އެމްޑީޕީގެ ޖަގަހަތަކަށް ދެމުންދާ ގެއްލުން ހުއްޓުވައިދިނުމަށް އެދި ފުލުހުންނަށް ހުށައެޅުމުން ފުލުހުންގެ ފަރާތުން އެއްބާރުލުން އަދިވެސް ވަނީ ނުލިބި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެމްޕެއިން ޖަގަހަތަކަށް އެކި ފަރާތްތަކުން ދެމުންދާ ގެއްލުން ހުއްޓުވައިދިނުމަށް އެދި ފުލުހުންނަށް ހުށައެޅުމުން އަދިބެސް އެއްބާރުލުން ވަނީ ނުލިބިފައެވެ. އެމްޑީޕީގެ ފަރާތުން މިގޮތަށް އެދި ހުށައަޅައިިފައިވަނީ 24 ސެޕްޓެމްބަރ 2013ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޕާޓީގެ ފަރާތުން ފޮނުވި MDP/2013/A-1005 ނަންބަރު ސިޓީގައެވެ.

މިސިޓީގައި މާލޭގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ އެމްޑީޕީގެ ކެމްޕެއިން ޖަގަހަތަކަށް ތަކުރާރުކޮށް އެކިފަހަރުމަތިން ގެއްލުންދީ ހަދަމުންދާކަމާއި އަދި ވަކިން ޚާއްސަކޮށް ޕާޓީ ކެމްޕެއިން މައި ޖަގަހަ ކަމުގައިވާ މަޖީދީމަގު ޖަންބުގޭގައި ހަދާފައިވާ ޖަންބު ޖަގަހައަށް ކެނޑިނޭޅި އެކިފަރާތްތަކުން ދަނީ ގެއްލުން ދެމުންދާކަން ފާހަގަކޮށްފައިވެއެވެ.

މިކަންތައްތަކުން ރައްކާތެރިވެ ޖަގަހަ ތަކަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތްވެ އަމާން މާހައުލެއްގައި ކެމްޕޭން ކުރުމަށްޓަކައި އެމްޑީޕީގެ ޖަގަހަތަކުގެ ސެކިޔުރިޓީ ބަލަހައްޓަވައިދެއްވުން އެދި ފުލުހުންނަށް ސިޓީގައި ދަންނަވައިފައިވެއެވެ.

އެހެންނަމަވެސް، އަދިވެސް ކެނޑިނޭޅި ޕާޓީގެ ޖަގަހަތަކަށް ގެއްލުން ލިބެމުންދާއިރު، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ ހަވާލުކުރެވިފައިވާ ފުލުހުންގެ ފަރާތުން އެއްވެސް ކަހަލަ ރައްކާތެރިކަމެއް ލިބިފައިނުވާކަން ހިތާމައާއިއެކު ފާހަގަކުރަންޖެހެއެވެ.

އެކިއެކި ގެއްލުންތައް ދިންކަމުގައި ވީނަމަވެސް އެމްޑީޕީއިން ރިޔާސީ އިންތިޚާބަށް ކުރަމުން އަންނަ ކެމްޕެއިން އެއްވެސް މަޑުޖެހުމެއްނެތި ބާރަށް ކުރިއަށް ދާނެއެވެ.