކޮށް އަދި ހަމަ އެފެންވަރުގައި ދެންވެސް އިންތިޚާބު ބޭއްވުމަށް މުޅި ދުނިޔެއިން ގޮވާލަމުންދާހިނދު، މިރާއްޖޭގެ ސްޕްރީމް ކޯޓުން އެއާޚިލާފަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ޤާނޫނު އަސާސީއާ ޚިލާފު އަދި ދުނިޔެ ޤަބޫލު ނުކުރާ އަމުރުތައް ނެރެމުންދާކަން ފާހަގަކުރަމެވެ.

އެހެންކަމުން، ޤާނޫނު އަސާސީއާއި ޤާނޫނުގައި ވާގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުން މިހާރުވެސް ރިޔާސީ އިންތިޚާބު އިންތިޒާމުކޮށް ހިންގަމުންދާ ގޮތަށް ހުއްޓުމެއް ނުގެނެސް އެކަންކުރުމުގައި ދެމިތިބުމަށް އެމް.ޑީ.ޕީ އިން އިލެކްޝަންސް ކޮމިޝަނަށް އިލްތިމާސްކުރަމެވެ. އަދި މި ޕާރޓީން އަބަދުވެސް އަމަލުކުރާނީ އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބުގެ އިންތިޒާމްތައް ހަމަޖައްސާ ގޮތާ އެއްގޮތްވާ ގޮތުގެމަތިންކަމުގައި ދަންނަވަމެވެ. އަދި ހަމައެހެންމެ، އިލެކްޝަންސް ކޮމިޝަނުން ވޯޓު ރެޖިސްޓްރީގެ ކަންތައްކުރުމަށް އަންގާ ކޮންމެ އުސޫލަކުން އަދި ކޮންމެ ވަގުތެއްގައި ވިޔަސް އެކަން ކުރުމަށް މިޕާރޓީން އަބަދުވެސް ތައްޔާރަށް އޮތްކަމުގައި ދަންނަވަމެވެ.

އިލެކްޝަންސް ކޮމިޝަނަކީ ރިޔާސީ އިންތިޚާބާއި އަދި އެހެނިހެން އިންތިޚާބުތައް ބޭއްވުމުގެ މަސްއޫލިއްޔަތު ޤާނޫނު އަސާސީއާއި ޤާނޫނުން މަތިކޮށް، ޤާނޫނީ އެ ބާރުވެރިކަން ދީފައިވާ ފަރާތްކަމަށް ވީހިނދު، އެ ކޮމިޝަނުގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ސަލާމަތީ ޚިދުމަތްތަކުންނާއި ބައިނަލް އަޤުވާމީ ފަރާތްތަކުން އެކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެމް.ޑީ.ޕީ އިން ގޮވާލަމެވެ.

11 އޮކްޓޯބަރ 2013

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް