އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން އިންތިޚާބުގައި ކުރިއަށް ދިއުމަށް އެމްޑީޕީއިން ނިންމައިފި

7 ސެޕްޓެމްބަރ 2013ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ޤަބޫލު ނުކޮށް ޖުމްހޫރީ ޕާޓީއިން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމުގައި ފުރަތަމަ ބުރުގެ ނަތީޖާ ބާތިލު ކުރުމަށް ސްޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިންމާގޮތެއްގެ މަތީން ކުރިޔަށް ދިއުމަށް އެމްޑީޕީއިން ވަނީ ނިންމާފައެވެ.

މިއަދު )8 އޮކްޓޯބަރ 2013(ގައި އެމްޑީޕީން ބޭއްވި ޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވާ ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއިން ބައިވެރިވުމަށް ނިންމާފައިވަނީ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި ނިންމާ ގޮތެއްގެ މަތީންނެވެ.

އަދި ޤައުމީ ހިންގާ ކޮމިޓީއިން މިއަދު މިގޮތަށް މި ކަން ނިންމާ އެމްޑީޕީގެ “އެއްބުރުން” ކެމްޕެއިން ގެ ހަރަކާތްތައް މިރެއިން ފެށިގެން ކުރިއަށް ގެންދާގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.